Advertisement

ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލަކީ ރިޗާލިސަން ސާބިއާ ކޮޅަށް ޖެހި ބައިސިކަލް ކިކް

24 ޑިސެންބަރު 2022 - 12:30 0


ވޯލްޑް ކަޕްގެ އެންމެ މޮޅު ގޯލަކީ ރިޗާލިސަން ސާބިއާ ކޮޅަށް ޖެހި ބައިސިކަލް ކިކް

24 ޑިސެންބަރު 2022 - 12:30 0

ދޯހާ، ގަތަރު (ޑިސެމްބަރު 24) - ގަތަރުގައި މި ފަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ގޯލަކަށް ގްރޫޕް ސްޖޭޓުގައި ސާބިއާ ކޮޅަށް ބްރެޒިލްގެ ފޯވާޑް ރިޗާލިސަން ޖެހި ގޯލު ހޮވިއްޖެ އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު އީދު ގަތަރުގައި ނިމުނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެއީ 28 ދުވަހުގެ މުއްދަތަށް މި ފަހަރު ކުރިއަށްދިޔަ މުބާރާތެކެވެ. ވޯލްޑް ކަޕް ތާރީހުގެ އެންމެ ފޯރިގަދަ އަދި ވާދަވެރި ފައިނަލުގެ ގޮތުގައި ފެނުނު ފައިނަލް މެޗުގައި ފްރާންސް ބަލިކޮށް ތަށި ހޯދީ ލިއޮނަލް މެސީގެ ކެޕްޓަން ކަމުގެ ދަށުން ކުޅުނު އާޖެންޓީނާ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަަނަށް އެންމެ ގިނަ ގޯލު ޖެހި ވޯލްޑް ކަޕެވެ. އެ ގޮތުން، 172 ގޯލު ޖުމްލަ މި ވޯލްޑް ކަޕްގައި ޖެހިއިރު، މުބާރާތުގައި ވާދަކުރި ކޮންމެ ޓީމަކުން ވެސް މަދުވެގެން އެއް ގޯލު ޖެހި އެވެ.

މުބާރާތުގެ ގޯލުތަކުގެ ތެރެއިން މި ފަހަރުގެ އެންމެ މޮޅު ގޯލުގެ ޝަރަފް ލިބުނީ ބްރެޒިލްގެ ރިޗާލިސަން އަށެވެ. ގްރޫޕް ސްޓޭޖުގެ ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ރިޗާލިސަން ޖެހި ދެ ވަނަ ގޯލަކީ ފީފާއިން މޮޅު ގޯލު ހޮވަން ހުޅުވާލި ވޯޓުގައި އެންމެ ގިނަ މީހުން ވޯޓު ލީ ގޯލެވެ. ވިނީޝިއުސް ޖޫނިއާ ނަގައިދިން ހުރަސް ކޮންޓްރޯލް ކޮށްލުމަށް ފަހު ސާބިއާ ކޮޅަށް ރިޗާލިސަން ބޯޅަ ވައްދާލީ ބައިސިކަލް ކިކަކުންނެވެ.

ރިޗާލިސަންގެ ގޯލު މޮޅު ގޯލަށް ހޮވުނީ ބްރެޒިލްގެ ނޭމާ ކުއާޓާ ފައިނަލުގައި ޖެހި ގޯލާއި، ފްރާންސްގެ ކިލިއަން އެމްބާޕޭ ފައިނަލުގައި ޖެހި ގޯލާ ވާދަކޮށެވެ. ނޭމާ ކުއާޓާ ފައިނަލުގައި ކްރޮއޭޝިއާ ކޮޅަށް ޖެހި ގޯލަކީ މުބާރާތުގައި ފެނުނު އެންމެ މޮޅު އެއް ޓީމް ގޯލެވެ. އެ ގޯލުން ބްރެޒިލް ލީޑު ނެގި ނަމަވެސް ކްރޮއޭޝިއާ އިން ވަނީ އެއްވަރުކޮށް ޕެނަލްޓީގައި ބްރެޒިލް ބަލިކޮށް އެޓީމުން ކަޓުވާލާފަ އެވެ.

އެންމެ މޮޅު ގޯލަށް ދެން ވާދަކުރި އެމްބާޕޭގެ ގޯލަކީ ފްރާންސްގެ އެމްބާޕޭ ފައިނަލުގައި އާޖެންޓީނާ ކޮޅަށް ޖެހި ދެ ވަނަ ގޯލެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހައި ރަން ބޫޓު ހޯދި އެމްބާޕޭ އޭރިއާ ކަނާ ދިމާލުގައި ހުރެފައި އެއްފަހަރުން ފޮނުވާލި ހަމަލާ ގޯލަށް ވަނީ ކީޕަރު އެމިލިއާނޯ މާޓިނޭޒް އަތުގައި ޖެހިފަ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ މޮޅު ގޯލުގެ މަގާމް ލިބުނު ރިޗާލިސަން ވޯލްޑް ކަޕްގައި ޖުމްލަ ތިން ގޯލު ޖެހި އެވެ. ވޯލްޑް ކަޕް ނިމުމަށް ފަހު ކުޅުންތެރިން ކުލަބުތަކަށް މިހާރު އެނބުރި އައިސްފައިވާއިރު ރިޗާލިސަން ހުރީ އަނިޔާގަ އެވެ.

އޭނާގެ ފަލަމަސްގަނޑަށް ވޯލްޑް ކަޕްގެ ތެރޭގައި ލިބުނު އަނިޔާގެ ސަބަބުން ދެ ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށް ބެލެވެ އެވެ. އަނިޔާގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗާއި އެޓަންވިލާއާ ދެކޮޅަށް ކުޅޭ މެޗުގައި ރިޗާލިސަން އަށް ނުކުޅޭވޭނެ އެވެ.