Advertisement

ތެލޫގޫ ފިލްމެއްގެ ލަވަޔަށް ގޯލްޑަން ގްލޯބް ލިބުމުން އުފާ ފާޅުކުރަނީ

12 ޖަނަވަރީ 2023 - 07:39 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެ ލަވަ އުފެއްދި އެމްއެމް ކީރަވާނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ތެލޫގޫ ފިލްމެއްގެ ލަވަޔަށް ގޯލްޑަން ގްލޯބް ލިބުމުން އުފާ ފާޅުކުރަނީ

12 ޖަނަވަރީ 2023 - 07:39 0

ތެލޫގޫ ފިލްމު "އާރްއާރްއާރް" ގެ ލަވަޔަކަށް ގޯލްޑަން ގްލޯބް އެވޯޑް ލިބުމުން އިންޑިއާގައި އުފާ ފާޅުކޮށްފި އެވެ. މިއީ އިންޑިއާގެ ލަވަޔަކަށް އެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑް ލިބުނީ ޓެއިލާ ސްވިފްޓް އާއި ރިއާނާ ފަދަ ތަރިންގެ ލަވަތައް ވައްޓާލައި "ނާތު ނާތު" ލަވަ އެވެ.

އިންޑިއާގައި ވެސް މަގްބޫލުވި އެ ލަވައިގެ މަންޒަރުތައް ނަގާފައި ވަނީ 2021 ވަނަ އަހަރު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ ރަސްމީ ގެކޮޅުގެ ކުރިމަތީގަ އެވެ.

އެވޯޑް ލިބުމުން، މިޔުޒިކް ކޮމްޕޯޒާ އެމްއެމް ކީރަވާނީ ބުނީ ލަވަޔަށް ލިބުނު މަގްބޫލްކަމާ މެދު އުފާކުރާ ކަމަށެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ އެ ލަވަ އުފެއްދުމުގައި އުޅުނު ޓީމަށް މަރުހަބާ ދަންނަވައިފަ އެވެ.

އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ މިޔުޒިކް ކޮމްޕޯޒަރު އޭއާރް ރަހްމާން ބުނީ އެއީ "މިޔުޒިކްގެ ދުނިޔެއަށް އައި އިންގިލާބެއް" ކަމަށެވެ.

ބޮލީވުޑްގެ ތަރި ޝާރުކް ހާން ބުނީ ނިދާ ހޭލި ގޮތަށް ލިބުނު ހަބަރުގެ އުފާވެރިކަމާ ހެދި "ނާތޫ ނާތޫ" އަށް ނަށަން ފެށި ކަމަށެވެ.

އެ ލަވަ ހިމެނޭ "އާރްއާރްއާރް" ފިލްމު ލިޔެ ޑައިރެކްޓް ކުރީ އެސްއެސް ރާޖަމޫލީ އެވެ. އެއީ އިންޑިއާގައި އިނގިރޭސިންގެ ވެރިކަމާ ދެކޮޅަށް ދެ މީހަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ތަރިންނކީ ރާމް ޗަރަން އަދި ޖޫނިއާ އެންޓީއާރް އެވެ.

އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމަކީ "އާރްއާރްއާރް" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބުނެވެ. އިންޑިއާގެ އިތުރުން އެހެން ގައުމުތަކުގައި ވެސް އެ ފިލްމު ހިނގި އެވެ.