Advertisement

ހަނު ހުރުމުގެ ހައްގު ބޭނުންކުރުމުން ކުށް ސާބިތު! ކީއްވެ؟

12 ޖަނަވަރީ 2023 - 09:36 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސުޕްރީމް ކޯޓު: ރައީސް ޔާމީން ހަނު ހުރުމުގެ ހައްގު ބޭނުން ކުރި ނަމަވެސް، އެ މަނިކުފާނުގެ މައްޗަށް ވަނީ ކުށް ސާބިތުވެފައި. - ފޮޓޯ: އަދަދު


ހަނު ހުރުމުގެ ހައްގު ބޭނުންކުރުމުން ކުށް ސާބިތު! ކީއްވެ؟

12 ޖަނަވަރީ 2023 - 09:36 0

"އެއީ ދައުވާ ލިބޭ ފަރާތުން ބުނާފަދަ މައުސޫމު، ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ނަމަ އެ ހެކިތައް އެ ފަރާތުން ހާމަނުކޮށް ނުހުންނާނެ ކަމާއި، އެހެނީ މައުސޫމު މުއާމަލާތަކާ ގުޅިގެން ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވުމުން ސަބަބުވެރި އިންސާނާ އަވަސްވެ ގަންނާނީ އެ ތުހުމަތުން ބަރީއަވެވޭނެ ހެކިތައް އަތުގައި ހުރުމުން އެ ހެކިތައް ހާމަކުރުމަށެވެ. ޖިނާއީ ބޮޑު ތުހުމަތަކުން ދިފާއު ވާނެ ސާބިތު ހެކި ހުރެ، އެ ހެކި ހާމަނުކޮށް ހަނު ހުންނާނެ ސަބަބުވެރި އެއްވެސް އިންސާނެއް ހުރެދާނެ ކަމަކަށް ބުއްދި ގަބޫލެއް ނުކުރެ އެވެ."

މިއީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ހިނގި ޝަރީއަތަށް ފަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ނުކުތާއެކެވެ.

ސަތޭކައެއްހައި ސޮފްހާގެ އެ ހުކުމުގެ އެކި ދިމާތަކުގައި ފާހަގަކޮށްފައި އޮތް މައިގަނޑު އެއް ކަމަކީ، ޖިނާއީ ތުހުމަތެއް ކުރުމުން ހަނު ހުރެވިދާނެ ކަމަށް ގާނޫނު އަސާސީން ދީފައިވާ ހައްގު ބައެއް ހާލަތްތަކުގައި ބޭނުންކުރުމަކީ އޭނާއާ ދެކޮޅަށް ނިންމުން އައިސްދާނެ ސަބަބެއް ކަމެވެ.

ހަނު ހުރުމަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެކެވެ. އެ ހައްގު ބޭނުން ކުރުމަކީ އޭގެ ޒާތުގައި ކުށެއް ކުރިކަމުގެ ހެއްކެއް ނޫނެވެ. ޔާމީން ވެސް އެ ކަން ކުރެއްވީ އެ ގޮތަށް ދެކެވަޑައިގެން ކަމަށް ބެލެވެ އެވެ. ނަމަވެސް އެއީ ކުށްކުރި ކަމަށް ބުރަދަން ދެވިދާނެ ކަމެއް ގޮތުގައި ހުކުމުގައި ސިފަކޮށްފައި އެބަވެ އެވެ.

އެ ކަން އޮތީ ހުކުމުގައި ހަމަ ފާހަގަކޮށްފައި އޮތް ގޮތަށް ހެއްޔެވެ؟ އަދި ގާނޫނު އަސާސީން ދީފައިވާ އަސާސީ ހައްގެއް ހިފެހެއްޓެދިނާ ހެއްޔެވެ؟

ހަނު ހުރުން ގޯސް ވެގެންދާ ގާނޫނީ އަސާސްތައް

ގާނޫނު އަސާސީގައި ހިމެނޭ އާސާސީ ހައްގުތައް ހިފެހެއްޓޭނެ ގޮތް ވެސް ގާނޫނު އަސާސީގައި ވެ އެވެ. އެއީ ގާނޫނު އަސާސީއާ ތައާރުޒުނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. އެއީ ވެސް މިނިވަން ޑިމޮކްރެޓިކް މުޖުތަމައެއްގައި އެފަދަ ހައްގެއް ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ މިންވަރަކަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބައެއް ގާނޫނުތަކުގައި ހަނުހުރުމުގެ ހައްގު ހިފަހައްޓާފައި ނުވަތަ ހަނިކޮށްފައި ވެސް އެބަ އޮތެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހަނުހުރުމުގެ ހައްގު ހިފެހެއްޓިފައި އޮތް ހާލަތު ބަޔާންކުރާ މާއްދާއާ ހަވާލާދީފައިވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ބ) ގައި ވަނީ ހަނުހުރުމުގެ ހައްގު ހިފެހެއްޓޭނޭ ހާލަތުތައް ބަޔާންކޮށްދީފަ އެވެ. އެ މާއްދާގައި އޮންނަނީ، ބައެއް ބާވަތުގެ ޖިނާއީ މައްސަލަތަކުގައި، އެ މީހަކު ތަހުގީގަށް ދޭ މައުލޫމާތަކީ އޭނާއާ އެއްކޮޅަށް ބޭނުން ކުރެވޭނެ މައުލޫމާތެއް ނަމަ އެކަން ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ހާމަކުރަން ވާނެ ކަމަށާއި އެ ހާލަތުގައި ހަނު ހުރުމުގެ ހައްގު ބޭނުން ނުކުރެވޭނެ ކަމަށެވެ.

