Advertisement

ފީފާ ވޯލްޑް ކަޕްގެ ކާމިޔާބީއާ އެކު މެސީ އަށް ރެކޯޑް "ފުންޏެއް"

25 ޑިސެންބަރު 2022 - 09:22 0


ފީފާ ވޯލްޑް ކަޕްގެ ކާމިޔާބީއާ އެކު މެސީ އަށް ރެކޯޑް "ފުންޏެއް"

25 ޑިސެންބަރު 2022 - 09:22 0

ގަތަރުގައި މި ފަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައި، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، ހަމައެކަނި ހާސިލްކުރީ ކެރިއަރުގައި ނުލިބި އޮތް ބޮޑު ކާމިޔާބީ އެކަންޏެއް ނޫނެވެ. މި ފަހަރުގެ ވޯލްޑް ކަޕް ނިންމާލުމަށް ފަހު، ފީފާއިން އެއްކުރި ތަފާސްހިސާބުތަކަށް ފަހު، މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި ލިޔެވޭ އެތައް ރެކޯޑްތަކެއް ވެސް ހާސިލްކޮށްފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ފީފާ އިން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މެސީ، 35، ފެންނާނެ ފަހު ފަހަރު ކަމަށް އޭނާ ވަނީ މުބާރާތުގެ ކުރިން ބުނެފަ އެވެ. އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި، 2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގައި މެސީ ފެންނާނެ ކަމުގެ އުންމީދު ކުޑަ ނަމަވެސް، މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު "ރިޓަޔާނުކުރާނެ" ކަމަށް މެސީ ވަނީ މީޑިއާގައި ބުނެފަ އެވެ.

މެސީ ދެން ވޯލްޑް ކަޕެއްގައި ނުފެނުނު ކަމުގައި ވިޔަސް، އޭނާގެ ހަނދާން އާ ކުރާނެ ގިނަ ރެކޯޑްތަކެއް މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު، މި މުބާރާތުގެ ލިޔެކިޔުންތަކުން ފެންނާނެކަން ޔަގީނެވެ.

ވޯލްޑް ކަޕްގައި މެސީ ގާއިމްކުރި ފާހަގަކޮށްލެވޭ ރެކޯޑްތަކަށް ބަލާއިރު، އޭނާ އަކީ މި މުބާރާތުގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ދެ ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ. އެ ގޮތުން މެސީ ވަނީ 2014 ވަނަ އަހަރާއި މި އަހަރު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލްކޮށްފަ އެވެ. ޖަރުމަނު އަތުން 2014 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލުގައި ބަލިވި ނަމަވެސް މި ފަހަރު، ވަނީ ފްރާންސް އަތުން މޮޅުވެ، ތަށި އުފުލާލައިފަ އެވެ.

ވޯލްޑް ކަޕްގެ ފަސް މުބާރާތުގައި ފެނުނު މެސީ ކުޅުނުއިރު، އޭނާ ވަނީ ޖުމްލަ 26 މެޗުގައި ކުޅެފަ އެވެ. މިއީ ވޯލްޑް ކަޕްގައި ކުޅުންތެރިއަކު އެންމެ ގިނަ މެޗު ކުޅުނު އަދަދެވެ. އެހެންކަމުން މި ރެކޯޑް މި އޮތީ މެސީ އަތުގަ އެވެ. ވޯލްޑް ކަޕްގެ މެޗުތަކުގައި މެސި ވަނީ ޖުމްލަ އެކުގައި 2314 މިނިޓް ކުޅެފަ އެވެ. މިއީ، ކުޅުންތެރިއަކު ވޯލްޑް ކަޕްގެ މެޗުތަކުގައި މިނިޓަށް ބަލާނަމަ ކުޅުނު އެންމެ ގިނަ އަދަދެވެ.

ކެޕްޓަނެއްގެ ގޮތުގައި ވޯލްޑް ކަޕްގެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތީ ވެސް މެސީ އަތުގަ އެވެ. ފްރާންސާ ދެކޮޅަށް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު މެސީ ކުޅުނު މެޗަކީ، އާޖެންޓީނާގެ ކެޕްޓަން ބޭންޑް އަޅައިގެން އޭނާ ވޯލްޑް ކަޕްގައި ކުޅުނު 19 ވަނަ މެޗެވެ.

