Advertisement

އަލިބެގެ އާއިލާއާއެކު އޮޑި ބަންޑުން ޖަހާލި ދަތުރު

24 ޑިސެންބަރު 2022 - 16:51 0

ހަސަން ޒަރީރު (ލަގަން)

ހަސަން ޒަރީރު (ލަގަން)

އަލިބެގެ އޮޑި ބަންޑުންޖަހާލި ގޮތް ދައްކުވަ ކުރެހުމެއް. -- އާޓްވޯކް: ޒަރީރު


އަލިބެގެ އާއިލާއާއެކު އޮޑި ބަންޑުން ޖަހާލި ދަތުރު

24 ޑިސެންބަރު 2022 - 16:51 0

ތަކުރުފާނު އައްޔަބެ އަކީ ށ. ކަނޑިތީމުގެ އާދަޔާ ހިލާފު ހިތްވަރުގަދަ މުރާލި މީހެއް ގޮތުގައި މަރު ދުވަހާ ޖެހެންދެން އުޅުނު, ހެޔޮލަފާ މީހެކެވެ. މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން އަލިބެ އާއި އޭނާގެ އާއިލާ ތަޖުރިބާކުރަން ޖެހުނު ބިރުވެރި ދަތުރެއްގެ ވާހަކަ އަހަރެންނަށް ކިޔައިދިނެވެ.. އޭރަކު މި ގޮތަށް ވާހަކަތައް ލިޔެ ރައްކާކުރުމުގެ މަސައްކަތެެއް ނުކުރަމެވެ. ލިޔުމަށް ޝައުގުވެރިވެ މަސައްކަތް ފެށުމަށް ފަހު އަލިބެގެ އެ ދަތުރުގެ ވާހަކަ ލިޔަން ބަލިއިރު އަލިބެއެއް ދުނިޔެއަކު ނެތެވެ.

ދެން ވާހަކައިގައި އަލިބެ ބުނި ކުދިންނާ ބައްދަލުކުރީމެވެ. އޭރު ކުދިންގެ ގޮތުގައި ތިބި، މިހާރު މުސްކުޅިންގެ ގޮތުގައި ތިބި މީހުން 65 އަހަރަށް ވުރެ މަތިވެއްޖެވެ.

އެއީ އަލިބެގެ ޒުވާން ދުވަސްވަރު އެކި ރަށްރަށުން ކައިވެނިކުރި މީހުންގެ ތެރެއިން އެންމެ ފަހު ކައިވެނީގެ ބައިވެރިޔާއާއެކު ކުރި ދަތުރެއްގައި ކުރިމަތިވި ނުރައްކާތެރި ހާދިސާއެއްގެ ވާހަކައެވެ. އަލިބެ އެންމެ ފަހު ކައިވެނި ކުރީ ށ. ގޮއިދޫގެ ރަނގަޅު އާއިލާއެއްގެ މީހަކާއެވެ. އޭރުވެސް އޭނާގެ ކުޑަކުޑަ ތިން ކުދިން ތިއްބެވެ. ދުވަސްވަރަކީ ދުނިޔެއަށް ކުރިމަތިވި ބޮޑުތަދުގެ ހިތްދަތި ދުވަސްވަރެވެ.

އަލިބެ އަހަރެން ގާތު ކިޔައިދިން ގޮތުގައި މިކަން ދިމާވީ ކައިވެނިކޮށްގެން, އެ އާއިލާ ކަނޑިތީމަށް ގެނައި ދަތުރުގަ އެވެ. ނަމަވެސް އެ ދަތުރުގައި ބައިވެރިވި އަލިބެގެ ދޮން ދަރިއެއްކަމުގައިވާ ހުސައިން ރަޝީދު ބުނީ އެ ހިތާމަވެރި ހާދިސާ ހިނގީ ކަނޑިތީމަށް ހިޖުރަކުރުމަށް ފަހު ގޮއިދުއަށް ކާށި ބަލާކުރި ދަތުރެއްގަ އެވެ.

