Advertisement

ޗައިނާ އާއި އެމެރިކާގެ މެދުވެރިއެއްގެ ދައުރު އަދާކުރެވިދާނެ: ސައުދީ ފިނޭންސް މިނިސްޓަރު

18 ޖަނަވަރީ 2023 - 09:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސައުދީ އަރަބިއްޔާގެ ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖަދާން. -- ފޮޓޯ: އެސްޕީއޭ


ޗައިނާ އާއި އެމެރިކާގެ މެދުވެރިއެއްގެ ދައުރު އަދާކުރެވިދާނެ: ސައުދީ ފިނޭންސް މިނިސްޓަރު

18 ޖަނަވަރީ 2023 - 09:04 0

ޗައިނާ އާއި އެމެރިކާގެ މަޝްރަހުގައި މެދުވެރިއެއްގެ ދައުރު ސައުދީ އަރަބިއްޔާއަށް އަދާކުރެވިދާނެ ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓަރު މުހައްމަދު އަލް ޖަދާން ވިދާޅުވެއްޖެ އެވެ.

އެމެރިކާ އާއި ޗައިނާގެ ވާދަވެރިކަން ބޮޑުވެ، ދެ ގައުމުގެ މެދުގައި އިތުބާރު ކުޑަ އެވެ. ވިޔަފާރި ކުރިއަރުވަން ޗައިނާއިން ނަހަމަ ގޮތުގައި މަސައްކަތް ކުރާ ކަމަށް އެމެރިކާއިން ތުހުމަތުކުރެ އެވެ.

ޓައިވާން މައްސަލައިގައި ވެސް ދެ ގައުމުގެ ގުޅުން އޮތީ ގޯސްވެފަ އެވެ. ގުޅުން ރަނގަޅު ކުރުމަށް އަންނަ މަހު އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ޗައިނާއަށް ވަޑައިގަންނަވާނެ އެވެ.

އޭގެ އިތުރުން އެމެރިކާގެ ޓްރެޝަރީ ސެކެޓްރީ ޖެނެޓް ޔެލެން ވެސް ޗައިނާގެ ވައިސް ޕްރިމިއާ ލިޔު ހޭއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ޗައިނާ އާއި އެމެރިކާގެ ގުޅުން ރަނގަޅު ކުރުމަށް ސައުދީ އަރަބިއްޔާއަަށް އެހީވެވޭނެތޯ ނޫސްވެރިން ސުވާލުކުރުމުން، އެ ގައުމުގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ އެއީ ކުރެވޭނެ ކަމެއް ކަމަށެވެ.

"އެމެރިކާއާ އެކު އަދި ޗައިނާއާ އެކު ވެސް އަޅުގަނޑުމެން ބާއްވަނީ ވަރަށް ސްޓްރެޓެޖިކް ގުޅުމެއް. އެ ދެ ގައުމުގެ މެދުގައި ބްރިޖެއްގެ ދައުރު އަޅުގަނޑުމެންނަށް އަދާކުރެވިދާނެ،" އަލް ޖަދާން ވިދާޅުވި އެވެ.

ޗައިނާ އާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަން ސައުދީ އަރަބިއްޔާއިން ޝައުގުވެރިވާ އިރު، ރަޝިއާ އާއި ޔޫކްރެއިން މައްސަލައިގައި ވެސް މެދުވެރިއެއްގެ ގޮތުގައި ސައުދީ އަރަބިއްޔާއިން މަސައްކަތްކޮށްފައިވެ އެވެ.

ރަޝިއާ އާއި ޔޫކްރެއިނުން ގައިދީން ބަދަލުކުރުމުގެ ގިނަ އެއްބަސްވުންތަކަކަށް ގޮސްފައި ވަނީ ސައުދީ އަރަބިއްޔާ މެދުވެރިވެގެންނެވެ. އެގޮތުން މިނިވަންވި މީހުންގެ ތެރޭގައި އެމެރިކާ އާއި ޔޫރަޕްގެ ރައްޔިތުން ހިމެނެ އެވެ.