Advertisement

ގިނަ ސަރުކާރުތައް އުފައްދައި ޔުނިޓަރީ ދައުލަތުގެ އަސާސް ރޫޅާލުމުގެ ވާހަކަ؛ ނުރައްކާތެރި ވިސްނުމެއް!

22 ޖަނަވަރީ 2023 - 14:44 12

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ގިނަ ސަރުކާރުތައް އުފައްދައި ޔުނިޓަރީ ދައުލަތުގެ އަސާސް ރޫޅާލުމުގެ ވާހަކަ؛ ނުރައްކާތެރި ވިސްނުމެއް!

22 ޖަނަވަރީ 2023 - 14:44 12

'ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިގްރާތީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެކެވެ.'

މިއީ ރާއްޖޭގެ ގާނޫނު އަސާސީގެ ދެވަނަ މާއްދާގެ އިބާރާތެވެ. އެންމެ އެވޭލާ ޒަމާނުއްސުރެ ރާއްޖެއަކީ އެއް ވެރިކަމެއް ކުރާ، އެއް ދައުލަތެއްގެ ގޮތުގައި ހިނގަމުން އަންނަ ދައުލަތެކެވެ. އެ ސިފަ ނައްތާލައި، ވަކި ސަރުކާރެއް އުފެއްދުމަށް ބަޔަކު މަސައްކަތްކުޅަ ކޮންމެ ފަހަރަކު ރާއްޖެ ތަޖުރިބާކުރީ ލޭއޮހޮރުވުމެވެ.

މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުންގެ ވެރިކަމުގައިވެސް ބަޔަކު މި ސަކަރާތެއް ޖަހާ ވާހަކަ ދައްކައި، ވަކިވެގަންނަން މަސައްކަތްކުރިކަން ތާރީހުން އެނގެން އެބައޮތެވެ. ހަވަރުގައި ހިމެނޭ 'އޮޅިމެދު' ބެހިފައިވާ ހަނގުކަމާ، ވަރުހަނގުކަމާ، އައްތާރަފަނިކަމާ، އަސްކަރުކަމުގެ ތެރެއިން، އަސްކަރުންނޭ ކިޔެނީ ބައެއް ރަށްރަށު މީހުން ނުކިޔަމަންތެރިވެގެން އެކަން ހަމަޖައްސަވާން، ހަވަރުގެ ތެރެއިން އެކިބައިމީހުން އެކި ރަށްރަށަށް ފޮނުއްވިއިރު އުތުރުގެ ރަށްރަށަށް ފޮނުއްވި ލަޝްކަރުގައިި ހިމެނުނު މީހުންނަށެވެ. މިއީ، މިކަހަލަ ނުކިޔަމަންތެރިކަމާއި ދައުލަތާ ވަކިވެގަތުމުގެ ވިސްނުމުގެ ދިގު ތާރީހު ސާބިތުކޮށްދޭ ކަމެކެވެ.

އުތުރު ގަޑުބަޑުގެ ސަބަބުތަކާއި، އެމީހުން ތަހައްމަލުކުރާން ޖެހުނު އަނިޔާތަކާއި، ސުވާދީބު ސަރުކާރު އުފެދުމާއި ނިމިގެންދިޔަ ގޮތަކީ ރާއްޖޭގެ ތާރީހުގެ އެންމެ ކަޅު ސަފުހާތަކެވެ. އެ ސަފުހާތަކަށް އަޅުގަނޑުމެންގެ ލޯ ދިއްކޮށްލަނީ ބަލާން ނުބަލާން ތިބެ އެވެ. ކުރެހިގެން އަންނަ މަންޒަރުތަކުގައި ދައްކާން ހުރި ވާހަކައަށް ވުރެ ގިނައީ ދައްކައިގެން ނުވާނޭ ނުވަތަ ދެއްކެން ނެތް ވާހަކަތަކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ މުހައްމަދު ނަޝީދު ހުވަދު އަތޮޅު ވިލިނގިއްޔަށް ވަޑައިގެން ވާހަކަ ދައްކަވަމުން އަނެއްކާވެސް މި ބާވަތުގެ ވާހަކަފުޅެއް ދައްކަވައި، ޒަމާންވީ ޒަހަމުތަކުގައި ކޮށައި ތާޒާކުރައްވަން މަސައްކަތް ކުރައްވައިފި އެވެ. ހަމައެކަނި ސިޔާސީ ބޭނުންފުޅެއްގަ އެވެ.

އެ ރަށުގައި ދައްކަވަމުން ގެންދެވި ވާހަކަފުޅުގެ މިސްރާބަކީ، ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގެ ވާހަކަ އެވެ. އެ ވާހަކައިގެ ތެރެއިން ހަމަ ކުއްލިއަކަށް އެ ވިދާޅުވީ އެކަން ކުރެވޭނީ ފެޑެރަލް ނިޒާމަކަށް ރާއްޖެ ބަދަލުކޮށްގެން ކަމަށެވެ.

ފެޑެރަލް ނިޒާމޭ އެ ކިޔަނީ، އެންމެ ތިލަކޮށް ދަންނަވާނަމަ، އެއް ދައުލަތެއްގެ ގޮތުގައި އޮންނަ ގައުމެއްގެ އެކި ސަރައްހަދުތަކުގައި ވަކި ސަރުކާރުތަކެއް އުފައްދައި، ސަރަހައްދީ ގާނޫނުތަކުގެ ތެރެއިން އެ ސަރަހައްދެއްގެ ކަންކަން އެ ސަރުކާރަކުން ހިންގާ ގޮތަށް އޮންނަ ނިޒާމަށެވެ.

އެ ނިޒާމުގައި ވެސް ހުރިހާ ސަރުކާރުތަކަކުން ތަބާވާނޭ މައިގަނޑު އަސާސްތަކެއް ނުވަތަ ފެޑެރަލް ގާނޫނުތަކެއް ހުންނާނެވެ. އެހެންނަމަވެސް ކޮންމެ ސަރަހައްދެއްގައި އޮންނާނީ އެ ސަރަހައްދަކުން އިންތިހާބުކުރާ ސަރުކާރަކާއި ރައްޔިތުންގެ މަޖިލީހެކެވެ. އެ ނިޒާމު ބަރުލަމާނީ ނުވަތަ ރިޔާސީ ނިޒާމުން ވެރިކަން ކުރާ ގައުމެއްގައި ވެސް ހިންގަފާނެ އެވެ. ފެޑެރަލް ބަރުލަމާނީ ނިޒާމުގެ މިސާލަކީ އިންޑިއާ އެވެ. ފެޑެރަލް ރިޔާސީ ނިޒާމުގެ މިސާލަކީ އެމެރިކާ އެވެ.

ނިކަން ފައްކާ ގޮތެއް ކަމަށް އެ ވިދާޅުވާ އުސޫލުން ވެރިކަން ހިންގަނީ މުޅި ދުނިޔޭގައި ވެސް އެންމެ ފަންސަވީސް ގައުމުގަ އެވެ. އެ ގައުމުތަކަކީ ވެސް އެތައް މިލިޔަނުގެ އާބާދީ އޮތް، ރާއްޖެއާ ވަރުން ނޭޅުވޭ ވަރު ބޮޑެތި ގައުމުތަކެވެ. ރާއްޖެއަށް މި ވީހާ ދުވަހެއްގައި މި ދައުލަތުގައި ބައިވަރު ސަރުކާރުތައް ނުއުފައްދައި އަޅުގަނޑުމެން މިތިބީ އެއީ ކުރާން ހެޔޮވާވަރުގެ ކަމެއް ނޫންކަން އަޅުގަނޑުމެން ދެކި ތަޖުރިބާކޮށްފައި ވާތީ އެވެ.

ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގޭނީ ފެޑެރަލް ނިޒާމަކަށް ބަދަލުކޮށްގެން ކަމަށް އެ ވިދާޅުވަނީ ކަނޑައެޅިގެން ގޯހުންނެވެ. ފެޑެރަލް ނިޒާމަށް ހިންގާ ގައުމުތަކުގައި ވެސް ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުން އޮވެ އެވެ. އެހެންވީމާ ފެޑެރަލް ނިޒާމަކީ ލާމަރުކަޒީ ނިޒާމު ނުހިންގިގެން ހޯދާ ހައްލެއް ނޫންކަން ސާފުކޮށް އެބަ އެނގެ އެވެ.