އާއިލާ މީހުންނާއި ބައްދަލު ކޮށްލާފައި އަންނަމުން ކާށިވެސް ގެންނަން ދިޔަ މި ދަތުރުގައި ބައިވެރިވީ (އަލިބެ) އާއި އަލިބެ އަންހެނުންނާއި އެ އަންހެން މީހާގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ހުސެއިން ރަޝީދާއި ނައީމް އާއި ސައީދާ އެވެ. އެންމެ ކުޑައީ ސައީދާ އެވެ. އެމަންޖެ އޭރު ތަންތަނަކު ނީންދެވެ އެެވެ. ތިން ބެއިންނަކީ ވެސް "އަހަރު ދެކޮޅު ވިހާފައި ތިބި ކުދިން" ނެވެ. މި އާއިލާގައި އިތުރުން ބައިވެރިވީ މޮޅު މޫސަ އާއި ތުއްތު ކުއްޖެއްކަމުގައިވާ މަރީނާފުޅެވެ.

ދުވަހަކީ އާދައިގެ ވައިމަޑު ރީތި ނަލަ ދުވަހެކެވެ. ދަތުރު ކުރީ ވަދު އޮޑިއެއްގަ އެވެ. ރާއްޖޭގެ ބައެއް ހިސާބުތަކުގެ މީހުން މިއޮޑިއަށް ބައްތެލި އޮޑިއޭ ވެސް ކިޔާއުޅެ އެވެ. ވެރިއަކަށް ހުރީ އަލިބެ އެވެ. ރަށުގެ ބޮޑު ނެރުން ފުރައިގެން ރީއްޗަށް ދުއްވާލައިފައި ރަށުގެ ދެކުނު ފަރާތަށް އާދެވުނު ގޮއިދޫގައި މުށިމަސް ބާނާ މީހުން ބައިބަޔަށް ކަނޑިންމާއާ ދިމާލު ގޮނޑުދޮށުގައިތިއްބެވެ. ކަނޑިތީމާއި ގޮއިދޫއަކީ ވައިމަޑު ދުވަހަކު ގޮވާލިޔަސް އަޑުއިވޭހާ ހިސާބުގައި އޮންނަ ދެރަށެވެ. ނަމަވެސް ދެރަށުގައިވެސް މީހުން ދިރިއުޅެނީ ނުވަތަ އާބާދުވެފައި އޮތީ ދުރުފަރާތުގައެވެ.

ދަތުރުކުރަމުން ގޮސް ގޮއިދޫ ކައިރިވުމުން އަލިބެ، މޫސާއާ ދިމާއަށް ބުންޏެވެ؛ "މޫސާއޭ, މުލިމަތީގައި ރާޅު ކޮންމެވެސް ވަރަށް އެބަހުއްޓޭ ކަނޑިންމައަކުން ނުވަދެވޭނޭ،"

ދެން ރިޔަލަށް ވައި އަޅުވާލުމަށް ފަހު ބޮޑު ނެރުން ވަންނަން މިސްރާބު ޖަހާ ދުއްވާލި އެވެ. ނަމަވެސް ކަނޑިންމައާ ކައިރިވީއިރު އެއްވެސް ވަރެއްގެ ރާޅެއް ކަނޑިންމައަކު ނެތެވެ.

"އެހެން ވީމާ ވަންނާނީ ދޯއޭ. ރިޔާލާން ދާށޭ." މޫސަ ބުނެފި އެވެ. އޭާ ގޮސް ރިޔާނުލެވިގެން އުޅެނިކޮށް ކުއްލިއަކާ ކައިރިން ނެގި ރާޅެއް ފެނުނީ ވެސް ބިންދަނިކޮށްނެވެ. އެއްގޮތެއް ވެސް ހަދައިލާނެ ފުރުސަތެއް ނުލިބި އުޅެނިކޮށް ރާޅާއެކު އޮޑި ދުއްވައިގެންފި އެވެ. ދެން ވީނުވީއެއް ނޭނގުނެވެ.

ތަނެއް ދޮރެއް އެނގުނުއިރު އެންމެން ތިބީ ކަނޑުގަ އެވެ. ދޯނިއޮތީ ބަނޑުންނެވެ.

"މަށާ ނައީމާއި ދެ މީހުން ގެނެސް އޮޑީގެ ބަނޑުފިލާ މައްޗަށް ލައިފައި ބުނެފި. ދަރިފުޅާވޭ ބާރަށް ކޮއްކޮ ގައިގައި ހިފަހައްޓާފައި, އަނެއް އަތުން ފަށަނުގައި ހިފައިގެން ގުޑާނުލާތިބޭށޭ، ބައްޕަ އެ ބައަންނަމޭ" އަލިބެގެ ހަނދާންތައް ހުސައިން ރަޝީދު އާކުރި އެވެ.

