Advertisement

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އަހަރެއްގެ ތެރޭ ހައްލުކުރާ ގޮތް ނަޝީދު ކިޔައިދެއްވައިފި

16 ޖަނަވަރީ 2023 - 22:21 7

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު މިރޭ ވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންކުރައްވާނެ ބޮޑު ސިޔާސަތެއް ތަފުސީލުކޮށްދެއްވާފައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އަހަރެއްގެ ތެރޭ ހައްލުކުރާ ގޮތް ނަޝީދު ކިޔައިދެއްވައިފި

16 ޖަނަވަރީ 2023 - 22:21 7

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގެންގުޅުއްވާނެ ބޮޑު ސިޔާސަތެއް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ތަފުސީލުކޮށްދެއްވައިފި އެވެ.

ހެންވޭރުގައި އެ މަނިކުފާނުގެ ކެމްޕެއިން ޖަގަހައެއް ހުޅުއްވައިދިނުމަށްފަހު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މާލޭގައި މިހާރުން މިހާރަށް ބޯހިޔާވަހިކަން ބޭނުންވާ ފަސް ހާހެއްހާ އާއިލާ އެބަތިބި ކަަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ހައްލު ކޮށްދެއްވާނެ ކަމަށެވެ.

އެގޮތުން 2024 ވަނަ އަހަރުގެ ޖެނުވަރީ މަހުގެ ތެރޭގައި އެ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ޖެނުވަރީ 2024 އެއީ އަޅުގަނޑު ދެކޭ ގޮތުގައި، މީހުންނަށް އޭނާގެ ބޯހިޔާވަހިކަން ހުރި ތަނާއި ލިބޭނެ ތަނާއި، އޮންނާނެ ގޮތާ ސާފުވާނެ (ތާރީހު)،" ނަޝީދު ވިދާޅުވި އެވެ.

އެ ސިޔާސަތު ތަފުސީލުކޮށްދެއްވަމުން ނަޝީދު ވިދާޅުވީ ހުޅުމާލޭގައި މިހާރުވެސް އިމާރާތްނުކުރާ ބިމުގެ ގޮތުގައި ހަތަރު މިލިއަން އަކަފޫޓުގެ ބިން އެބަ އޮތް ކަމަށާއި އާންމުކޮށްދޭ ގޯތީގައި ހުންނަނީ 700 އަކަފޫޓު ކަމަށެވެ.

އެ އުސޫލުން ބަލާނަމަ މާދަމާ ވެސް ހުޅުމާލެއިން ބިން ކަނޑާފައި ދެވޭނެ ގޮތް ސަރުކާރަށް ހެދޭނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ދެން ނަޝީދު ސުވާލު ކުރެއްވީ ގޯތި ލިބޭ ފަރާތްތަކަށް އެ ބިމުގައި ގެ އެޅުމުގެ ގާބިލުކަން ހުރިކަމާމެދު އެވެ. އަދި އެކަން އެގޮތަށް ވާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނަޝީދުގެ ރައީސްކަމުގައި މާލޭގައި ހިންގެވި ވެށިފަހި މާލެ ޕްރޮގްރާމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ، އޭރު ހުޅުމާލެއިން ބިން ދިނީ މާލޭގައި ބިމެއް އޮވެފައި އެ ބިންތައް ދޫކޮށްލި މީހުންނަށް ކަމަށެވެ.

އެގޮތަށް ދެވުނު 250 އެއްހާތަން ދެތިން އަހަރުގެ ތެރޭގައި ހަދާ ނިންމި ނަމަވެސް، މިހާރު އެ އަމާޒުކުރައްވާ 5،000 އާއިލާއަށް އެގޮތަށް އެކަން ކުރެވޭނެ ކަމަށް ނުދެކޭ ކަަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި އެއް ބުރީގެ ވަރަށް އާދައިގެ ގެތަކެއް އެބަ ހަދާންޖެހޭ، އަހަރެއްހާ ދުވަހުގެ ތެރޭގައި ހަދާ ނިންމަންޖެހޭނެ" - ނަޝީދު

އެ ގެތަކަށް ނުވަތަ ހައުސިން ޔުނިޓުތައް އިމާރާތް ކުރުމަށް ހަވާލުކުރާ ކުންފުނިތަކަށް ހައުސިން ޔުނިޓަކުން މަހު ކުއްޔަށް8،000ރ. ދެއްކޭނެ ކަމަށް ސަރުކާރަށް ބުނެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ސިޔާސަތުގެ ދަށުން އަޅާނެ ކަމަށް ވައުދުވެވަޑައިގެންނެވި ހައުސިން ޔުނިޓުތަކުގެ މަހު ކުއްޔަށް 8،000ރ. ދައްކަން ޖެހޭއިރު، ސަރުކާރުން ހައުސިން ސަބްސިޑީ ދިނުމުގައި ގޭބިސީއަށް ލިބޭ އާމްދަނީ ވަޒަން ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން 8،000ރ. ގެ ކުއްޔަކީ ގޭބިސީގެ އާމްދަނީ 60 ޕަސެންޓަށް ވުރެ ބޮޑު ނަމަ ކުލި ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ނަޝީދު ވިދާޅުވި އެެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ އެ 5،000 އާއިލާއަށް ކޮންމެ މަހަކު ކުލީގެ ދެބައިކުޅަ އެއްބައި ދިންކަމުގައިވިޔަސް ސަރުކާރުން އެކަމަށް ހަރަދުވާނީ މަހަކު ޖުމްލަ 20 މިލިއަން ރުފިޔާ ކަމަށާއި އެއީ މި މައްސަލަ ހައްލުކުރުމަށް މިވަގުތު ސަރުކާރުން ކުރަން އެކަށޭނަ އަދި އެމަނިކުފާނަށް ފެންނަ އަދަދެއް ކަމަށެވެ.

ކުށެއްގެ އިސްލާހު


މި ހަބަރުގައި ކުރިން ގޭބިސީގެ އާމްދަނީ، ކުލީގެ 80 ޕަސެންޓަށް ވުރެ ބޮޑު ނަމަ ސަރުކާރުން ކުލި ހަމަޖައްސައިދޭނެ ލިޔެވިފައިވާތީ އެކަމަށްޓަކައި މައާފަށް އެދެމެވެ. ރަނގަޅު ނިސްބަތަކީ 60 ޕަސެންޓެވެ.