Advertisement

ދުނިޔޭގެ އެންމެ މުސްކުޅި މީހާ 118 އަހަރުގައި މަރުވެއްޖެ

18 ޖަނަވަރީ 2023 - 18:12 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފްރާންސްގެ ސިސްޓާ އަންދްރޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ދުނިޔޭގެ އެންމެ މުސްކުޅި މީހާ 118 އަހަރުގައި މަރުވެއްޖެ

18 ޖަނަވަރީ 2023 - 18:12 0

ދުނިޔޭގެ އެންމެ މުސްކުޅި މީހާ، ފްރާންސްގެ ލުސީލް ރެންޑޯން ނުވަތަ ސިސްޓާ އަންދްރޭ އުމުރުން 118 އަހަރުގައި މަރުވެއްޖެ އެވެ.

ލުސީލް ރެންޑޯން ވަނީ 1944 ވަނަ އަހަރު ނަސާރާ ދީނުގެ ފައްޅިއަށް ހިދުމަތް ކުރަން ފަށައި، އޭނާގެ ނަން ސިސްޓާ އަންދްރޭއަށް ބަދަލުކޮށްފަ އެވެ.

އޭނާ މަރުވީ ފްރާންސްގެ ތޫލާން ސިޓީގައި މުސްކުޅިން ބަލަހައްޓާ ގެޔެއްގަ އެވެ. ރޭގަނޑު ނިދާފައި ހެނދުނު ހޭނުލައިގެން ބެލިއިރު އޮތީ މަރުވެފަ އެވެ.

ސިސްޓާ އަންދްރޭ އުފަންވީ 1904 ވަނަ އަހަރު ދެކުނު ފްރާންސަށެވެ. ދެ ބޮޑު ހަނގުރާމަ ތަޖުރިބާކޮށް، އޭނާ ނިންމީ ނަސާރާ ދީނަށްޓަކައި ދިރިއުޅުން ހޭދަކުރުމަށެވެ.

އުމުރު ދިގުވާ ސަބަބާ ގުޅޭ ގޮތުން ނޫސްވެރިން ކުރިން ސުވާލުކުރުމުން އޭނާ ބުނީ ހަގީގަތް އެނގޭނީ "ހަމައެކަނި ހެއްދެވި ފަރާތަށް" ކަމަށެވެ.

މުސްކުޅިވުމުގެ ސަބަބުން ލޮލުގެ ފެނުން ގެއްލި، ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނު ނަމަވެސް، ސިސްޓާ އަންދްރޭ ދިޔައީ ގިނަ ބަޔަކަށް އެހީވަމުންނެވެ.

"މާ ބޮޑަށް މަސައްކަތް ކުރީމާ އުމުރު ކުރުވާނެއޭ މީހުން ބުނޭ. އެކަމަކު އަހަރެން ދިރި މި ހުންނަނީ މަސައްކަތަށްޓަކައި. އުމުރުން 108 އަހަރު ވަންދެން އަހަރެން މަސައްކަތް ކުރިން،" މިދިޔަ އަހަރު އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

ގިނަ އަހަރުތަކެއް ވަންދެން ޔޫރަޕްގެ އެންމެ މުސްކުޅި މީހާގެ ރެކޯޑު އޮތީ އޭނާގެ އަތުގަ އެވެ. ދުނިޔޭގެ އެންމެ މުސްކުޅި މީހާގެ ރެކޯޑް ލިބުނީ މިދިޔަ އަހަރު އުމުރުން 119 އަހަރުގައި ޖަޕާނުގެ ކާނޭ ޓަނަކާ މަރުވުމުންނެވެ.

އޭގެ ކުރިން 2021 ވަނަ އަހަރު ސިސްޓާ އަންދްރޭ ވަނީ ކޮވިޑުން ފަސޭހަވި އެންމެ މުސްކުޅި މީހާގެ ރެކޯޑު ވެސް ހޯދާފަ އެވެ.