މެސީ ވަނީ ވޯލްޑް ކަޕްތަކުގައި ޖުމްލަ އެކުގައި، 21 ގޯލަށް މަގު ފަހިކޮށްދީފަ އެވެ. އެއީ، އޭނާ ޖެހި 13 ގޯލާއި އެހެން ކުޅުންތެރިން ގޯލު ޖަހަން ތަނަވަސްކޮށްދިން އަށް ފުރުސަތެވެ. މިއީ ވެސް ރެކޯޑެކެެވެ. މެސީ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖާއި، ގަދަ 16 ބުރާއި ކުއާޓާ ފައިނަލާއި ސެމީ ފައިނަލްގެ އިތުރުން ފައިނަލުގައި ލަނޑު ޖަހައިފަ އެވެ. ވޯލްޑް ކަޕްގެ އެއް މުބާރާތުގެ ކޮންމެ ރައުންޑެއްގައި ގޯލު ޖެހުމުގެ ރެކޯޑް އޮތީ މެސީ އަތުގަ އެވެ.

ވޯލްޑް ކަޕްގެ ތާރީހަށް ބަލާއިރު، ފަސް މުބާރާތުގައި ކުޅެ، ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ހަމައެކަނި ކުޅުންތެރިއަކީ މެސީ އެވެ. މެސީ ވަނީ 2006، 2010، 2014، 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މަދުވެގެން އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ތާރީހުގައި އެ ޓީމަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް މެސީ އަކީ ވޯލްޑް ކަޕްގެ އެއް މެޗެއްގައި ގޯލު ޖެހުމަށް ފަހު ގޯލު ޖަހަން ފުރުސަތު ތަނަވަަސްކޮށްދިން، އެންމެ ޒުވާން ކުޅުންތެރިޔާގެ އިތުރުން އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. އެ ގޮތުން، 2006 ވަނަ އަހަރު ސާބިއާއާ ދެކޮޅަށް މެސީ، އުމުރުން 18 އަހަރުގައި ވަނީ ގޯލެއް ޖަހައި، ގޯލެއް ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕްގައި މެސީ ވަނީ މެކްސިކޯ ކޮޅަށް ގޯލެއް ޖެހުމަށް ފަހު ގޯލެއް ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.

ވޯލްޑް ކަޕްގެ މެޗުތަކުގައި ޓްރޮފީ ދީގެން އެ މެޗެއްގެ، މޮޅު ކުޅުންތެރިޔާ ހޮވަން ފެށި ފަހުން، އެންމެ ގިނަ މެޗުގައި މޮޅު ކުޅުންތެރިއާގެ އެވޯޑް ހޯދާފައިވަނީ ވެސް މެސީ އެވެ. މި ފަަހަރުގެ ވޯލްޑް ކަޕަށް އައިއިރު، މެސީ އާއި ޕޯޗުގީސް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ނެދަލެންޑްސްގެ ލެޖެންޑަރީ ވިންގް، އާރްޔެން ރޮބެން ވަނީ ކޮންމެ ކުޅުންތެރިއަކު، ވޯލްޑް ކަޕްގެ މެޗުތަކުގައި ހަ ފަހަރަށް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި މެސީ ވަނީ ފަސް މެޗެއްގެ މޮޅު ކުޅުންތެރިއަކަށް ހޮވި، ޖުމްލަ އެކު 11 މޭން އޮފް ދި މެޗު ޓްރޮފީ ހަމަކޮށް، އެ ރެކޯޑްގެ ކޮންޓްރޯލް ވެސް ނަގައިފަ އެވެ.

ވޯލްޑް ކަޕް ޓްރޮފީއާ އެކު މެސީ، އިންސްޓަގްރާމަށް ލީ ފޮޓޯ އަކީ މިހާތަނަށް، އެ ޕްލެޓްފޯމްގައި އެންމެ ގިނަ ބަޔަކު ލައިކް ކުރި ފޮޓޯ އެވެ.