Advertisement

27 ރިސޯޓެއްގެ ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކޮށްދީގެން 135 މިލިއަން ޑޮލަރު

21 ޖަނަވަރީ 2023 - 19:09 1

އަހުމަދު ސައީދު

އަހުމަދު ސައީދު

ރާއްޖޭގެ ރަށްތަކެއް: ޖުމްލަ 99 އަހަރަށް މުއްދަތު އިތުރުކޮށްދީފައިވަނީ ހިންގަމުން ގެންދާ ރިސޯޓްތަކުގެ-- އަދަދު ފައިލް ފޮޓޯ


27 ރިސޯޓެއްގެ ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކޮށްދީގެން 135 މިލިއަން ޑޮލަރު

21 ޖަނަވަރީ 2023 - 19:09 1

ހިންގަމުން ގެންދާ 27 ރިސޯޓެއްގެ ކުލީގެ މުއްދަތު 50 އަހަރުން، 99 އަހަރަށް އިތުރުކޮށްދީގެން 135 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ދައުލަތަށް ހޯދައިދެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) މިދިޔަ އަހަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްދީގެން މިދިޔަ އަހަރު 127.5 މިލިއަން ޑޮލަރު (1.96 ބިލިއަން ރުފިޔާ) ލިބިފައިވެ އެވެ. ރިސޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްދީގެން 2021 ވަނަ އަހަރު މީރާ އަށް ލިބިފައިވަނީ 15 މިލިއަން ޑޮލަރު ( 230.2 މިލިއަން ރުފިޔާ) އެވެ.

ޑިސެމްބަރު 27، 2020 ގައި އަމަލުކުރަން ފެށި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، އެ ދުވަހުން ފެށިގެން ދެ އަހަރުގެ ތެރޭގައި އެއްފަހަރާ ފަސް މިލިއަން ޑޮލަރު ދައްކައިގެން ރިސޯޓްގެ ކުލީގެ މުއްދަތު 49 އަހަރުން 50 އަހަރަށް އިތުރުކުރެވިދާނެ އެވެ. ދެ އަހަރުގެ މުއްދަތު ހަމަވުމުން ކުލީގެ މުއްދަތު އިތުރުކުރާ ނަމަ 10 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެ ދެ އަހަރުގެ މުއްދަތު ހަމަވީ، ޑިސެމްބަރު 26، 2022 ގަ އެވެ.

ގާނޫނުގެ ދަށުން މުއްދަތު އިތުރުކޮށްދީފައިވަނީ ހަދާ ނިމި ހިނގަމުންދާ، ކުއްޔާއި ޓެކްސް ހަމަޔަށް ދައްކާފައިވާ ރިސޯޓުތަކަށެވެ.

"ޖުމްލަ 27 ރިސޯޓަކުން، ފަސް މިލިއަން ޑޮލަރުގެ ރޭޓުން ވަނީ ފައިސާ ދައްކާ މުއްދަތު އިތުރުކޮށްދީފައި، ކުލީގެ މުއްދަތު ބާކީ ވަރަށް ގިނަ އަހަރު އޮތް ރިސޯޓްތަކުން ވެސް މުއްދަތު އިތުރުކުރި،" ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ ބޭންކު މެދުވެރިކޮށް ފައިސާ ހަމަޖައްސައިގެން ގިނަ ރިސޯޓްތަކުން 99 މުއްދަތު އިތުރު ކުރުމުން ދައްކައި ދެނީ ރާއްޖޭގެ ޓޫރިޒަމާއި ދޭތެރޭގައި އިންވެސްޓަރުންގެ އޮތް ޔަގީން ކަމެވެ.

ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރުމަށް ދާ ހަރަދު ގިނަ ވެގެން 10 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ލިބެ އެވެ.

ރާއްޖޭގައި މިވަގުތު 168 ރިސޯޓުގައި 41،049 އެނދު ހިންގަމުން ގެންދެ އެވެ. ރާއްޖެ އަންނަ ޓޫރިސްޓުން އެވަރެޖެކޮށް އަށް ރޭ ހޭދަކުރާއިރު، ޓީޖީއެސްޓީގެ ގޮތުގައި 16 ޕަސެންޓްގެ އާމްދަނީ އެއް ދައުލަތަށް ލިބެ އެވެ. ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ އަހަރަކު ދައުލަތަށް ލިބެ އެވެ.

އެންމެ ފުރަތަމަ ރާއްޖޭގެ ރިސޯޓްތައް ކުއްޔަށް ދޭންފެށީ 20 އަހަރު ދުވަހުގެ މުއްދަތަށެވެ. އޭގެ ފަހުން 25 އަހަރަށް، ފަހުން 35 އަހަރަށް ރަށްތައް ދޫކުރި އެވެ. ރިސޯޓްތަކުގެ ކުލީގެ މުއްދަތު 99 އަހަރަށް ދައްމާ ލެވޭ ގޮތަށް އާންމުކޮށް ހެދީ 2015 ވަނަ އަހަރު އެވެ. މިހާރު ވެސް ރިސޯޓްތައް ފުރަތަމަ ކުއްޔަށް ދޫކުރަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ.