Advertisement

އެޗްޑީސީގެ 'ސްމާޓް ސޮލިއުޝަން' ރަށްފުށަށް؛ ފުރަތަމަ ތޮއްޑޫ

19 ޖަނަވަރީ 2023 - 19:33 0

ތޮއްޑޫއަށް ސްމާޓް ސޮލިއުޝަން ތައާރަފް ކުރުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން-- ފޮޓޯ: އެޗްޑީސީ


އެޗްޑީސީގެ 'ސްމާޓް ސޮލިއުޝަން' ރަށްފުށަށް؛ ފުރަތަމަ ތޮއްޑޫ

19 ޖަނަވަރީ 2023 - 19:33 0

އއ. ތޮއްޑޫގައި ސްމާޓް އިންފްރާސްޓްރަކްޗާ އާއި ސްމާޓް ސޮލިއުޝަން ތައާރަފު ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެ ރަށުގެ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި އެ ރަށުގެ ކައުންސިލްގެ އަމާޒަކީ ފުރަތަމަ ސްމާޓު އައިލެންޑަކަށް އެރަށް ހެދުމެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި ކައުންސިލުން އިންވެސްޓްކޮށްގެން މުޅި ރަށުގައި އޯޕަން އެކްސަސް ނެޓްވޯކް އަޅައި ސްމާޓް ސޮލިއުޝަންތައް ތައާރަފުކުރަން ހިންގާ އެ މަޝްރޫއުއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނީ އެޗްޑީސީން ކަމަށެވެ.

"މިއީ އަޅުގަނޑުމެން ގެންނަ ވަރަށް މުހިންމު ބަދަލެއް. މި އިންފްރާސްޓަރަކްޗާ ގާއިމުކުރެވުމުން، ރަށުގައި އިންޓަނެޓާއި ކޭބަލް ޓީވީގެ ހިދުމަތް ވެސް ދެވޭނީ މި ނެޓްވޯކުން. އަދި ސްމާޓް އެތައް ސޮލިއުޝަނެއް ތައާރަފު ކުރެވޭނެ،" ކަރަމް ވިދާޅުވި އެވެ.

އެޗްޑީސީން ބުނި ގޮތުގައި ސްމާޓް ސިޓީ ސޮލިއުޝަންތަކަކީ ހަމަ އެކަނި އާބާދީ ބޮޑު ސިޓީތަކަށް ހާއްސަ ކަމެއް ނޫނެވެ. އެހެންވެ، އެ ކުންފުނީގެ އަމާޒަކީ ކުދި ރަށްތަކުގައި ވެސް ޓެކްނޮލޮޖީގެ ޒަރީއާއިން ތަފާތު ހިދުމަތް ތައާރަފުކޮށް ރަށްފުށުގެ ދިރިއުޅުން އުޖާލާ ކުރެވިދާނެ ކަން ސާބިތުކޮށްދިނުން ކަމަށް އެޗްޑީސީން ބުނެ އެވެ.

ދަނޑުވެރި އަދި މިހާރު ލޯކަލް ޓޫރިޒަމް ބާރަށް ކުރިއަރަމުން އަންނަ ތޮއްޑޫ ސްމާޓް އައިލެންޑަކަށް ބަދަލުކޮށްލުމަށް އެ ރަށު ކައުންސިލުން ފަށާ މަޝްރޫއުގެ ފަންނީ އެހީ ފޯރުކޮށް ދިނުމަށް ކައުންސިލާއެކު އެޗްޑީސީން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެ ރަށުގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ވިއުގަ މެދުވެރިކޮށް ސްމާޓް ފާމިން، ސްމާޓް ސަވައިލެންސް، ސްމާޓް ޕޯލް ފަދަ ސޮލިއުޝަންތައް ތައާރަފު ކުރާނެ އެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު ތައާރަފުވި ތަފާތު ސްމާޓް ސިޓީ ސޮލިއުޝަންތަކާއެކު ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށް އެޗްޑީސީން މަސައްކަތް ފަށާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

އެގޮތުން ހުޅުމާލޭގައި މިހާރު ވަނީ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމުކޮށް ސްމާޓް ސިޓީއެއްގެ ވަރުގަދަ ބިންގަލެއް އަޅައިފަ އެވެ. މި މަސައްކަތަށް ހާއްސަ ސްމާޓްކޮމް ކިޔާ ބްރޭންޑެއް އުފައްދާ، ސްމާޓް ޕޯލް، ސްމާޓް ބެންޗް، ޕަބްލިކް ވައިފައި ފަދަ އެތައް ސޮލިއުޝަންތަކެއް އެޗްޑީސީ އަންނަނީ ފޯރުކޮށް ދެމުންނެވެ.

އެޗްޑީސީގެ ތަސައްވުރަކީ ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަކަށް ހެދުމެވެ. އަދި މި ދަތުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް، ޓެކްނޮލޮޖީގެ އެންމެ ކުރީ ސަފުގައި އެންމެން ބައިވެރި ކުރުމަކީ އެ ކުންފުނީގެ އަމާޒަކަށް ވަނީ ކަނޑައަޅައިފަ އެވެ.