Advertisement

މެސީ އާއި ރޮނާލްޑޯގެ ގަދަހިފުން މިރޭ؛ މީޑިއާނެޓުން ދައްކާނެ

19 ޖަނަވަރީ 2023 - 13:22 0


މެސީ އާއި ރޮނާލްޑޯގެ ގަދަހިފުން މިރޭ؛ މީޑިއާނެޓުން ދައްކާނެ

19 ޖަނަވަރީ 2023 - 13:22 0

ފުޓުބޯޅައިގެ ތާރީހުގައި އެންމެ މޮޅު ދެ ކުޅުންތެރިން ނުވަތަ ގްރޭޓަސްޓް އޮފް އޯލް ޓައިމް (ގޯޓް) އަކީ ކޮން ކުޅުންތެރިއެއްތޯ ސުވާލުކޮށްފި ނަމަ އެންމެ ގިނަ ބައެއްގެ ޖަވާބަކަށް ވާނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ނުވަތަ ޕޯޗުގަލްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ ކަމާމެދު ޝައްކެއް ނެތް ނެތެވެ.

އެ ދެ ކުޅުންތެރިންގެ ކުރިމަތިލުންތަކަކީ ގިނަ ބަޔަކު އަބަދުވެސް އިންތިޒާރު ކުރާ މެޗުތަކެކެވެ. އެހެންނަމަވެސް، ރޮނާލްޑޯ ސައޫދީ އަރަބިއްޔާގެ ކުލަބަކަށް ބަދަލުވުމާ އެކު ދަނޑުމަތިން އެ ދެ ކުޅުންތެރިން ބައްދަލުވުން އެއީ ވަރަށް ނާދިރުކަމެއް ކަމުގައި ވަނީ ވެފަ އެވެ.

ކޮންމެއަކަސް އެ ދެކުޅުންތެރިންގެ ކުރިމަތިލުމަކަށް އިންތިޒާރު ކުރަމުން ދާ ފަރާތްތަކަށް މިފަހަރު މިއޮތީ އުފާވެރި ހަބަރެކެވެ. ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއް ފެނިގެންދާނެ ވަރަށް ފޯރިގަދަ މެޗެއް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މެސީގެ ޕީއެސްޖީއާއި ރޮނާލްޑޯގެ އާ ކުލަބު، އަލް ނަސްރާއި އަލް ހިލާލްގެ ކުޅުންތެރިން ހިމަނައިގެން އެކުލަވާލާފައިވާ ސައުދީގެ، ރިޔާދު އޯލް ސްޓާޒްއާ ދެމެދު ކުޅޭ އެކުވެރިކަމުގެ އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10:00 ގައެވެ. އެ މެޗު އައިސް ސްޕޯރޓްސް (ޗެނަލް 102) އަދި އައިސް ޕްލަސް (ޗެނަލް 888) މެދުވެރިކޮށް މީޑިއާނެޓުން ދައްކާނެ އެވެ. އަދި މީޑިއާނެޓުގެ އެމްއެސް ޑިޖިޓަލް އެޕު މެދުވެރިކޮށް ކޮންމެ ތާކު ހުރެވެސް މި މެޗު ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.


މެސީ އަށް 35 އަހަރު އަދި ރޮނާލްޑޯ އަށް 37 އަހަރު ފުރިފައިވާއިރު މި ދެ ކުޅުންތެރިންގެ ވެސް ފުޓުބޯޅަ ކެރިޔަރު މިވަނީ ނިމުމަކާ ގާތް ވެފަ އެވެ. އެހެންކަމުން، އެ މެޗަކީ އެ ދެކުޅުންތެރިން އެއް މެޗެއްގައި ދަނޑުމަތިން ފެނިގެންދާނެ ފަހު ފަހަރު ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް ފުޓުބޯޅައިގެ މާހިރުން ބުނެ އެވެ.

ހަމައެހެންމެ ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ، އެ މެޗަކީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ސައުދީ ލީގުގެ އަލް ނަސްރަށް ދުނިޔޭގެ ރެކޯޑު ފީއަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ސޮއިކުރި ފަހުން އެ ޓީމާއެކު އޭނާގެ ފުރަތަމަ ފެނިލުން ވެސް މެއެވެ.

އެ ދެކުޅުންތެރިންނަކީ ފާއިތުވި 15 އަހަރު ދުނިޔޭގެ ފުޓުބޯޅައިގައި ރަސްކަން ކުރަމުން އަންނަ ދެ ކުޅުންތެރިންނެވެ. އެ މުއްދަތުގައު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑު، ބެލޮންޑިއޯ ހަތް ފަހަރު މެސީ ހޯދާފައި ވާއިރު ރޮނާލްޑޯ ވަނީ އެ އެވޯޑު ފަސް ފަހަރު ހޯދާފަ އެވެ. ވޯލްޑުކަޕު ޗެމްޕިއަނެއް ގޮތުގައި މެސީ އެ މެޗަށް ކުރިމަތިލާއިރު ރޮނާލްޑޯއަކީ އަދިވެސް ފުޓުބޯޅައިގެ ތާރީހު ދުށް އެންމެ ގޯލާ ރައްޓެހި ކުޅުންތެރިޔާ އެވެ.

އެ ދެކުޅުންތެރިންގެ އިތުރުން ފުޓުބޯޅައިގެ ނަން މަޝްހޫރު އިތުރު ތަރިން ވެސް އެ މެޗުން ފެނިގެންދާނެ އެވެ. އޭގެތެރޭގައި ފުރާންސްގެ ހަލުވި ފޯވާޑު ކިލިއަން އެމްބާޕޭ އާއި ބްރެޒިލްގެ ތަރި، ނޭމާއާ އި މިހާރު ސައޫދީ ލީގުގައި ކުޅެމުން އަންނަ، ކުރިން ޔޫރަޕުގެ ޓީމުތަކުން ވިދާލި ކުޅުންތެރިން ކަމުގައިވާ ކީޕަރު އޮސްޕީނާގެ އިތުރުން ނައިޖީރިއާގެ ފޯވާޑު އިގާލޯ އަދި ވޯލްޑުކަޕުގައި މޮޅު ކުޅުމެއް ދެއްކި ސައޫދީ ޓީމުގެ މުހިންމު ކުޅުންތެރިން ހިމެނެ އެވެ.