Advertisement

ފީފާގެ ނިންމުމާ ދެކޮޅަށް ޔޫކްރޭނާއި ރަޝިއާގެ ކްލަބުތައް ހުށަހެޅި މައްސަލަ ކާމިޔާބެއްނުވި

15 ޖަނަވަރީ 2023 - 10:20 0

ޔޫކްރެއިންގެ ޝަހްތަރު ޑޮނެސްކްގެ މެޗެއްގެ ތެރެއިން އެ ޓީމުގެ މުޑްރިކް ބޯޅަ ހިފައިގެންދަނީ.


ފީފާގެ ނިންމުމާ ދެކޮޅަށް ޔޫކްރޭނާއި ރަޝިއާގެ ކްލަބުތައް ހުށަހެޅި މައްސަލަ ކާމިޔާބެއްނުވި

15 ޖަނަވަރީ 2023 - 10:20 0

ޖެނީވާ (ޖެނުއަރީ 15) - ރަޝިއާ އާއި ޔޫކްރޭން ހަނގުރާމައާ ގުޅިގެން، އެ ދެ ގައުމުގެ ކްލަބުތަކަށް ކުޅެމުންދާ ބިދޭސީ ކުޅުންތެރިންނާއި ކޯޗުން އެހެން ކްލަބުތަކަށް ބަދަލުވެވޭ ގޮތަށް ފީފާ އިން ހެދި ގަވައިދާ ދެކޮޅަށް ޔޫކްރޭނާއި ރަޝިއާގެ ކްލަބުތަކުން ހުށަހެޅި މައްސަލަ ކާމިޔާބެއްނުވި އެވެ.

ރަޝިއާ އިން ޔޫކްރޭނަށް އަރައި، ދެ ގައުމުގެ މެދުގައި މިިދިޔަ އަހަރުގެ ކުރީކޮޅު ފެށި ހަނގުރާމައާ ގުޅިގެން، މި ދެ ގައުމުގައި ކުޅެމުންދިޔަ ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް ފީފާ އިން ވަނީ ހާއްސަ ގަވައިދެއް ހަދައިފަ އެވެ. މި ގަވައިދުގެ ދަށުން މި ދެ ގައުމުގެ ކްލަބުތަކަށް ތިބި ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް ކޮންޓުރެކްޓްތައް ސަސްޕެންޑްކޮށް، އެހެން ކްލަބުތަކަށް ބަދަލުވުމުގެ އިހުތިޔާރު ލިބުނެވެ.

މި ނިންމުމާ ދެކޮޅަށް ރަޝިއާގެ އަށް ކްލަބަކާއި ޔޫކްރޭންގެ އެންމެ ވަރުގަދަ ކްލަބު ކަަމަށްވާ ޝަކްޓާ ޑޮނެޓްސްކް އިން "ދަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް" (ކާސް) އަށް މައްސަލަ ހުށަހެޅި ނަމަވެސް، ކާސް އިން ވަނީ ފީފާގެ ނިންމުން ދަމަަހައްޓަން މިދިޔަ ހުކުރު ދުވަހު ނިންމައިފަ އެވެ.

މި ނިންމުމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރި ކްލަބަކީ ޝަކްޓާ އެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގުގަިއ ވެސް ވާދަކުރި ޝަކްޓާ އިން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފީފާ އިން 40 މިލިއަން ޔޫރޯ (40 މިލިއަން ޑޮލަރު) ހޯދުމަށް ހުށަހަޅައިފަ އެވެ.

ރަޝިއާ އާއި ޔޫކްރޭން ހަނގުރާމަ ފެށި ފަހުން ޝަކްޓާ މުހިންމު ކުޅުންތެރިން ކަމަށްވާ ޓެޓޭ އާއި ޑެޓީނިއޯ އާއި އެހެން ކުޅުންތެރިންތަކެއް ވެސް ވަނީ އެ ކްލަބު ދޫކޮށް، އެހެން ކްލަބުތަކަށް ބަދަލުވެފަ އެވެ.

ފީފާ އިން މިދިޔަ އަހަރުގެ މާޗު މަހު ހެދި ގަވައިދުގެ ދަށުން، ޔޫކްރޭނާއި ރަޝިއާގެ ކްލަބުތަކުގައި ތިބި ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ކޮންޓުރެކްޓް ސަސްޕެންޑް ކުރެވޭނެ އެވެ.

މިއީ މި ކުޅުންތެރިންނާއި ކޯޗުންނަށް ވެސް އާމްދަނީ ހޯދުމުގެ ފުރުސަތު ދީ، ރަޝިއާ އިން ޔޫކްރޭނަށް އެރުމާއެކު ހުއްޓުނު ޔޫކްރޭނުގެ ފުޓްބޯޅައިގައި އޮތް ކްލަބުތައް ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ފީފާ އިން ވަނީ ބުނެފަ އެވެ.