Advertisement

ދޮޅު އަހަރު ތެރޭ ހިތުގެ ބަލިން ރަނގަޅުވެ، ރެފްރީ މާޝީނިއަކް ވޯލްޑް ކަޕެއްގެ ފައިނަލަށް

20 ޑިސެންބަރު 2022 - 09:51 0

ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން ރެފްރީ މާޝީނިއަކް: މިދިޔަ އަހަރު ހިތުގެ ބައްޔަކަށް ފަރުވާ ހޯދަން ރެފްރީކަން ކުރުން ހުއްޓާލަން ޖެހުނު.


ދޮޅު އަހަރު ތެރޭ ހިތުގެ ބަލިން ރަނގަޅުވެ، ރެފްރީ މާޝީނިއަކް ވޯލްޑް ކަޕެއްގެ ފައިނަލަށް

20 ޑިސެންބަރު 2022 - 09:51 0

ޕޮލެންޑްގެ މަޝްހޫރު ރެފްރީ، ސީމޮން މާޝީނިއަކް، ޕްރޮފެޝަނަލް ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ، މީގެ 16 އަހަރު ކުރިން، 2006 ވަނަ އަހަރު އެވެ. އޭގެ ފަސް އަހަރު ފަހުން، 2011 ވަނަ އަހަރު، މާޝީނިއަކް އަށް ފީފާގެ ބެޖް ލިބުމާ އެކު، އޭނާ އަށް ބައިނަލްއަގުވާމީ ފުރުސަތުތަކުގެ ދޮރު ހުޅުވިގެންދިޔަ އެވެ.

ކުރިން ޕޮލެންޑްގެ ފުރަތަމަ ޑިވިޝަނުގައި ފުޓްބޯޅަ ކުޅުނު މާޝީނިއަކް، މީގެ ކުރިން ރެފްރީކަން ކޮށްފައިވާ ފާހަގަކޮށްލެވޭ މެޗުތަކާއި މުބާރާތްތަކަށް ބަލާއިރު، 2015 ވަނަ އަހަރު ބޭއްވި 21 އަހަރުން ދަށުގެ ޔޫރޯގެ ފައިނަލާއި 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2018 ވަނަ އަހަރުގެ ޔުއެފާ ސުޕަ ކަޕް މެޗާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހިމެނެ އެވެ.

އެކަމަކު، މިދިޔަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ބޯމަތީގައި އޮއްވައި، މާޝީނިއަކް ހެދި ހިތުގެ ޓެސްޓްތަކުން އެނގުނީ ހިތުގެ ބައްޔެއް ކަމަށްވާ ޓަކޫކާޑިއާ (ހިތުގެ ވިންދު ނޯމަލް ރޭޓަށް ވުރެ އަވަސްވުމުގެ ބަލި) ޖެހިފައިވާ ކަމެވެ.

އެހެންވެ، މާޝީނިއަކް އަށް ޖެހުނީ ޕްރޮފެޝަނަލް ރެފްރީ ކެރިއަރު މަޑުޖައްސާލައި، ފަރުވާގެ ކަންކަން އަވަސްކުރުމެވެ. ފަރުވާ ހޯދަން ހޭދަވި މުއްދަތުގެ ތެރޭގައި އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މާޝީނިއަކް ނުފެނެ އެވެ.

"އަހަންނަށް މިދިޔަ ދޮޅު އަހަރު ދިޔައީ ވަރަށް އުނދަގޫ ފައްތަރެއްގައި، ޓަކުކާޑިއާ، ހިތުގެ ބައްޔަށް ފަރުވާ ހޯދަން އަހަރެން ޖެހުނު، އެއާ އެކު އެންމެ ފުރަތަމަ ދުވަސްތައް ދިޔައީ ވަރަށް ވެސް އުނދަގޫކޮށް. ރެފްރީކަން ކުރުން ހުއްޓާލަން ޖެހުމުން ޔޫރޯގައި ލިބިފައި އޮތް ފުރުސަތު ވެސް ގެއްލުނު. އެއީ ވަރަށް ހިތްދަތި އިހުސާސެއް ކުރެވުނު ހަނދާނެއް،" މާޝީނިއަކް، 41، ބުންޏެވެ.

