Advertisement

ޗެލްސީން ކުރާ ހަރަދަށް ބަލާފައި ލިވަޕޫލުން ރިއެކްޓް ކުރުން ރަނގަޅެއް ނޫން: ކްލޮޕް

21 ޖަނަވަރީ 2023 - 10:35 0


ޗެލްސީން ކުރާ ހަރަދަށް ބަލާފައި ލިވަޕޫލުން ރިއެކްޓް ކުރުން ރަނގަޅެއް ނޫން: ކްލޮޕް

21 ޖަނަވަރީ 2023 - 10:35 0

ލަންޑަން (ޖެނުއަރީ 21) - ޗެލްސީން ޓީމު ވަރުގަދަ ކުރަން މި ވަގުތު ހަރަދުކުރަމުން އަންނަ އުސޫލަށް ބަލައިގެން ލިވަޕޫލުން އެ އަށް ރިއެކްޓް ކުރުމުގެ ގޮތުން ކުޅުންތެރިން ގެނައުން ރަނގަޅެއް ނުވާނެ ކަމަށާއި ލިވަޕޫލުން ކަންތައް ކުރަން ޖެހޭނީ އެ ޓީމުގެ އަމިއްލަ ވިސްނުމުގައި ކަމަށް އެ ކްލަބްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލުން މިދިޔަ ހަ ވަރަކަށް އަހަރު ހަރަދުކުރި ވަރަށް ޗެލްސީން ވަނީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ޓީމު ވަރުގަދަ ކުރަން އާ ކުޅުންތެރިންނަށް ހަރަދުކޮށްފަ އެވެ. ޗެލްސީގެ އާ ވެރިޔާ، އެމެރިކާގެ މަހުޖަނު، ޓޮޑް ބޯލީ އަންނަނީ އެ ޓީމު ވަރުގަދަ ކުރަން ކުރި މުއްދަތެއްގައި ވެސް ބޮޑު އިންވެސްޓްމަންޓެއް ކުރަމުންނެވެ.

ލިވަޕޫލުން ޓީމު ވަރުގަދަ ކުރަން އެކަށީގެންވާ ވަރަށް ހަރަދުނުކުރާ ކަމަށް ބުނެ، އެ ކްލަބް ހިންގުމުގައި ތިބި، އެމެރިކާގެ ކުންފުނި، ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އަށް އަންނަނީ ސަޕޯޓަރުންގެ ޕްރެޝަރު ބޮޑުވަމުންނެވެ. ލިވަޕޫލް އެހެން ބަޔަކަށް ވިއްކާލާ ވާހަކަ ވެސް މީޑިއާގައި އަންނަނީ ދެކެވެމުންނެވެ.

ޗެލްސީގެ ހަރަދުތަކާއި ލިވަޕޫލްގެ އިންވެސްޓްމަންޓާ އަޅާކިޔުމަށް ފަހު، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ކްލޮޕް ބުނީ، ޗެލްސީން މިހާރު އެ ކުރާ ގޮތަށް ކުރިއަށް އޮތް 10 އަހަރު ދުވަހު ކުރެވޭނެތޯ އެއީ ވެސް ސުވާލެއް ކަމަށެވެ. ކުރުމުގެ ފުރުސަތު ވެސް އޮވެދާނެކަން ފާހަަގަކޮށް، ކްލޮޕް ބުނީ، ކޮންމެ ޓީމެއް ވެސް ހަރަދުކުރާ އަމިއްލަ ވައްޓަފާޅިއެއް އޮންނާނެ ކަމަށެެވެ.

"ކޮންމެ ޓީމެއް ވެސް ހަރަދުކުރާނެ އުސޫލުތަކެއް ހުންނާނެ. އަހަރެމެން ވެސް ޓީމު ވަރުގަދަ ކުރަން އިންވެސްޓް ކުރަން ޖެހޭނެ. މިއީ ކޮންމެ ޓީމަކަށް ވެސް އޮތް ޕްރޮސަސް އެއް. އަހަރެމެން ވިސްނަން ނުޖެހޭ ޗެލްސީ ވިޔަސް، ދެން އެހެން ޓީމެއް ވިޔަސް ހަރަދުކުރަނީ މި ގޮތަށޭ ބުނެފައެއް. އަހަރެމެން އެހެން ޓީމެއްގެ ހަރަދަށް ބަލާފައެއް ނޫން، ލިވަޕޫލް ރިއެކްޓް ކުރާނީ، އެއީ ރަނގަޅު ގޮތެއް ވެސް ނޫން،" އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ޓީމެއް ހިންގުމުގައި އޭނާ ގަބޫލުކުރާ މޮޑެލަކީ ޔޫތު ލެވަލުން ފުރަތަމަ ޓީމާ ހަމައަށް ކުޅުންތެރިން ގެނެވޭ ސިސްޓަމެއްގެ ތެރެއަށް ދެން ޓްރާންސްފާ އިން ކުޅުންތެރިން ހޯދައިގެން، ޓީމެއް އެކުލަވާލެވޭ އުސޫލަކަށް ކަމަށެވެ. އެ ގޮތުގައި ލިވަޕޫލްގައި ވެސް މިހާތަނަށް މަސައްކަތް ކުރެވިފައިވާ ކަމަށާއި އޭގެ ކާމިޔާބީގެ ކުލަތައް ވެސް ފެންނަ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

ޗެލްސީއާ ދެކޮޅަށް ލިވަޕޫލުން ކުޅޭ މެޗަކީ، ކްލޮޕްގެ ކޯޗިން ކެރިއަރުގެ 1000 ވަނަ މެޗެވެ. އެކަމަކު، މި ވަގުތު ލިވަޕޫލްގެ ހާލަތު އޮތްގޮތުން މިއީ ޕްރެޝަރު ބޮޑު މެޗެކެވެ.

ލީގުގެ ނުވަ ވަނައިގައި އޮތް ލިވަޕޫލާއި 10 ވަނައިގައި އޮތް ޗެލްސީ އަށް ވަނީ އެއްވަރަށް ޕޮއިންޓް ލިބިފަ އެވެ. ގަދަ ހަތަރެއްގެ ރޭހަށް ވަންނަން ބަލާއިރު، މި މެޗުން ޕޮއިންޓް ހޯދުން ދެ ޓީމަށް ވެސް މުހިންމެވެ.

ޗެލްސީއާ ދެކޮޅަށް އެންމެ ފަހުން ލިވަޕޫލުން ކުޅުނު 15 މެޗުން ބަލިވެފައިވަނީ އެންމެ ދެ މެޗުންނެެވެ. ހަ މެޗުން ލިވަޕޫލް މޮޅުވިއިރު، ހަތް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ލިވަޕޫލްގެ އެންފީލްޑްގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 17:30 ގަ އެވެ.