Advertisement

ލިވަޕޫލާއި ޗެލްސީ އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

21 ޖަނަވަރީ 2023 - 19:46 0

ޗެލްސީގެ މުޑްރިކް (ކ) އަތުން ލިވަޕޫލްގެ ސަލާހު ބޯޅަ ހޯދަން މަސައްކަތްކުރަނީ.


ލިވަޕޫލާއި ޗެލްސީ އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

21 ޖަނަވަރީ 2023 - 19:46 0

ލިވަޕޫލް (ޖެނުއަރީ 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ބައްދަލުކުރި މެޗުގައި ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ދެ ޓީމަށް ވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

މިއީ ޗެލްސީ އާއި ލިވަޕޫލް ލީގުގައި ޖެހިޖެހިގެން އެއްވަރުވި ތިން ވަނަ މެޗެވެ. މިއީ، އެންމެ ފަހުން މި ދެ ޓީމުގެ މެދުގައި ކުޅުނު 18 މެޗުގެ ތެރެއިން ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާ އެކު، ލިވަޕޫލާއި ޗެލްސީ އަށް ވެސް ލީގުގެ ގަދަ ހަތަރެއްގައި ނިންމާލަން ވަނީ އިތުރު އުނދަގުލަކާ ކުރިމަތިލާން ޖެހިފަ އެވެ. ލިވަޕޫލް، ލީގުގެ އަށް ވަނައިގައި އޮތީ 19 މެޗުން 29 ޕޮއިންޓާ އެކު އެވެ. ޗެލްސީ 10 ވަނައިގައި އޮތީ، 20 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ނުވަ ވަނައިގައި އޮތް ބްރެންޓްފޯޑަށް ވެސް ވަނީ 19 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަކީ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕްގެ ކޯޗިން ކެރިއަރުގެ 1000 ވަނަ މެޗެވެ. ލިވަޕޫލް ކޮޅަށް މި މެޗުގެ ތިން ވަނަ މިނިޓްގައި ޗެލްސީގެ ކައި ހަވާޓްޒް ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ މައިކަލް އޮލިވާ ނިންމީ، އޮފްސައިޑް ކަމަށެވެ.

އޭގެ ފަހުން، އަރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި، ޗެލްސީގެ ފްރާންސް ޑިފެންޑަރު، ބެނޮއިޓް ބާޑިއަޝައިލް ބޮލުން ޖެހި ބޯޅައެއް ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ. ލިވަޕޫލްގެ އެންމެ ކުރިއަށް ކުޅެމުންދިޔަ، ނެދަލެންޑްސްގެ ފޯވާޑް، ކޯޑީ ގަކްޕޯ ފޮނުވާލި ދެ ހަމަލާއެއް ވަނީ ހުރަސްދަނޑިމަތިން ގޮސްފަ އެވެ.

ޗެލްސީގެ ގެލަގާ (ކ) ލިވަޕޫލްގެ ގަކްޕޯ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.


ލިވަޕޫލުން ދެ ވަނަ ހާފު ފެށީ ފުރަތަމަ ހާފަށް ވުރެ ރަނގަޅަށެވެ. އެ ގޮތުން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ޗެލްސީގެ އޭރިއާތެރެއިން ލިވަޕޫލްގެ ނަބީ ކެއިޓާ އަށް ޖަހަން ލިބުނު ބޯޅައެއް، އޭނާ ވޮލީ އަކުން ފޮނުވާލި ނަމަވެސް ޗެލްސީގެ ތިއާގޯ ސިލްވާ ވަނީ ބްލޮކްކޮށްފަ އެވެ.

މި މެޗުގައި ޗެލްސީން ވަނީ ދާދި ފަހުން އެ ޓީމާ ގުޅުނު، ޔޫކްރެއިންގެ ވިންގް، މިކައިލޯ މުޑްރިކް ކުޅެން އަރުވައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި، ލިވަޕޫލްގެ އޭރިއާތެރެއިން މުޑްރިކަށް ވަނީ ގޯލު ޖަހަން ރަނގަޅު ދެ ފުރުސަތު ލިބިފަ އެވެ. އެ ގޮތުން އެއް ފުރުސަތުގައި، މުޑްރިކް ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. އޭގެ ފަހުން، މުޑްރިކް އަށް އޭރިއާތެރެއިން، ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، ޖަހަން މަސައްކަތް ކުރިއިރު، އެކަން ކާމިޔާބެއްނުވި އެވެ.

މެޗުގެ ފަހު ވިއްސަކަށް މިނިޓް ތެރޭ، ދެ ޓީމުން ވެސް ބަދަލުތަކެއް ގެނެސްގެން ގޯލެއް ޖެހޭތޯ ބެލިއިރު، ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑާ އާނޯލްޑަށް ޗެލްސީ އޭރިއާތެރެއިން ލިބުނު ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗަށް ފަހު ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނީ ކުޅެން ޖެހުނު ހާލަތާ ބަލާއިރު، މިއީ ޖުމްލަކޮށް ގޯސް ޕޮއިންޓެކޭ ނުބުނާނެ ކަމަށެެވެ. އަދި މިއީ ޓީމަށް ލިބުނު އިތުބާރެއްގެ ގޮތުގައި ނަގައި، ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާ ނެރެން މަސައްކަތް ކުރާނެ ކަމަށް ޕޮޓާ ވަނީ ބުނެފަ އެވެ.