Advertisement

ރޯމާގެ ކޯޗަކަށް ހުރެ މޮރީނިއޯ އަށް ޕޯޗުގަލާ ހަވާލުވުމުގެ ފުރުސަތު ދެނީ: ރިޕޯޓް

14 ޑިސެންބަރު 2022 - 07:31 1


ރޯމާގެ ކޯޗަކަށް ހުރެ މޮރީނިއޯ އަށް ޕޯޗުގަލާ ހަވާލުވުމުގެ ފުރުސަތު ދެނީ: ރިޕޯޓް

14 ޑިސެންބަރު 2022 - 07:31 1

ލިޒްބަން، ޕޯޗުގަލް (ޑިސެމްބަރު 14) - އިޓަލީގެ އޭއެސް ރޯމާގެ ކޯޗަކަށް ހުރެ، ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވާން ހޯސޭ މޮރީނިއޯ އަށް ހުށަހަޅާފައިވާ ކަމަށް ޕޯޗުގީސް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އެކަމަކު، ރަސްމީ ފަރާތަކުން މޮރިނިއޯ އަށް ޕޯޗުގަލް ކޯޗުކަން އޮފާކުރި ކަމަށް ބުނެ، މި ވާހަކަތައް ކަށަވަރުކޮށްދީފައި ނުވާއިރު، ޕޯޗުގަލްގެ ކޯޗުގެ މަގާމުގައި ހުރި ފެނާންޑޯ ސަންޓޯސް ވެސް އަދި ވަޒީފާއިން ވަކިނުކުރެ އެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން މޮރޮކޯ އަތުން 1-0 އިން ބަލިވެ، ޕޯޗުގަލް މުބާރާތުން ކެޓިއިރު، އެ ނަތީޖާއާ ހެދި ޕޯޗުގަލްގެ ކޯޗުކަމުން ސަންޓޯސް ވަކިކުރާނެ ކަމަށް ބުނެ މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.

ޕޯޗުގަލްގެ ކޯޗުކަމާ 2014 ވަނަ އަހަރު ހަވާލުވި ސަންޓޯސް، ވަނީ މޮރޮކޯ މެޗަށް ފަހު އޭނާގެ މުސްތަގުބަލާ ބެހޭގޮތުން އަމާޒުވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ވާހަކަ ދައްކައިފަ އެވެ.

ސަންޓޯސް ބުނީ ޕޯޗުގަލްއާ އެކު 2024 ވަނަ އަހަރާ ހަމަައަށް އޭނާގެ ކޮންޓްރެކްޓެއް އެބައޮތް ކަމަށެވެ. އެކަމަކު، ބޮޑު މުބާރާތަކަށް ފަހު އަބަދުވެސް މުސްތަގުބަލާ ގުޅޭ ވާހަކަތައް ފެޑެރޭޝަނާ ދައްކާ ގޮތަށް މި ފަހަރު ވެސް އެކަން ކުރިއަށްދާނެ ކަމަށް ސަންޓޯސް ވަނީ ފާހަގަކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕޯޗުގަލް އިން ރަސްމީކޮށް ސަންޓޯސްގެ ކޮންޓްރެކްޓް ނިމުމަކަށް ގެނެސް އާ ކޯޗެއް ހޯދުމުގެ މަސައްކަތްތައް ރަސްމީ ސިފައެއްގައި ފަށާނެ އެވެ. އެ ގޮތުން ޕޯޗުގީސް ފެޑެރޭޝަންގެ ވިސްނުމަކީ ތަޖުރިބާކާރު ކޯޗު މޮރީނިއޯއާ ޓީމު ހަވާލުކުރުމަށެވެ.

މޮރިނިއޯއާ ޓީމު ހަވާލުކުރުމުގެ ބައެއް ވާހަކަތައް މިހާރު ވެސް ޕޯޗުގީސް ފެޑެރޭޝަންގެ ބައެއް އޮފިޝަލުން ވަނީ މޮރީނިއޯ އަށް ހިއްސާކޮށްފަ އެވެ. އެކަން އިޓަލީގެ މީޑިއާތަކުން ކަށަވަރުކުރެ އެވެ.

ރޯމާއާ އެކު 2024 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓްގައި ހުރި މޮރީނިއޯ، "ޕާޓްޓައިމް" ކޮށް ވިޔަސް ޕޯޗުގަލް ކޯޗަކަށް ގެންނަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ހުރީ ތައްޔާރަށެވެ. އެކަމަކު، އިޓަލީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ އެއް ފަހަރާ ދެ ޓީމުގެ ކޯޗުކަން އަދާކުރުމުގެ އޮތީ ކުޑަ ފުރުސަތަކެވެ. އޭނާ ޕޯޗުގަލް ޓީމާ ހަވާލުވާނަމަ ރޯމާގެ ވަޒީފާ ދޫކޮށްލާނެ އެވެ.