Advertisement

ގުރުއާން އަންދަން ހުއްދަ ދިނުމުން ސްވިޑަންގެ ބޮޑު ވަޒީރު ނުރުހުން ފާޅުކޮށްފި

23 ޖަނަވަރީ 2023 - 16:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްވިޑަންގެ ބޮޑު ވަޒީރު އުލްފް ކްރިސްޓަސަން. -- ފޮޓޯ: އޭޕީ


ގުރުއާން އަންދަން ހުއްދަ ދިނުމުން ސްވިޑަންގެ ބޮޑު ވަޒީރު ނުރުހުން ފާޅުކޮށްފި

23 ޖަނަވަރީ 2023 - 16:37 0

ސްޓޮކްހޯމްގައި ތުރުކީ އެމްބަސީ ކައިރިއަށް އެއްވެ ގުރުއާން އެންދުމަކީ "ވަރަށް އިހްތިރާމް ކުޑަ" އަމަލެއް ކަމަށް ވިދާޅުވެ، ސްވިޑަންގެ ބޮޑު ވަޒީރު އުލްފް ކްރިސްޓަސަން އެކަން ކުށްވެރި ކުރައްވައިފި އެވެ.

ކަނާއަތު ފިޔައިގެ ހަރުކަށި ވިސްނުން ގެންގުޅޭ ރަސްމުސް ޕަލުޑަން އެމްބަސީ ކައިރިއަށް އެއްވެ، ގުރުއާން އަންދަން ހުއްދަ ދިނީ ސްވިޑަންގެ ފުލުހުންނެވެ. އޭނާ އެކަން ކުރީ ހޮނިހިރު ދުވަހު އެވެ.

ގުރުއާން އެންދުމާ އެކު ސްވިޑަން އާއި ތުރުކީގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، އަރަބި އަދި އިސްލާމީ ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ސްވިޑަންއަށް އަމާޒުވި އެވެ.

ޑެންމާކްގެ ހާޑްލައިން ޕާޓީގެ ލީޑަރުކަން ކުރާ ޕަލުޑަންއަކީ ސްވިޑަންގެ ޕާސްޕޯޓް ވެސް އޮންނަ މީހެކެވެ. ގުރުއާން އަންދަން އޭނާއަށް ހުއްދަ ދިނުމުން ތުރުކީއިން ވަރަށް ބޮޑަށް ރުޅިގަދަވި އެވެ.

އެގޮތުން ސްވިޑަންގެ ސަފީރު ތުރުކީގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، ސްވިޑަންގެ ޑިފެންސް މިނިސްޓަރު ތުރުކީއަށް ކުރެއްވުމަށް ހަމަޖެހުނު ރަސްމީ ދަތުރެއް ވެސް ވަގުތުން ކެންސަލް ކުރި އެވެ.

އެ މައްސަލައިގައި ސްވިޑަންގެ ބޮޑު ވަޒީރު ކްރިސްޓަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އަސާސް ނަމަވެސް، ގާނޫނުން ހުއްދަވާ ކޮންމެ ކަމަކީ އެންމެ ރަނގަޅު ކަމަކަށް ނުވެދާނެ ކަމަށެވެ.

"ގިނަ ބަޔަކަށް މާތްވެގެންވާ ދީނީ ފޮތެއް އެންދުމަކީ ވަރަށް އިހްތިރާމް ކުޑަ އަމަލެއް،" ކްރިސްޓަސަން ވިދާޅުވި އެވެ.

"ސްޓޮކްހޯމްގައި ހިނގި އެ އަމަލުގެ ސަބަބުން އަސަރުކޮށްފައިވާ ހުރިހާ މުސްލިމުންގެ އިހްސާސްތައް އަޅުގަނޑު ބަލައިގަންނަން."

ގުރުއާން އަންދަން ހުއްދަ ދިން ޕަލުޑަންއަކީ ނަސްލީ ތަފާތުކުރުމުގެ އަމަލުތައް ހިންގާ ކަމަށް ކުށް ސާބިތުވެފައި ހުރި މީހެކެވެ. މިދިޔަ އަހަރު ވެސް އޭނާ ވަނީ ސްވިޑަންގެ އާއްމު ތަންތަނުގައި ގުރުއާން އެންދުމުގެ ޓުއާއެއް ހިންގައިފަ އެވެ. އޭގެ ސަބަބުން ސްވިޑަންގައި ހަމަނުޖެހުން އުފެދުނެވެ.