ދަތުރުގައި ބައިވެރިވި މޫސަބޭ ވެސް ފަތާފައި އޮޑީގެ ބަނޑުފިލައަށް އަރައިފި އެވެ. ހުސައިން ރަޝީދަށް އޭރު އޭނާގެ މަންމައެއް ސައީދާ ކޮއްކޮއެއް އަދި މަރީނާފުޅެއް ނުފެނެ އެވެ.

އަލިބެ އެ މީހުން ހޯދަން އެކި ދިމަދިމާއަށް ފަތައި ފީނަނީ އެވެ. ގިނައިރުތަކެއް ނުވެ ފަޅުގެވެސް އެތެރެއިން މަރީނާފުޅު ފެނިގެން ބަނޑުފިލާމަތީ އިން މޫސަބޭ އެމަންޖެ ބަލާ ޖަހައިގަތެވެ. މޫސަބޭ އެގޮތަކުން މިގޮތަކުން އެމަންޖެ ގެނެސް ބަނޑުފިލާ މައްޗަށް އަރުވައިފި އެވެ. އޭރުވެސް އަލިބެގެ އަންހެނުންނާއި އޭނާގެ ސައީދާ ނުފެނެ އެވެ. އޭރު ބާރު އޮޔާއެކު ބޭރަށް އޮޑި ދަމައިގެންފި އެވެ.

އަލިބެ ދެތިން ފަހަރަކު އަޑިއަށް ގޮސް މައްޗަށް އެރީ ސައީދާ ގޮވައިގެންނެވެ. ބަނޑުފިލާ މައްޗަށް ލުމަށް ފަހު ގޮތްގޮތަށް ހާނާލުމަށްފަހު ނޭވާލާކަން އެނގިގެން ކޮއްކޮވެސް ހިފަހައްޓަން ހުސައިން ރަޝީދު ގާތުގައި ބުނެފައި އަލިބެ އަވަހަށް އަޑިއަށް ދިޔަ އެވެ. އޭރު އޮޑި ބޮޑެތި ރާޅުތަކުން ނެއްޓި ބޭރަށް ގެންދެ އެވެ.

ހުސައިން ރަޝީދު ކިޔައިދީފައިވާ ގޮތުގައި އޭނާ އެއްއަތުން ދެކުދިން އަނެއްއަތުން ފަށަނުގައި ހިފެހެއްޓޭހާ ބާރަކަށް ހިފަހަށްޓައިގެން އިނިވެ. އޭނާގެ މަންމަ ފެނިގެން ގެނެސް ބަނޑުފިލައަށް ލުމުގައި ހޭދަވީ ކިހާއިރެއް ކަމެއް ބުނާކަށް ނޭނގެ އެވެ. ކޮންމެއަކަސް މަންމަ ގެނެސް ބަނޑުފިލާ މައްޗަށް ލީއިރު އެއްވެސް ހަރަކާތެއް ނެތެވެ. ހުސައިން ރަޝީދުގެ ދޮން ބައްޕައަށް ވެސް އޮޑިއަށް އެރުމަށްފަހު އިތުރު ހަރަކާތެއް ކުރެވޭވަރެއް ނެތެވެ.

އޮޑި ބަނޑުން ޖަހާލިއިރު ގޮނޑުދޮށުގައި މުށިމަސްބާނަން ތިބި މީހުންގެ ތެރެއިން އެއްބަޔަކު ފަތާފައި އޮޑިދޮށަށް އާދެވޭތޯ މަސައްކަތް ކުރާތަން ފެނެއެވެ. އެކަމަކު އޭރު ރާޅުހުރި ގޮތުންނާއި އޮއިވަރު އެ ސަރަހައްދުގައި ހުރި ގޮތުން އެއިން މީހަކަށް އާދެވޭ ގޮތެއް ނުވެ އެވެ. އަނެއް ބަޔަކު ދުވީ އެއްގަމަށެވެ. އެއީ ރައްޔިތުންނަށް ހަބަރު ދީ އަވަހަށް އެމީހުން ސަލާމަތް ކުރުމަށް އޮޑިފަހަރުގައި އަންނާށެވެ. އެކަމަކު މުށިމަސް ބާނަން ތިބި ހިސާބަކީ އަވަށާއި ވަރަށް ދުރު ހިސާބެއް ކަމުން, އަވަށަށް ގޮސް ސަންގު ފުންމައިގެން މީހުން ނެރެގެން އޮޑިއެއްގައި އަންނަން ވަރަށް ގިނަ ވަގުތު ނަގާނެއެވެ.