ވަކިވަކި ސަރުކާރުތައް އުފެއްދުމުގެ ވާހަކައަކީ މީހުންގެ ލޭ ކައްކުވާލައި ޖޯޝެއް އުފައްދާނޭ ކަހަލަ ވާހަކައެކެވެ. އިންތިހާބުގެ ކެމްޕޭނާ ދިމާކޮށް ހުވަދު އަތޮޅުގައި ހުންނަވައި އެ ވާހަކަ އެ ދެއްކެވީ މީހުން ކައްކުވާލާނަމޭ ހިތްތަވަ އެވެ. އެއީ އޭގެ ނަތީޖާއަށް އެއްވެސް ވަރަކަށް ވިސްނެވުމެއް ނެތި ދެއްކެވި ވާހަކަފުޅެކެވެ. އެ ހުންނަނީ އެކަމުން އުފެދޭ ސިޔާސީ ފޯރިއާއި، ހަމަނުޖެހުން ދެކި ބަޔަކަށް އެކަމުން އުފާ ލިބޭނޭތީ ކޮށްލަން ހެޔޮވާވަރު ކަންކަމެއް ނޫނެވެ.

ކޮންމެ އަތޮޅަކަށް ނުވަތަ ދެތިން އަތޮޅު އެއްކޮށްލައި ސަރުކާރެއް އުފައްދާނަމަ، ރާއްޖެފަދަ ގައުމަކަށް ވެގެންދާނީ ތަސައްވުރުކޮށްލަންވެސް ދަތި އުނދަގޫ ގޮތްތަކެކެވެ. ފެޑެރަލް ނިޒާމަށް ވެރިކަން ހިންގާ ގައުމުތަކުގައި ސެންޓްރަލް ސަރުކާރާއި، ސަރަހައްދީ ސަރުކާރުތަކުގެ ކޯޅުންތައް ބަލައި ކިޔައިފި ކޮންމެ މީހަކަށް މިކަމުގެ މިސާލުތައް އެހުރީ ފެންނާށެވެ. އެގައުމުތަކުގައި އެ މައްސަލަތައް ހައްލުވެގެން ދަނީ، ޑިމޮކްރެސީ ހިންގުމުގެ ތަޖުރިބާއާއި އެ ނިޒާމުތަކާމެދު ރައްޔިތުންގެ ހޭލުންތެރިކަން އޮތް މިންވަރާއިއެކު ވެސް، ނިކަން އުނދަގުލާއި ގެއްލުންތައް ތަހައްމަލުކުރުވާފަ އެވެ.

ގިނަ ސަރުކާރުތަކެއް އުފެއްދުމުގެ ވާހަކަ ޖޯޝާއެކު ވިދާޅުވީތީ، އެކަން ކުރާނޭ ގޮތުގެ ތަސައްވުރަކީ ކޮބައިތޯ އެހުމުން އެކަމުގައި ނަޝީދުގެ ސާފު ޖަވާބެއް ނެތެވެ. ހުވަދޫ ދަތުރުފުޅަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިން ކުރި ސުވާލުތަކަށް ދެއްވި ޖަވާބުން ސާފުވީ އެ ވިސްނުންފުޅަކީ ތަސައްވުރެއް އޮވެގެން ނުވަތަ 'ވިޝަން އެއް' އޮވެގެން ދެއްކެވި ވާހަކަފުޅެއް ނޫން ކަމެވެ. ޖަވާބު ދެއްވުމުގެ ބަދަލުގައި މުޅީންވެސް އުޅުއްވީ ހަވާސާގަ އެވެ. ވިދާޅުވީ ފެޑެރަލް ނިޒާމު ގެނައުމާ ގުޅޭ ގޮތުން ޖެހޭނީ ގިނަ ބަޔަކާ މަޝްވަރާ ކުރައްވަން ކަމަށާއި އެ މަނިކުފާނު ބޭނުންފުޅު ވާނީ ގިނަ ބަޔަކު ބޭނުންވާ ގޮތެއް ކަމަށެވެ.

ޔުނިޓަރީ ދައުލަތަކަސް ފެޑެރަލް ދައުލަތަކަސް، ކައުންސިލްތަކުގެ ބައިވެރިވުން އޮވެގެން ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގޭނެ އެވެ. އެ ނިޒާމުގައި ފެޑެރަލް ސިފަ ޖައްސާ ވާހަކަ އެ ދައްކާ ބަޔަކު ދައްކަނީ މުޅީން އެހެން ބޭނުމެއްގަ އެވެ. ރާއްޖޭގެ އެއް ދައުލަތުގެ ސިފަ ގެއްލުވާލާ ވާހަކައަކީ އޭގެ ޒާތުގައިވެސް ފިތުނަވެރި ވާހަކައެކެވެ. ކެމްޕޭނެއްގައި ވިޔަސް، ދައްކަން ކަމުނުދާކަހަލަ ވާހަކަ ހުންނާނެ އެވެ. އެއީ އެކަހަލަ ވާހަކައެކެވެ.