Advertisement

2018ގެ ރިޔާސީ އިންތިހާބާ ދިމާކޮށް 12 ދުވަސް ތެރޭ 131 މީހަކަށް އުސޫލާ ހިލާފަށް އެޗްޑީސީއިން ވަޒީފާ

4 ޖަނަވަރީ 2023 - 09:53 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ މައި އޮފީސް: 2017-2018 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނީގެ މާލީ ހިސާބުތަކުގައި ހުރި ގިނަ މައްސަލަތަކެއް އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފައި. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


2018ގެ ރިޔާސީ އިންތިހާބާ ދިމާކޮށް 12 ދުވަސް ތެރޭ 131 މީހަކަށް އުސޫލާ ހިލާފަށް އެޗްޑީސީއިން ވަޒީފާ

4 ޖަނަވަރީ 2023 - 09:53 0

ހައުސިން އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން 2018 ވަނަ އަހަރުގެ އެންމެ 12 ދުވަހުގެ ތެރޭގައި 131 މީހަކަށް ކުންފުނީގެ އުސޫލުތަކާ ހިލާފަށް ވަޒީފާ ދީފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.

އެޗްޑީސީގެ 2017-2018 ވަނަ އަހަރުގެ ހާއްސަ އޮޑިޓު ރިޕޯޓުގައި ބުނީ، 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އިތުރު މުވައްޒަފުން ހޯދުމަށް އެ ކުންފުނީގެ އޭރުގެ ބޯޑަށް ހުށަހަޅާފައިވަނީ އެއްވެސް ޑިޕާޓުމަންޓަކުން ނުވަތަ ސެކްޝަނަކުން މުވައްޒަފުން ބޭނުންވެގެން ކުރިން އެދިގެން ނޫން ކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.

އަދި އެކަމާ ގުޅޭ ގޮތުން އެޗްޑީސީން ހިއްސާކުރި ހަމައެކަނި ލިޔުމުގައި ވަޒީފާދިން މުވައްޒަފުންނަކީ ބައެއް ޑިޕާޓުމަންޓުތަކުން މުވައްޒަފުން މަދުވުމާ ގުޅިގެން މަސައްކަތަށް ބުރޫއަރާ ކަމަށް ބުނި ނަމަވެސް، އެ ލިޔުމުގައިވާ ތާރީހަކީ އެކަން ފާސްކުރަން ބޭއްވި ބޯޑު ބައްދަލުވުމަށްވުރެ ފަހުގެ ތާރީހެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"އެހެންކަމުން 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ދެމެދު (12 ދުވަހުގެ މުއްދަތެއްގައި) އެޗްޑީސީން ވަޒީފާ ދީފައިވާ 131 މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވަނީ ކުންފުންޏަށް މުވައްޒަފުން ހަގީގަތުގައި ބޭނުންވެގެންކަން ޔަގީންނުކުރެވެ އެވެ،" އޮޑިޓު އޮފީހުން ބުންޏެވެ.

މީގެ އިތުރުން، އެ މުވައްޒަފުން ނެގުމުގައި އިންޓަވިއު ކުރުމާއި މާކްސް ދިން ގޮތާއި ވަޒީފާ ދިނުމަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން، އާންމުކޮށް ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުުށަހަޅަންޖެހޭ ލިޔެކިޔުންތަކަށް ބަލާއިރު، 81 ފަރާތެއްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަނަވަރު، 131 ފަރާތެއްގެ ޕޮލިސް ރިޕޯޓް އަދި 116 ފަރާތެއްގެ ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅާފައިނުވާއިރު، އެ މުވައްޒަފުން ވަޒީފާއަށް ހޮވުމަށްފަހުވެސް އެ ލިޔެކިޔުންތައް ހޯދައި ފައިލްކޮށްފައިނުވާ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

އެ ގޮތަށް އަމަލުކުރުމުގެ ސަބަބުން، ރިޕޯޓުގައި ބުނި ގޮތުގައި ވަޒީފާތަކަށް މީހުން ހޮވުމުގެ ހާމަކަމާއި ހަމަހަމަ ފުރުސަތުގައި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލުމުގެ އިތުރުން، އެންމެ ގާބިލު ފަރާތްތަކަށް ވަޒީފާ ދިނުމުގެ ފުރުސަތު ވެސް އެޗްޑީސީއަށް ގެއްލެ އެވެ.

އަދި ކުންފުންޏަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ނުބަލައި މުވައްޒަފުން ނަގާނަމަ، މުސާރަ އާއި އިނާޔަތްތަކަށް ކުރަންޖެހޭ ހޭދަ ވެސް ބޮޑުވެގެންދާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ބޯޑުން ފާސްކުރި ގޮތާ ހިލާފަށް މުވައްޒަފުން ނަގާފައި

އެ ރިޕޯޓުގައި އެޗްޑީސީން މުވައްޒަފުން ނެގުމުގައި އުސޫލާ ހިލާފަށް އަމަލުކޮށްފައިވާ އިތުރު މައްސަލައެއް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތުން، އެޗްޑީސީގެ ކްލީނިން އަދި ގްރީނިން ސެކްޝަނަށް ޖުމުލަ 150 މުވައްޒަފުން ނެގުމަށް ކުންފުނީގެ ބޯޑަށް ހުށަހެޅުމުން އެ ގޮތަށް ފާސްކޮށްދީފައިވަނިކޮށް، އެ ދެ ސެކްޝަނަށް 41 މުވައްޒަފުން ނެގުމަށްފަހު ކުންފުނީގެ އެހެން މަގާމުތަކަކަށް 90 މުވައްޒަފުން ނަގާފައިވާ ކަމަށް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.

އަދި އެ 150 މުވައްޒަފުން ނަގަން އަހަރަކު 12.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް، ބޯޑުން ފާސްކުރި ގޮތާ ހިލާފަށް އެހެން މަގާމުތަކަށް މުވައްޒަފުން ނަގާފައިވާތީ، މުސާރަ އާއި އިނާޔަތްތަކަށް އަހަރަކު އިތުރު 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރިޕޯޓުގައި އިތުރަށް ބުނީ ކުންފުންޏަށް މުވައްޒަފުން ހޯދުމަށް މެނޭޖުމަންޓުން ދޭ ލަފާގެ މައްޗަށް ބިނާކޮށް ބޯޑުން ނިންމާ ނިންމުތަކާ ހިލާފަށް އަމަލުކުރުމުން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކާ ހިލާފުވުމުގެ އިތުރުން ބޯޑުން ކަނޑައަޅާ ޓާގެޓުތައް ހާސިލުކުރުމަށް ވެސް ހުރަސްއެޅޭ ކަމަށެވެ.