ކަންދިމާކުރި ގޮތުން ކަނޑިތީމުން އައި ދޯނި ކަނޑިންމަ މައްޗަށް ބަނޑުން ޖަހާލި ވަގުތަކީ ބިލަތްފަހީން ގޮއިދުއަށް ދަތުރުކުރަމުން އައި ދޯންޏެއްވެސް ނެރަށް ވަންނަން ދިމާކުރި ވަގުތެވެ. މި ކަނޑިންމަޔާ ނެރަކީ މާދުރު ހިސާބެއް ނޫނެވެ. އެކަމަކު ކަމެއްދަމެއް ގޯސްވެއްޖެނަމަ ކައިރި ހިސާބެކޭވެސް ނުބުނެވޭނެ އެވެ. ދޯނި ބަންޑުން ޖެހިތަން ފެނިގެން އެމީހުންވެސް ރިޔާލުމަށްފަހު ފަޅަށްނުވަދެ ރިޔަލާއި ފަލީގައި ދުއްވާފައި އައީ މީހުން ސަލާމަތް ކުރާށެވެ. އޭރު ގޮއިދޫންވެސް އޮޑިއެއް ފުރައިގެން ދޯންޏާއި ދިމާއަށް އަންނަތަން ފެނެއެވެ. ބިލަތްފަހީ ދޯނި ކައިރިކޮށް ހުރިހާ މީހުން އޮޑިއަށް ނެގުނު އިރު ގޮއިދޫން އައި އޮޑިވެސް އައިސް އަރާހަމަވެއްޖެއެވެ. އެހެންކަމުން ފަހުން އައިމީހުން ކުރީދޯނި ސަލާމާތް ކުރުމުގެ މަސައްކަތެވެ.

ކަނޑުވި މީހުން އެއްގަމަށް އެރުވިއިރު ރައްޔިތުން އަތިރަށް ޖަމާވެފައި އޮތެވެ. މުދިންބެ (ބޮޑުބެ) އާއި މުދިން ހުސޭނު އިބްރާހީމްބެއާ ދެމީހުން ތިބީ ގޮނޑު ދޮށުގައި ފަރުވާއަށް ތައްޔާރަށެވެ. އަހަރުމެން އެއްގަމަށް އެރުވުމާއެކު ބޮޑުބެ ކަނިގަނޑުގައި އޮތް ފަރުމާނެއް ނެގުމަށްފަހު ދެތިން ބުރިއަށް, ބިންދާލިއެވެ. ދެން ދެކޮޅަށް ދެބުރި ޖެހުމަށްފަހު ފޮތިގަނޑެއް ދެކޮޅުގައި އައްސާލި އެވެ. އެއަށްފަހު އަލިބެގެ އަންހެނުން އޭގައި ބަނޑުން ދެކޮޅަށް އެލިފައި އޮންނަ ގޮތަށް ބާއްވާ ފަރުވާ ކުރަން ފެށި އެވެ. ގިނައިރެއްނުވެ އަނގައިންނާއި ނޭފަތުން ލޮނުތައް ނުކުންނަން ފެށިއެވެ. އިރުކޮޅަކު މަސައްކަތް ކުރުމަށް ފަހު ފުރާނަ ހުރި ވާހަކަ ބުނެލިއެވެ. މީހުން ހީކޮށްގެން ތިބީ އަލިބެގެ އަންހެނުންގެ ފުރާނަވެސް ނެތް ކަމަށެވެ.

