17 ޖަނަވަރީ 2023 - 12:44 1
މުހައްމަދު ޝަހްޒާން
އެ ކެމްޕޭނުގެ ތެރެއިން ޖަރުމަނާއި އޮސްޓުރިއާ އަދި ސްވިޒަލޭންޑުގައި ހުންނަ 700 އެއްހައި މެކްޑޮނާލްޑްސްގެ އައުޓުލެޓުތަކުގައި ރާއްޖެ އިޝްތިހާރު ކުރާނެ -- ފޮޓޯ: އެމްއެމްޕީއާރުސީ
17 ޖަނަވަރީ 2023 - 12:44 1
ދުނިޔޭގެ މަޝްހޫރު ފާސްޓުފުޑް ޗެއިން، މެކްޑޮނަލްޑްސްގެ ޓުރެވެލް ޓީވީ މެދުވެރިކޮށް ޖަރުމަނު މާކެޓަށް ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕޭނެއް އެމްއެމްޕީއާރުސީން ފަށައިފި އެވެ.
އެ ކެމްޕޭނުގެ ތެރެއިން ޖަރުމަނާއި އޮސްޓުރިއާ އަދި ސްވިޒަލޭންޑުގައި ހުންނަ 700 އެއްހައި މެކްޑޮނާލްޑްސްގެ އައުޓުލެޓުތަކުގައި ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.
ގާތްގަނޑަކަށް 35 މިލިއަން މީހުންނަށް ރާއްޖެއާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އެ ކެމްޕޭނުގައި ރާއްޖޭގެ ކަނޑުއަޑީގެ ރީތި ކަމާއި ދޮންވެލި ފިނޮޅުތަކާއި ޝިޕް ރެކު ތަކުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ޖަރުމަނު މާކެޓަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މާކެޓެވެ. އެގޮތުން މިދިޔަ އަހަރުވެސް ޖަރުމަނު ބަހުން ވާހަކަދައްކާ ގައުމުތަކުން ރާއްޖެއަށް އެއްލައްކަ ބައްތިރީސްހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރު ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި މާކެޓެވެ.
މީގެ ކުރިން ވެސް ޖަރުމަނު މާކެޓަށް ރާއްޖެ އިޝްތިހާރު ކުރުމަށް ތަފާތު ކެމްޕެއިންތައް އެމްއެމްޕީއާރުސީން ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެތެރޭގައި ޓުއި އޮސްޓުރިއާ އާއި ޓުއި ޖާމަނީއާއި ކޮންޑޯ އަދި އެފްޓީއައިގެ އިތުރުން ޑޮޓުކޮމް އެރޭބިއާ ފަދަ ބައެއް ކުންފުނިތަކާ ގުޅިގެން ހިންގި ކެމްޕޭނުތައް ހިމެނެ އެވެ.
ބޭރު ދުނިޔެއަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީން މިދިޔަ އަހަރު އެކަނި ވެސް 22 ގުލޯބަލް މާކެޓެއްގައި 205 މާކެޓިން ހަރަކާތް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން ވެބިނާތަކާއި އިންޓަވިއުތަކުގެ އިތުރުން ރޯޑްޝޯތައް ވެސް އެ ކުންފުނިން ކުރިއަށް ގެންދިޔަ އެވެ.
އެމްއެމްޕީއާރުސީން މިހާރުވެސް ދަނީ ކޮޒްމޯ ޓުރެވެލްއާ ގުޅިގެން ގަތަރާއި މެދުއިރުމަތީގެ ގައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ.
Comment