އޭގެ އިތުރަށް ވެސް ޖިނާއީ ބައެއް ބޮޑެތި ކުށްތަކަށް ހާއްސަކޮށް މަޖިލީހުން ފާސްކޮށްފައިވާ ބައެއް ހާއްސަ ގާނޫނުތަކުގައި ވެސް ހަނު ހުރުމުގެ ހައްގު ހިފަހައްޓާފައި އެބަ އޮތެވެ.

މިސާލަކަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 27 ވަނަ މާއްދާ އެވެ. އެ މާއްދާގައި އޮންނަނީ، ގާނޫނު އަސާސީގައި ހަނުހުރުމުގެ ހައްގު ލިބިދީފައިވީ ނަމަވެސް އެ ގާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަށް އެ ހައްގު އެއްވެސް މިންވަރަކަށް ނުލިބޭނެ ކަމަށެވެ.

އިތުރަށް ބަލާއިރު، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 11 ވަނަ މާއްދާ ފާހަގަކުރެވެ އެވެ. އެ މާއްދާގައި ވެސް ބުނަނީ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ނުރައްކާތެރި ކުށްތަކުގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކަށް ގާނޫނު އަސާސީގައި ދީފައި އޮންނަ ހަނު ހުރުމުގެ ހައްގު އެއްވެސް މިންވަރަކަށް ނުލިބޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބައެއް ގާނޫނުތަކުގައި ހަނު ހުރުމުގެ ހައްގު ހިފަހައްޓާފައި އޮތް އިރު، ބައެއް މައްސަލަތަކުގައި ކަން ހިނގި ގޮތުގެ ސަބަބުން ނުވަތަ ހާލަތު ހުރި ގޮތެއްގެ ސަބަބުން އެ ހައްގުގެ ބޭނުން ކުރުމުން އެ މީހަކާ ދެކޮޅަށް ނިންމިދާނެ ކަމަށް ސުޕްރީމް ކޯޓާއި ހައިކޯޓުން ނިންމި ބައެއް މައްސަލަތަކުގައި ވެސް ކަނޑައަޅާފައި އެބަހުއްޓެވެ.

ސުޕްރީމް ކޯޓުން ނިންމި، މުހައްމަދު ނިޔާޒު ވ. ޕީޖީ އޮފީސް ގަޒިއްޔާއަކީ މިގޮތުން ފާހަގަކުރެވޭ މައްސަލައެކެވެ. އެ ގަޒިއްޔާގައި ބުނެފައި އޮންނަނީ، ބައެއް ހާލަތުތަކުގައި ދައުވާ ލިބޭ ފަރާތް ހުންނަ މަގާމުގެ ގޮތުން އަދި ކަން ހިނގި ގޮތް އެނގެނީ ހަމައެކަނި އޭނާއަށްވާނަމަ ތަހުގީގު މަރުހަލާގައި އެކަން އޮޅުން ފިޔަވައި ނުދީ ހަނުހުންނަނަމަ، ފަނޑިޔާރެއްގެ ހިތުގައި ދައުވާ ލިބޭ ފަރާތުގެ މައުސޫމު ކަމާމެދު ސުވާލު އުފެދުމަކީ ތަބީއީ ކަމެއް ކަމަށެވެ.

މުހައްމަދު ނަޖާހް ވ. ޕީޖީ އޮފީސް ގަޒިއްޔާއަކީވެސް ސުޕްރީމް ކޯޓުން މި ނުކުތާގައި ނިންމާފައި ނިންމުމެކެވެ. މީހަކު ކުށްވެރިވާކަމަށް ބެލެވޭ ހާލަތުތަކެއް ހުރެމެ، އެ ކަން އޭނާގެ ކުރިމައްޗަށް ހުށަހެޅުމުން، ކަންވީ ގޮތް ކިޔައިނުދީފިނަމަ ނުވަތަ ކިޔައިދިނީ ދޮގު ކަމަށްވާނަމަ އެ ކަމަކީ އޭނާއާ ދެކޮޅަށް ހުރި ހެކިތަކުގެ ޗޭނު ވަށައި ޖައްސައި ބައްދައިދޭ ފަހު ބޮޅު ކަމަށް އެ ގަޒިއްޔާގައި ބަޔާންކޮށްފައިވެ އެވެ.