އަލިބެ ކިޔައިދިން ގޮތުގައި އޮޑި ބަންޑުން ޖަހާލި ވަގުތު އޮޑީގައި ތިބި މީހުން އެކި ދިމަދިމާއަށް ދިޔައިރު ރިޔަލުގެ ދަންމާނު އޮޅުނީ އޭނާގެ ހަގު އަނބީގެ ގައިގައެވެ. ދަންމާނުން ސަލާމާތް ވުމަށްޓަކައި މަސައްކަތް ކުރަނިކޮށް ފެނުނީ ސައީދާ އަޑިއަށް ފެތޭތަނެވެ. ނަސީބުކުން އެއްލިއަތުން ސައީދާގެ އަތުގައި ހިފުނެވެ. ދެން އެހިފެއްޓިގޮތަށް ހަބަރު ހުސްވިއިރު ވެސް އަތަކުން ސައީދާއެއް ދުލެއް ނުވިއެވެ.

އަލިބެ އަށް އަންހެނުން ފެނުނީ ބަންޑުން ޖަހާލައިފައި އޮތް އޮޑީގެ ރިޔާ ފެތިފައި އޮތްއިރު އެދިމާ އަޑީންނެވެ. އެމީހުން ތިބީ ދިމާ އޮލަނބަށް ވަރަށް އަޑީގަ އެވެ. ދަންމާނުގައި އޮޅިފައި ތިބިކަން އެނގުމުން ދަންމާނަކަށް ދަމާކަށް ނުކެރުނެވެ. އެއީ އެއަށް ދަމައިފި ނަމަ ދަންމާނުން ނިއުޅިގެން ދެމައިން އަޑިއަށް ފެތި ކަނޑުގެ ތެރެއަށް ގެއްލިދާނެތީ އެވެ.

އަލިބެ ހިތްވަރުލައިފައި ފީނައިގެން އަޑިއަށް ދެވުނު ކަމުގައިވިޔަސް ސަލާމާތް ކުރެވޭ ވަރަށް ވުރެ ވާގަނޑު ހުރީ ބާރުވެފަ އެވެ. އެހެންކަމުން އެ މަސައްކަތް ދޫކޮށްކޮށްލުމަށް ފަހު ދެވަނަ ފަހަރު އަޑިއަށްގޮސް އަލިބެގެ އަންހެނުން އަތުގައި އިން ސައީދާ ވަކިކޮށްލައިގެން ނެގި އެވެ. ހިފަހައްޓާފައި ހުރިލެއް ބާރުކަމުން މަންމަގެ ހިލަމެއް ނެތް ނަމަވެސް "މައެއްގެ އަތުން ދަރިއަކު ވަކިކޮށްލުން" ވީ ކުޑަކަމަކަށް ނޫނެވެ.

ސައީދާ ސަލާމަތްކޮށް އަހަރުމެންނާ ހަވާލުކުރުމަށްފަހު ދެން ދިޔަ ފަހަރު އަލިބެގެ އަންހެނުން ނެގީ އަޑިއަށް ގޮސް އުނަގަނޑުގައި އޮތްފިޔޮހީން ދަންމާން ބުރިކޮށްލައިގެންނެވެ. އެޒަމާނުގައި ފިރިހެނަކަށްވާ ކޮންމެ ފިރިހެނަކު އުނަގަނޑުގައި ފިޔޮއްސެއް އޮންނާނެ އެވެ. ހާއްސަކޮށް ރައިވެރިންނަކީ މިކަމަށް އަރާތިބޭ ބައެކެވެ. އަލިބެއަކީ ބައިނުގަނެ ސާޅީސް ރުއް ދެއިރަށް އެރި ކުޅަދާނަ ރައިވެރިއެކެވެ.

އެދަތުރުން ލެއްވި ހެޔޮ ރަހުމަތަށް ފަހު ދުވަސްކޮޅަކު ގޮއިދޫގައި ތިބުމަށްފަހު އެނބުރި ކަނޑިތީމަށް އައިސް އަލިބެގެ މުޅި ހަޔާތް ހޭދަކޮށްލީ ދެމަފިރިންނާ ކުދިންނާ އެކުގަ އެވެ. މިފަދަ ހާދިސާތައް ދިމާވުމާއި ބައެއްގެ ފުރާނަ ސަލާމާތް ވުމުގައި އަހަރުމެން ހީނުކުރާ އެތައްކަމެއް މެދުވެރިވެގެން އާދެ އެވެ. މި ކަމަކީވެސް ދިރި ތިބީންނަށް އޮތް އަގުހުރި ފިލާވަޅެއް ކަމުގައި ނޫނީ ނުވެ އެވެ.