23 ޖަނަވަރީ 2023 - 12:41 0
ފާތިމަތު ސާޔާ އަހުމަދު
ބީބީސީ ޑޮކިޔުމެންޓްރީގެ މަންޒަރެއް. -- ފޮޓޯ: ގަލްފް ޓައިމްސް
23 ޖަނަވަރީ 2023 - 12:41 0
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފާޑުކިޔާ ބީބީސީގެ ޑޮކިޔުމެންޓްރީއެއް އިންޑިއާގައި ދެއްކުން މަނާކޮށްފި އެވެ.
އެއީ 2002 ވަނަ އަހަރު ގުޖަރާތު ސްޓޭޓުގެ ޗީފް މިނިސްޓަރަކަށް މޯދީ ހުންނެވި އިރު ހިންދޫންނާއި މުސްލިމުންނާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅޭ ޑޮކިޔުމެންޓްރީއެކެވެ.
އެ ހަމަނުޖެހުމުގައި ގިނައިން މަރުވީ މުސްލިމުންނެވެ. އެ ހާދިސާގައި މޯދީ އަދާކުރެއްވި ދައުރާ ގުޅޭ ގޮތުން "އިންޑިއާ: ދަ މޯދީ ކުއެސްޝަން" ޑޮކިޔުމެންޓްރީގައި ސުވާލު އުފައްދާފައިވެ އެވެ.
އިންޑިއާގައި އެ ޑޮކިޔުމެންޓްރީ ދެއްކުން މަނާކުރުމުގެ އިތުރުން، އޭގެ އެއްވެސް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ވީޑިއޯ ދައުރުކުރުން މަނާކުރަން އެންގީ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ގަވާއިދުގެ ދަށުން ސަރުކާރަށް ލިބިދޭ އެމެޖެންސީ ބާރުގެ ބޭނުންކޮށްގެންނެވެ.
ބީބީސީއިން މިހާތަނަށް އެ ޑޮކިޔުމެންޓްރީ އިންޑިއާގައި ދައްކާފައެއް ނުވެ އެވެ. އެހެން ނަމަވެސް ބައެއް ޔޫޓިއުބް ޗެނަލްތަކަށް ވީޑިއޯ ވަނީ އަޕްލޯޑުކޮށްފަ އެވެ.
ވީޑިއޯގެ ލިންކުތައް ފޯރުކޮށްދޭ 50 އަށް ވުރެ ގިނަ ޓްވީޓް ބްލޮކް ކުރަން އިންޑިއާ ސަރުކާރުން ވަނީ ޓްވިޓާއަށް އަމުރުކޮށްފަ އެވެ. އޭގެ އިތުރުން ޑޮކިޔުމެންޓްރީއާ ގުޅޭ ހުރިހާ ވީޑިއޯއެއް ބްލޮކްކުރަން ޔޫޓިއުބަށް ވެސް ވަނީ އަންގައިފަ އެވެ.
އިންޑިއާ ސަރުކާރުގެ އެޑްވައިޒަރު ކަންޗަން ގުޕްތާ ވިދާޅުވީ ޓްވިޓާ އާއި ޔޫޓިއުބުން ވެސް އެންގުމާ އެއްގޮތަށް އަމަލުކުރަމުންދާ ކަމަށެވެ.
ގުޖަރާތުގައި 2002 ވަނަ އަހަރު ހިނގި ހަމަނުޖެހުމުގައި 1000 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް އިންޑިއާ ސަރުކާރުން ބުނެ އެވެ. ހަމަނުޖެހުން ފެށީ ހިންދޫ ދީނުގެ މީހުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ރޭލެއްގައި ރޯވެ 59 މީހުން މަރުވުމުންނެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން ބުނީ އެ ހަމަނުޖެހުމުގައި މަރުވި މީހުންގެ އަދަދު 2000 އަށް ވުރެ މަތިވާނެ ކަމަށެވެ. ހަމަނުޖެހުން ހުއްޓުވުމުގައި މޯދީ ފެއިލްވި ކަމަށް ކުރާ ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވަ އެވެ.
އެ ހަމަނުޖެހުމުގައި މޯދީ އާއި އެހެން މީހުންގެ ބައިވެރިވުން ބެލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ހާއްސަ ތަހުގީގީ ޓީމެއް އުފެއްދި އެވެ. އެ ޓީމުން 2012 ގައި ނެރުނު 541 ސަފުހާގެ ރިޕޯޓުގައި ބުނީ މޯދީއާ ދެކޮޅަށް ދައުވާ އުފުލަން ޖެހޭ ފަދަ ހެއްކެއް ނުފެނުނު ކަމަށެވެ.
ހިންދޫ ދީން ފަތުރަން މަސައްކަތް ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ލީޑަރު ކަމަށް މޯދީ ވަޑައިގެންނެވީ އޭގެ ފަހުންނެވެ. މޯދީ ވެރިކަމަށް ވަޑައިގެންނެވީ 2014 ގެ އާއްމު އިންތިހާބުން ކުރި ހޯއްދަވައިގެންނެވެ. ދެ ވަނަ ފަހަރަށް އިންތިހާބުވީ 2019 ގަ އެވެ.
މިދިޔަ ހަފުތާގައި އިންޑިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ބީބީސީ ޑޮކިޔުމެންޓްރީއަކީ "ޕްރޮޕެގެންޑާ" ކަމަށާއި ބޭނުމަކީ "އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް" ފެތުރުން ކަމަށެވެ.
Comment