Advertisement

ނޫސްވެރިންގެ ވާޖިބަށް ހުރަސްއަޅައި، އިންޒާރުދީ ބިރުދެއްކުން މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

18 ޖަނަވަރީ 2023 - 21:10 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީޑިޔާ ކައުންސިލްގެ ޖަލްސާއެއް ކުރިއަށް ގެންދަނީ: -- ފޮޓޯ: މީޑިއާ ކައުންސިލް


ނޫސްވެރިންގެ ވާޖިބަށް ހުރަސްއަޅައި، އިންޒާރުދީ ބިރުދެއްކުން މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

18 ޖަނަވަރީ 2023 - 21:10 0

ނޫސްވެރިންގެ ވާޖިބުތައް އަދާ ކުރުމަށް ހުރަސްއަޅައި، ނޫސްވެރިންނަށް ބިރުދައްކައި އިންޒާރުދިނުން ފަދަ ކަންކަން ބަލައި ނުގަންނާނެ ކަމަށާއި އެފަދަ މައްސަލަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް މީޑިއާ ކައުންސިލުން ބުނެފި އެވެ.

މިއަދު އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ވަކިވަކި ނޫސްވެރިންނަށާއި މީޑިއާތަކަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ފުރައްސާރަ ކުރުމާއި ބިރުދެއްކުމާއި އިންޒާރުދޭ ކަމުގެ ޝަކުވާތައް މިފަކަށް އައިސް ވަރަށް ގިނައިން ލިބޭ ކަމަށާއި އެކަމާ މެދު އެ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ.

އޭގެ އިތުރުން، މިނިވަންކަމާއެކު ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން ގާނޫނު އަސާސީން ލިބިދީފައިވާ އިމުގެ ތެރެއިން ފާޅުކުރާ ހިޔާލެއްގެ ސަބަބުން، މީޑިއާ އިދާރާތަކަށް ވަދެ، ނޫސްވެރިޔާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް، ބިރުދައްކައި އިންޒާރުދިނުން ފަދަ ކަންކަމަކީ އެ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"މީސް މީޑިއާގެ އެކި މަންސަތަކުގައި ނޫސްވެރިންގެ އަބުރު ކަތިލައި ސާބިތުނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ ވެސް އެއްވެސް ހާލެއްގައި މި ކައުންސިލުން ބަލައިގަންނާނެކަމެއް ނޫން،" މީޑިއާ ކައުންސިލުގެ ބަޔާނުގައިވެ އެވެ.

ނޫސްވެރިންނަށް ފުރައްސާރަ ކުރުމާއި ބިރުދެއްކުން ކުށްވެރިކޮށް މީޑިއާ ކައުންސިލުން ބަޔާނެއް ނެރެފައިވާއިރު މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަނުން ވެސް މިއަދު ވަނީ އެފަދަ ބަޔާނެއް ނެރެފަ އެވެ.

ނޫސްވެރިންނަށް ފުރައްސާރަ ކުރުމާއި ބިރުދެއްކުމުގެ އިތުރުން އިންޒާރުދިނުމުގެ އަޑު ގަދަވެފައި މިވަނީ މީސްމީޑިއާގައި މިހާރު ނޫހުގެ ނޫސްވެރިއަކަށް ފުރައްސާރަ ކުރާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ އެކު އެވެ.

އެކަމާ ގުޅިގެން މިހާރު ނޫހުން ވަނީ މިދިޔަ ހޯމަ ދުވަހު ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވަނީ އެފަދަ އަމަލުތައް ހިންގުމަކީ މުޅި ރާއްޖޭގެ ނޫސްވެރިކަމަށް އޮތް ބިރެއް ކަމަށް ގަބޫލު ކުރާ ކަމަށާއި އެފަދަ ބައެއް މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ.