Advertisement

ސޯލްޓް ބޭއާ ގުޅޭ ވޯލްޑް ކަޕް ފައިނަލުގެ މައްސަލައެއް ފީފާ އިން ތަހުގީގު ކުރަނީ

23 ޑިސެންބަރު 2022 - 07:53 0

ސޯލްޓް ބޭ ވޯލްޑް ކަޕްގެ ޓްރޮފީ އަށް ބޮސް ދެނީ.


ސޯލްޓް ބޭއާ ގުޅޭ ވޯލްޑް ކަޕް ފައިނަލުގެ މައްސަލައެއް ފީފާ އިން ތަހުގީގު ކުރަނީ

23 ޑިސެންބަރު 2022 - 07:53 0

ޒިއުރިކް (ޑިސެމްބަރު 23) - ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ތިން ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައި ބޭއްވި އުފާފާޅުކުރުމުގައި ތުރުކީގެ މަޝްހޫރު ޝެފް، ނުސްރަތު ގޯކްޝާ (ސޯލްޓް ބޭ)، ބައިވެރިވި ގޮތުގެ ތަހުގީގެއް ފީފާ އިން ކުރަން ފަށައިފި އެވެ.

ފްރާންސް އަތުން އާޖެންޓީނާ މޮޅުވި މެޗަށް ފަހު، ސޯލްޓް ބޭ ދަނޑަށް އަރައި، އާޖެންޓީނާގެ އުފާފާޅުކުރުންތަކުގެ ތެރެއިން ކުޅުންތެރިންނާ އެކު ފޮޓޯ ނަގައި، ވޯލްޑް ކަޕް ޓްރޮފީ ހިފައިގެން ވެސް ގިނަ ވަގުތުތައް ވަނީ ހޭދަކޮށްފަ އެވެ.

ވޯލްޑް ކަޕް ޓްރޮފީ އަމިއްލަ އަށް އުފުލާލައި، އެ ޓްރޮފީ އަށް ބޮސްދިނުމަށް ފަހު، ވެސް ސޯލްޓް ބޭ ވަނީ ފޮޓޯ ނަގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފަ އެވެ. އެކަމާ ހެދި ގިނަ ބަޔެއްގެ ނުރުހުން ފީފާ އަށް ވަނީ އަމާޒުވެފަ އެވެ.

ފީފާގެ ޕްރޮޓޮކޯލްގައިވާ ގޮތުން ވޯލްޑް ކަޕްގެ ޓްރޮފީގައި އަތްލުމުގެ ފުރުސަތު ލިބެނީ މުބާރާތް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއަކަށް ނޫނީ ހެޑް އޮފް ސްޓޭޓް (ގައުމުތަކުގެ ވެރިން) އޭގެ އިތުރުން ފީފާ އިން ހާއްސަ ހުއްދައެއް ދީފައިވާ ފަރާތަކަށެވެ. އެހެން އެކަން އޮއްވައި، ސޯލްޓް ބޭ އަށް ވޯލްޑް ކަޕްގެ ޓްރޮފީގައި އަތްލަން ފުރުސަތު ލިބުނު ގޮތެއް ފީފާ އިން އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް ބުނެ، ގިނަ ބަޔަކު ޝުއޫރުފާޅުކުރި އެވެ.

އާޖެންޓީނާގެ ކުޅުންތެރިންނާ އެކު ސޯލްޓް ބޭ، އުފާފާޅުކުރުމުގައި ބައިވެރިވާއިރު، ޓްރޮފީ އަށް ބޮސްދެނީ.


ފީފާގެ ތަރުޖަމާނު މީޑިއާ އަށް ދިން ބަޔާނެއްގައި ބުނެފައިވަނީ މި މަހު 18 ވަނަ ދުވަހު ލުސައިލް ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން، ބަޔަކު އެ ތަނަށް ގޮސް، ޕްރޮޓޮކޯލާ ހިލާފު ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި އެކަމާ ގުޅޭ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ސޯލްޓް ބޭގެ ރެސްޓޯރެންޓަށް ގޮސް، އޭނާ ތައްޔާރުކުރާ މަޝްހޫރު ސްޓޭކް ރަހަ ބައްލަވައިލައިފަ އެވެ. އެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، ސޯލްޓް ބޭ، ވޯލްޑް ކަޕް ފައިނަލަށް ގެންދަން ދައުވަތު ދިނީ ފީފާގެ ރައީސް އިންފަންޓީނޯ ކަމަށް ވެސް ބައެއް މީޑިއާތަކުން ސުވާލު އުފައްދަ އެވެ. އެ އަށް ދިން ޖަވާބުގައި ފީފާ އިން ބުނީ ސޯލްޓް ބޭއާ އެކު އެ ފެޑެރޭޝަނުގެ އެއްވެސް ރަސްމީ ގުޅުމެއް ނެތް ކަމަށެވެ.

ފީފާގެ ޕްރޮޓޮކޯލާ ސޯލްޓް ބޭ ހިލާފުވެފައިވާތީ އޭނާގެ ތަހުގީގު ކުރިއަށްދާ މި މުއްދަތުގެ ތެރޭގައި ފުޓްބޯޅައިގެ ބޮޑެތި މެޗުތަކަށް އޭނާ އަށް ނުވަދެވޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން، އެމެރިކާގެ މަޝްހޫރު ޔޫއެސް އޯޕަން ކަޕްގެ ފަހު މެޗުތަކަށް ސޯލްޓް ބޭ އަށް ނުވަދެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.