Advertisement

ފިލިޕްސް "ބަރު" ވެފައި ހުރުމުން ގާޑިއޯލާއަށް ކަމަކުނުދިޔަ

25 ޑިސެންބަރު 2022 - 12:03 0


ފިލިޕްސް "ބަރު" ވެފައި ހުރުމުން ގާޑިއޯލާއަށް ކަމަކުނުދިޔަ

25 ޑިސެންބަރު 2022 - 12:03 0

މެންޗެސްޓާ (ޑިސެމްބަރު 25) - ފީފާ ވޯލްޑް ކަޕްގައި ވާދަކުރި އިންގްލެންޑް ޓީމުގައި ހިމެނުނު މިޑްފިލްޑަރު ކަލްވިން ފިލިޕްސް މުބާރާތަށް ފަހު އެނބުރި ކުލަބަށް އައިއިރު "ބަރު"ވެފައި ހުރުމުން އެކަމާ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމްތަކުގެ ކުޅުންތެރިން މިހާރު ކުލަބުތަކާ ގުޅެމުން އަންނައިރު، ސިޓީގެ ހުރިހާ ކުޅުންތެރިން މިހާރު ތިބީ ކުލަބާ އެކުގަ އެވެ. އާޖެންޓިނާގެ ހޫލިއެން އަލްވަރޭޒް ފިޔަވައި ސިޓީއާ އެންމެ ފަހުން ގުޅުނު ކުޅުންތެރިންނަކީ ކުއާޓާ ފައިނަލުން ކެޓި އިންގްލެންޑުގެ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ފިލް ފޮޑެން އާއި ފިލިޕްސް ހިމެނެ އެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ސިޓީ އެންމެ ފަހުން ލީގު ކަޕްގައި ކުޅުނު މެޗުގައި މިޑްފިލްޑަރު ފިލިޕްސް ނުކުޅެ އެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ގާޑިއޯލާ ބުނީ ފިލިޕްްސް ހުރީ ފުޓްބޯޅަ ކުޅޭވަރަށްވުރެ މާ ބަރުކޮށްކަމަށާއި، ވޯލްޑް ކަޕުން ފިލިޕްސް އައީ އޭނާ ހީކުރިވަރަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ގާޑިއޯލާ ބުނީ ސިޓީގެ ކޮންމެ ކުޅުންތެރިއަކީ ވެސް މުހިންމު ކުޅުންތެރިއެއް ކަމަށާއި، ފިލިޕްސް އަށް، އެކަމަކު، ޓީމުން ފުރުސަތު ލިބެން އޮތީ އޭނާގެ ބަރުދަން ލުއިކޮށްގެން ކަމަށެވެ.

"މެޗެއް ކުޅެވޭ ހާލަތެއްގައެއް ނޫން ފިލިޕްސް ހުރީ. އަހަރެން މިހިރީ ހައިރާންވެފައި އޭނާ ބަރުވެފައި ހުރީމަ. މެޗެއް ކުޅެންވެސް ނޫނީ ޓީމާ އެކު ފިލިޕްސް އަށް ފަރިތަކުރެވޭނީ ވެސް ބަރުދަން ލުއިކޮށްގެން" މިދިޔަ އަހަރުގެ އިނގިރޭސި ލީގު ޗެމްޕިއަންކަން ސީޓީއަށް ހޯދައިދިން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ފިލިޕްސް، 27، ގެ ބަރުދަން ލުއިކުރަން މިހާރު އޭނާ އަށް އަންގާފައިވާނެ ކަމަށާއި، އިތުރަށް މިކަމުގައި މީޑިއާއާ ހިއްސާކުރާނެ ވާހަކަައެއް ނެތް ކަމަށެވެ.

ކޮނޑުހުޅަށް ލިބުނު އަނިޔާއިން އެނބުރި އައިސް ސިޓީއަށް މި ސީޒަނުގެ ލީގުގައި ފިލިޕްސް ކުޅުނީ އެންމެ މެޗެއްގަ އެވެ. އެހެން ނަމަވެސް އޭނާ ބޭނުންކުރެވޭ ވަރަށް ފިޓުކޮށް ހުރުމުން ކޯޗު ގެރެތް ސައުތު ގޭޓް ބޭނުންވީ ގައުމީ ސްކޮޑުގައި ފިލިޕް ހިމަނާށެވެ.

އިނގިރޭސި ގައުމީ ޓީމުގައި ހިމެނިގެން މި ފަަހަރުގެ ވޯލްޑް ކަޕްގައި ފިލިޕްސް ކުޅުނީ ދެ މެޗުގަ އެވެ. ވޭލްސް އާއި ސެނެގާލާއި ދެކޮޅަށް ކުޅުނު ދެ މެޗުގައި ފިލިޕްސް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ލީޑްސް ޔުނައިޓެޑް ދޫކޮށް 50 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށް ސީޒަން ފެށުމުގެ ކުރިން ސިޓީ އިން ގަތް ފިލިޕްސް އެންމެ ފަހުން އެ ޓީމަށް މެޗެއް ކުޅުނީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. އެއީ ލީގު ކަޕްގައި ޗެލްސީ އަތުން ސިޓީ މޮޅުވި މެޗުގަ އެވެ.