ހައްގު ހިފަހައްޓަން ޖެހުނު ސަބަބު، އޭގެ މަސްލަހަތު

ބައެއް ގާނޫނުތަކުގައި ހަނުހުރުމުގެ ހައްގު ހިފެހެއްޓި ސަބަބާ ގުޅޭ ގޮތުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވީ ސާފު މައުސޫމު މީހެއް ނަމަ އޭނާ ދިފާއުވާން ވަގުތުން ދޭނެ މައުލޫމާތުތަކެއް ހުންނާނެ ކަން ސަބަބުވެރި ވިސްނުމަކުން އެނގޭން އެބަ އޮތް ކަމަށެވެ.

"ހާދިސާ ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު، އެއީ ތަހުގީގު މަރުހަލާގައި ހާމަކުރަން ޖެހޭ ދިފާއެއް، އޭރަށް ތަހުގީގަށް ހޯދަން އެނގޭނީ ވެސް އެ ތަނުގައި އޭނާ ހަމަ ނެތީތޯ ވެސް، އަދި ކުށުގެ މާހައުލުގައި ވެސް ނެތް މައުސޫމު މީހެއްނަމަ، ވަގުތުން އޭނާ ހާމަކުރާނެ މައުލޫމާތެއް އެއީ،" މުހުތާޒު ވިދާޅުވި އެވެ.

ކުޑަކުދިންގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލަތަކަކީ އާންމުކޮށް މީހުނަށް ފެނިގެން ހިނގާނެ ކުށްތަކަކަށް ނުވާތީއާއި، މާރާމާރީއާއި މަރުގެ މައްސަލަތަކީ ވަރަށް ބޮޑު ތުހުމަތަކަށް ވާތީ، އެފަދަ ކުށެއްގެ ތުހުމަތުކުރުމުން ހަނުހުރެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީއާއި ޖިނާއީ މައްސަލަތަކުގައި ބައެއް ގާނޫނުތައް ހެދިއިރު، އޭރު ޖަސްޓިސް މިނިސްޓްރީ އޮތް އިރު، މިނިސްޓަރު މަޖިލީހަށް ދިން އޮޕީނިއަންއަކީ ވެސް އެއްވެސް ހައްދުތަކެއް ނެތި ހަނުހުރުމުގެ ހައްގު ދީގެން ނުވާނެ ކަން،" ޖަސްޓިސް މިނިސްޓްރީގައި އޭރު މަސައްކަތް ކުރެއްވި މުހުތާޒު ވިދާޅުވި އެވެ.

ޖިނާއީ މައްސަލަތަކުގައި ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވީ، ހަނު ހުރެފައި ފަހުން ފަހުން އައިސް ހެކި އުފައްދާފައި ވެސް އެބަހުރި ކަމަށެވެ. އަދި އެ ވަހުމުތައް ފަނޑިޔާރުންގެ ހިތްތަކުގައި އުފެދޭ ހާލަތްތައް ވެސް ވުޖޫދުވާތީ، ގާނޫނުތަކުން އެ ހައްގު ހިފަހައްޓަން ޖެހުނީ ކަމަށެވެ.

"މަސްތުވާތަކެތީގެ މައްސަލަތައް، މީގައި މި ކުރާ ކަމަކީ އެ ތަކެއްޗާ ހަވާލުވާނެ އެހެން މީހެއް މި ހޯދަނީ، އޭނަ އައިސް އެ ގޮތަށް ހެކިބަސް ވެސް އެބަދޭ، ތަކެތި ފެނުނު ކޮޓަރީގައި ވެސް އޭނައޭ އުޅެނީ، އެކަމަކު އެއީ ތުހުމަތުކުރެވޭ ފުރަތަމަ މީހާއަށް އަލަށް ލިބޭނެ މައުލޫމާތެއް ނޫންތާ،" އޭނާ ކިޔައިދެއްވި އެވެ.

ހަނު ހުރުމުގެ ހައްގު ގާނޫނު އަސާސީން ދީފައި އޮތް ނަމަވެސް، މުޖުތަމައުގެ އާންމު މަސްލަހަތަށް ޓަކައި ޖިނާއީ ބައެއް ބޮޑެތި މައްސަލަތަކުގައި އެ ހައްގު އޮތީ ހިފަހައްޓައިފަ އެވެ. އަދި ބައެއް ހާލަތްތަކުގައި އެ ހައްގު ބޭނުން ނުކުރުމަކީ އެ މީހަކާ ދެކޮޅަށް ބޭނުންކުރެވޭ ކަމަކަށްވެސް ވެގެން އެބަ ދެ އެވެ. ދީފައިވާ ހައްގެއް ޒިންމާދާރުކަމާއެކު ބޭނުން ނުކުރުމުން އެ ހައްގުގެ ބޭނުންކުރިކުރުން އެއީ އެމީހަކާ ދެކޮޅަށް ބުރަދަން ދެވޭ ކަމަކަށް ވެގެން ދަނީ އެވެ.