Advertisement

ވެއިޓަރަކަށް ރޮބޮޓެއް ހަރަކާތްތެރިވާ ކެފޭއެއް މާލޭގައި ހުޅުވައިފި

7 ޖަނަވަރީ 2023 - 12:19 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުޅުވި އޯޝަން ބަބްލްސް ކެފޭ. އެތަނުން ބޮބާޓީގެ އޮންތެންޓިކް ބުއިންތައް ލިބެން ހުރޭ -- ފޮޓޯ: އަދަދު


ވެއިޓަރަކަށް ރޮބޮޓެއް ހަރަކާތްތެރިވާ ކެފޭއެއް މާލޭގައި ހުޅުވައިފި

7 ޖަނަވަރީ 2023 - 12:19 1

އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު ރާއްޖޭގައި މުޅިން އަލަށް ވެއިޓަރަކަށް ރޮބޮޓެއް ހަރަކާތްތެރިވާ ކެފޭއެއް އޯޝަން ބަބަލްސްގެ ދެވަނަ އައުޓުލެޓުގެ ގޮތުގައި މާލޭގައި ހުޅުވައިފި އެވެ.

މަޖީދީ މަގާއި ބޮޑުފުންގަނޑު މަގު ކަންމަތީގައި ހުންނަ އިމާރާތުގައި (ކުރީގެ އުރީދޫ) ރޭ އެ ކެފޭ ހުޅުއްވައި ދެއްވީ ޓުރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

އޯޝަން ބަބަލްސްގެ މެނޭޖިން ޑިރެކްޓަރު، ރަފީއުއްދީން ނަސީމު ވިދާޅުވީ ރޮބޮޓިކް ވެއިޓަރުންނަކީ ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް ހިދުމަތްދިނުުގައި ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށާއި މި ހިދުމަތް ރާއްޖެއަށް ތައާރަފު ކުރީ އެތަނުން ދޭ ހިދުމަތުގެ ފެންވަރު ފުރިހަމަ ކުރުމަށް ކަމަށެވެ. މިކަމުގެ ސަބަބުން އެތަނުން ކަސްޓަމަރުންނަށް ދޭ ހިދުމަތް އަވަސް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަސްލު ބޭނުންވީ ޓެކްނޮލޮޖީގެ ދާއިރާގެ ބަޔަކަށް ވާތީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާކަމެއް ރާއްޖެއަށް ތައާރަފު ކުރަން،" ރާއްޖޭގައި މަޝްހޫރު މޯބައިލް ފިހާރަ ޒިއޯން މޯބައިލްސްގެ ވެސް ބާނީ ރަފީއުއްދީން ވިދާޅުވި އެވެ.

ޓުރާންސްޕޯޓު މިނިސްޓަރު ނަހުލާއަށް މެނޫ ދައްކަވާލެއްވި އިރު ކައިރީގައި ރޮބޮޓިކް ވެއިޓަރު މަޑުކޮށްލައިގެން -- ފޮޓޯ: އަދަދު


އޭނާ ވިދާޅުވީ އެ ރޮބޮޓަކީ ވަރަށް ސްމާޓު ރޮބޮޓެއް ކަމަށާއި، އޯޑަރުތައް ގެންދަންވީ މޭޒުތަކާއި އަދަދު ވެސް އެއަށް އެނގޭނެ ކަމަށެވެ. އަދި ދަތުރު ކުރާ މަގުގައި އެއްޗެއް ނުވަތަ މީހަކު ހުރި ނަމަވެސް ދެނެގަތުމުގެ ގާބިލުކަން އެ ރޮބޮޓަށް ލިބިފައިވާ ކަމަށާއި ޗާޖު ދަށްވުމުން އަމިއްލައަށް ގޮސް ޗާޖު ޑޮކް ވެސް ކުރާނެ ކަމަށެވެ.

އޭގެއިތުރުން އެ ހިދުމަތް ދިނުމަށް ފަހު ކަސްޓަމަރުންނަށް ޝުކުރު އަދާ ކުރުމާއި ބައެއް އެހެން ހާލަތްތަކުގައި ވެސް މީހުންނާ ވާހަކަ ދެއްކުމުގެ ގާބިލުކަން އެ ރޮބޮޓަށް ލިބިފައިވާ ކަމަށް ރާއްޖެއަށް ވިންޑޯސް ތައާރަފު ކުރެއްވި ރަފީއުއްދީން ވިދާޅުވި އެވެ.

ހަމައެއާއެކު އޯޝަން ބަބަލްސް އިން ހުޅުވި ދެވަނަ އައުޓުލެޓުން ވަނީ ބޮބާ ޓީގެ އޮތެންޓިކް ނުވަތަ އަސްލު ބުއިންތައް ވެސް ތައާރަފު ކޮށްފަ އެވެ. އޭގެއިތުރުން ފެންވަރު ރަނގަޅު ކޮފީގެ ބުއިންތަކާއި ޕްރިމިއަމް ޓީގެ ވެސް 11 ވައްތަރެއް އެތަނުން ލިބެން ހުރެ އެވެ.

ސްޓާ ބަކްސްއަށް ވެސް ކޭކު ތައްޔާރު ކުރާ ރެއްލާ ބުރޭންޑުގެ ކޭކުގެ އިތުރުން ސޭންޑުވިޗް ފަދަ ބައެއް ލުއި ކާނާއާއި ޖެލާޓޯގެ ތަފާތު ވައްތަރުތައް ވެސް އެތަނުން ލިބެ އެވެ. އަދި ލެޕްޓޮޕް ހިފައިގެން ގޮސް މަސައްކަތް ކޮށްލެވޭ ފަދަ ވާކިން ސްޓޭޝަންތައް ވެސް އެތަނުގައި ވަނީ ގާއިމުކޮށްފަ އެވެ.

އޯޝަން ބަބަލްސް އަކީ މިދިޔަ އަހަރު ހުޅުމާލޭގައި ފެށި ވިޔަފާރި އެކެވެ. އެތަނަކީ މިހާރު ވެސް އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކެފޭ އެކެވެ. މާލޭގައި ހުޅުވި އޯޝަން ބަބަލްސްގެ ދެވަނަ އައުޓުލެޓުގެ ހިދުމަތް އާންމުންނަށް ހުޅުވާލާނީ މިއަންނަ ހޯމަ ދުވަހު ކަމަށް ރަފީއުއްދީން ވިދާޅުވި އެވެ.