Advertisement

ލެއާއޯ ޝައުގުވެރިވާ އިނގިރޭސި ކްލަބަކީ އާސެނަލް

26 ޑިސެންބަރު 2022 - 07:09 0

ގަތަރު ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ސްވިޒަލެންޑް ކޮޅަށް ގޯލު ޖެހުމަށް ފަހު ލެއާއޯ އުފާފާޅުކުރަނީ.


ލެއާއޯ ޝައުގުވެރިވާ އިނގިރޭސި ކްލަބަކީ އާސެނަލް

26 ޑިސެންބަރު 2022 - 07:09 0

ލިޒްބަން (ޑިސެމްބަރު 26) - އިޓަލީގެ ޗެމްޕިއަން، އޭސީ މިލާނަށް ކުޅެމުން އަންނަ ޕޯޗުގީސް ވިންގް، ރަފައެލް ލެއާއޯ ޝައުގުވެރިވާ އިނގިރޭސި ކްލަަބަކީ އާސެނަލް ކަަމަށް ބުނެފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ޓީމަށް ވެސް ކުޅުނު ލެއާއޯ، 23، މިލާނާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި އޮތީ ބާކީ 18 މަސް ދުވަހެވެ. ލެއާއޯގެ ކޮންޓްރެކްޓް އާ ކުރަން މިލާނުން ބޭނުންވާ ގޮތަށް އެކަން ކުރަން އޭނާ ބޭނުމެއް ނުވެ އެވެ. ލެއާއޯ ބޮޑު މުސާރަ އަކަށް ޑިމާންޑް ކުރާތީ، މިލާންގެ ވެސް ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ.

ލެއާއޯ ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އޭނާ ވެސް ވަނީ ދެން ބަދަލުވާން ބޭނުންވާ ބައެއް ކްލަބްތަކާ މެދު މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.

"ޔަގީނުން ވެސް މި ވަގުތު 100 ޕަސެންޓް ފޯކަސް ހުރީ މިލާނަށް، މިއީ ބޮޑު ކްލަބެއް، އަހަރެން މި ކްލަބާ އެކު ކޮންޓްރެކްޓް އެބައޮތް،" ލެއާއޯ ބުންޏެވެ.

"އެކަމަކު، އަހަރެން ވެސް އާ ލީގެއްގައި ކުޅެން ޖެހޭ ވަގުތު ކައިރި ކަމަށް ގިނަ ބަޔަކު ބުނާ ބަހާ މެދު އަހަރެން ވެސް އެއްބަސްވާން ޖެހޭ ސަބަބުތަކެއް އެބަހުރި. އެހެން ލީގެއްގެ ކްލަބަކާ މެދު އެއްޗެއް ބުނާ ކަމަށް ވާނަމަ، އަހަރެން ވަރަށް އާސެނަލާ މެދު ޝައުގުވެރިވޭ، އެ މީހުން ކުޅެނީ އަހަންނާ ގުޅޭ ފުޓްބޯޅައެއް،"

ޗެލްސީން ލެއާއޯ ގަންނަން 100 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން ތައްޔާރަށް އޮތް ކަމަށް މީގެ ކުރިން ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޕޯޗުގަލްގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެކޭ އެއްގޮތަށް ލެއާއޯ އަކީ ވެސް ސްޕޯޓިން ލިޒްބަންގެ ޔޫތު ޓީމުން ޕްރޮމޯޓްވެ، ސީނިއާ ޓީމަށް ކުޅުނު ކުޅުންތެރިއެކެވެ. ސްޕޯޓިން އަށް ފަހު، ލެއާއޯ ވަނީ 2018 ވަަނަ އަހަރު، ފްރާންސްގެ ލިލް އަށް ކުޅެފަ އެވެ. އެއް ސީޒަނުގައި އެ ޓީމަށް ދެއްކި މޮޅު ކުޅުމާ އެކު، މިލާނުން 2019 ވަނަ އަހަރު ލެއާއޯ ގަތީ 40 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. އެ ޑީލްގެ ދަށުން ދެން ލެއާއޯ އެހެން ޓީމަކަށް ވިއްކާލާނަމަ ޓްރާންސްފާ ފީގެ 20 ޕަސެންޓް ލިލް އަށް ދޭން ޖެހޭނެ އެވެ.