ފައިނަލް މެޗުގެ ތެރެއިން ރެފްރީ މާޝީނިއަކް (ވ) އާޖެންޓީނާގެ ކެޕްޓަން މެސީއާ ވާހަކަ ދައްކަނީ.


"އެކަމަކު، މިހާރު އަހަރެން މި ހުރީ ފިޓްކޮށް، ވޯލްޑް ކަޕެއްގެ ފައިނަލުގައި ރެފްރީކަން ކުރުމަކީ އާދައިގެ ކަމެއް ނޫން، އަހަރެން އަބަދުވެސް ހެވިފައި މި ހުންނަނީ، މިއީ ވަރަށް ވެސް އުފާވެރި އިހުސާސްތަކެއް،"

ވޯލްޑް ކަޕްގައި މާޝީނިއަކް، ފައިނަލް ހިމެނޭ ގޮތަށް ރެފްރީކަން ކުރީ ތިން މެޗެވެ. އެއީ ގްރޫޕް ސްޓޭޖުގައި ފްރާންސާއި ޑެންމާކް ކުޅުނު މެޗާއި ގަދަ 16 ބުރުގައި އާޖެންޓީނާ އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގަ އެވެ.

ފައިނަލަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި މާޝީނިއަކް ރެފްރީކަން ކުރި ތިން ވަނަ މެޗެެވެ. ފައިނަލުގައި ރެފްރީކަން ކުރަން މާޝީނިއަކް އަށް ފުރުސަތު ދިނީ މުޅި މުބާރާތަށް ބަލާއިރު، ރެފްރީސް އެސަސަރުންނަށް އެންމެ ރަނގަޅު މިންގަނޑަށް މެޗުތަކުގައި ރެފްރީކަން ކޮށްފައިވަނީ މާޝީނިއަކް ކަމަށް ވާތީ އެވެ.

ފައިނަލުގައި މާޝީނިއަކް އަތުން މެޗުގެ ކޮންޓްރޯލް ނުގެއްލި އޭނާ ރެފްރީކަންކުރި ގޮތް ރަނގަޅުވުމުން ގިނަ ބަޔަކު ވަނީ އެކަން ފާހަގަކޮށްފަ އެވެ. ވޯލްޑް ކަޕެއްގެ ރެފްރީކަން ކުރި ޕޮލެންޑްގެ ފުރަަތަމަ ފަރާތް ކަމަށްވާތީ، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާއި ސަރުކާރުން ވެސް ވަނީ މާޝީނިއަކް އަށް މަރުހަބާ ކިޔައިފަ އެވެ.

ފުޓްބޯޅައިގެ ގިނަ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ފައިނަލުގައި މާޝީނިއަކްގެ ފަރާތުން މެޖޯރިޓީ ގިނަ ނިންމުންތައް ދިޔައީ ރަނގަޅަށް ކަމަށާއި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލަން ނުޖެހޭ ކަންކަން ވެސް ދޫކޮށްލާފައި ހުރީ ޖުމްލަކޮށް ބަލާއިރު ރަނގަޅަށް ކަމަށެވެ.

ގަތަރުގައި ކުރިއަށްދިޔަ މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި އެންމެ ގިނަ ރެފްރީން/މެޗު އޮފިޝަލުން ހަރަކާތްތެރިވީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެ ގޮތުން 11 ރެފްރީންނާއި 20 އެސިސްޓަންޓް ރެފްރީން އަދި 11 ވީޑިއޯ އެސިސްޓަންޓް ރެފްރީން ޔޫރަޕްގެ ގައުމުތަކުން ވޯލްޑް ކަޕަށް ނެގި އެވެ. ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވަނީ ފައިނަލުގައި މާޝީނިއަކް އަށް ލިބުނު ފުރުސަތަކީ ޔޫރަޕަށް ވެސް ހިތްހަމަޖެހުމެއްކަން ފާހަގަކޮށްފަ އެވެ.