Advertisement

1.5 މިލިއަން ހަރަދުކޮށްގެން ހުޅުމާލޭގައި ސާވޭއެއް ކުރި ކަމެއް ނޭނގޭ

4 ޖަނަވަރީ 2023 - 08:02 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ހުޅުމާލޭ ފޭސް 1 ގެ މައި މަގު. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


1.5 މިލިއަން ހަރަދުކޮށްގެން ހުޅުމާލޭގައި ސާވޭއެއް ކުރި ކަމެއް ނޭނގޭ

4 ޖަނަވަރީ 2023 - 08:02 0

ހައުސިން އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން 2018 ވަނަ އަހަރުގެ ތެރޭގައި ހުޅުމާލޭގައި ހިންގި ކަމަށް ބުނާ ސާވޭއެއްގެ އެއްވެސް މައުލޫމާތެއް ނެތުމުން، އެއީ އެ ކުންފުނިން ހަގީގަތުގައި ވެސް ކުރިއަށް ގެންދިޔަ ސާވޭއެއް ކަމެއް ޔަގީންނުވާ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

އެޗްޑީސީގެ 2017-2018 ވަނަ އަހަރުގެ ހާއްސަ އޮޑިޓު ރިޕޯޓުގައި ބުނީ "ހުޅުމާލެ ކޮމިއުނިޓީ ސާވޭ 2018" ގެ ނަމުގައި އެ ކުންފުނިން ޖުމްލަ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސާވޭއެއް ހިންގި ކަމަށް މާލީ ހިސާބުތަކުގައި ހިމަނާފައިވާ ކަމަށެވެ.

ނަމަވެސް، އެ ސާވޭގެ ރިޕޯޓް، ފައިނަލް ރިޕޯޓް، ސާވޭ ކުރިއަށް ގެންގޮސްފައިވާ މުއްދަތު، ސާވޭގައި ބޭނުންކޮށްފައިވާ މުވައްޒަފުން/ވޮލަންޓިއަރުންގެ ތަފުސީލާއި ސާވޭގައި ކޮށްފައިވާ ސުވާލުތަކުގެ ތަފުސީލަށް އެދުމުން، ސާވޭ ރިޕޯޓްގެ އިތުރުން އެހެން ލިޔެކިއުންތައް އެ ކުންފުނީގައި ބަލަހައްޓާފައިނުވާ ކަން ފާހަގަކުރެވުނު ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި, ސާވޭގެ ޑްރާފްޓް ރިޕޯޓުގައި ސާވޭ ކުރިއަށް ގެންގޮސްފައިވާ ތާރީހާއި ސާވޭ ރިޕޯޓް ތައްޔާރުކޮށްފައިވާ ފަރާތުގެ މައުލޫމާތު ހިމަނާފައިނުވާ ކަންވެސް އޮޑިޓު އޮފީހުން އިތުރަށް ބުންޏެވެ.

"އެހެންކަމުން، ހުޅުމާލެ ކޮމިޔުނިޓީ ސާވޭ 2018 ގެ ނަމުގައި އެޗްޑީސީން ހިންގި ހަރަކާތްތަކަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ސާވޭއަކީ އެޗްޑީސީގެ ބޭނުމަށް އެ ކުންފުނިން ހަގީގަތުގައި ވެސް ކުރިއަށް ގެންދިޔަ ސާވޭއެއްކަން ކަށަވަރު ނުކުރެވެ އެވެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.

އެއާއެކު އެޗްޑީސީން ކުރިއަށް ގެންދާ ސާވޭތަކުގެ ރިޕޯޓު ތައްޔާރުކޮށް ބެލެހެއްޓުމުގެ އިތުރުން ފައިނަލް ރިޕޯޓުގައި އެ ސާވޭއަކާ ގުޅޭ ހުރިހާ މައުލޫމާތެއް ހިމެނުމަށް އެ ރިޕޯޓުގައި އޮޑިޓު އޮފީހުން ވަނީ ލަފާދީފަ އެވެ.