Advertisement

ޕޯޗުގަލް ކެޓި މެޗުގައި އާޖެންޓީނާ ރެފްރީން ތިބުމުން ޕެޕޭ އާއި ބްރޫނޯ ފާޑުކިޔައިފި

11 ޑިސެންބަރު 2022 - 07:00 0


ޕޯޗުގަލް ކެޓި މެޗުގައި އާޖެންޓީނާ ރެފްރީން ތިބުމުން ޕެޕޭ އާއި ބްރޫނޯ ފާޑުކިޔައިފި

11 ޑިސެންބަރު 2022 - 07:00 0

ދޯހާ، ގަތަރު (ޑިސެމްބަރު 11) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ މޮރޮކޯ އަތުން ބަލިވެ، ޕޯޗުގަލް މުބާރާތުން ކެޓި މެޗުގެ ރެފްރީންނަށް މުޅިން ވެސް ތިބީ އާޖެންޓީނާ ރެފްރީން ކަމަށާއި އެއީ އެކަން ވާން ޖެހޭނެ ގޮތެއް ނޫން ކަމަށް ބުނެ، ޕޯޗުގަލްގެ ދެ ތަރިން ކަމަށްވާ ބްރޫނޯ ފެނާންޑޭސް އާއި ޕެޕޭ ފާޑުކިޔައިފި އެވެ.

ޕޯޗުގަލް އަތުން 1-0 އިން މޮޅުވެ، މޮރޮކޯ އިން ވަނީ އެ ގައުމުގެ ތާރީހުގައި ފުރަަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕްގެ 22 މުބާރާތުގައި ވެސް ސެމީން ފުރުސަތު ލިބުނު އެފްރިކާ އަށް ނިސްބަތްވާ ހަމައެކަނި ޓީމެވެ.

ރޭގެ މެޗުގެ ރެފްރީ އަކަށް އާޖެންޓީނާގެ ފަކުންޑޯ ޓޭއޯ ހުރިއިރު، އޭނާގެ ދެ އެސިސްޓަންޓް ރެފްރީންނާއި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އަށް ވެސް ހުރީ އާޖެންޓީނާގެ މެޗު އޮފިޝަލުންނެވެ.

"އަހަރެމެންގެ މެޗެއްގައި އާޖެންޓީނާގެ ރެފްރީން މުޅިން ކަހަލަ ގޮތަކަށް މި ހުރީ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޕޯޗުގީސް މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ޕެޕޭ ބުންޏެވެ.

"އިއްޔެ (ހުކުރު ދުވަހުގެރޭ) މެސީ އެ ވާހަކަ ދެއްކީ ރެފްރީންނާ ބެހޭގޮތުން، އެ އަށް ފަހު އަހަރެމެން މެޗުގައި މި ހުރީ މުޅިން އާޖެންޓީނާ ރެފްރީން. މުޅި މެޗުގައި މޮރޮކޯ އިން ލަސްކުރަމުން ދިޔައިރު، މެޗުގެ އިތުރު ވަގުތަށް ވެސް ދެއްކީ އަށް މިނިޓް މިއީ، އިންސާފުވެރި ވަރެއް ނޫން،"

އާޖެންޓީނާ އިން ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކުރި މެޗުގައި އިތުރު ވަގުތަށް މާގިނައި ވަގުތުތަކެއް ދެއްކި ކަމަށް ބުނެ، މެސީ ވަނީ ހިތްހަަމަނުޖެހުން ފާޅުކޮށްފަ އެވެ. ރޭގެ މެޗުގައި އިތުރު ވަގުތުގެ ގޮތުގައި ދެއްކީ މާ މަދު ވަގުތު ކޮޅެއް ކަމަށް ބުނެ، ބްރޫނޯ ފެނާންޑޭސް ވެސް ރެފްރީންނަށް ފާޑުކިޔައިފައިވެ އެވެ.

"މެޗުގެ ކުރިން ވެސް އަަހަރެމެން ވާހަކަ ދެއްކިން، އަހަރެމެންނަށް އެނގޭ ކޮންކަހަލަ ރެފްރީންކަމެއް މި އަރަނީ. މި ކަަހަލަ މުބާރާތްތަކުގައި ޕޯޗުގީސް ރެފްރީންނެއް ނެތް. އެކަމަކު، އަދިވެސް އެބަތިބި މުބާރާތުގައި ވާދަކުރަމުން އަންނަ ގައުމުތަކުގެ ރެފްރިން. އަހަންނަށް އެއްގޮތަކަށް ވެސް ނުވިސްނުނު، މި މެޗުގައި މުޅިން އެއްކޮށް، އާޖެންޓީނާ ރެފްރީން ހުންނަން ޖެހޭ ސަބަބެއް،" ބްރޫނޯ ފެނާންޑޭސް ބުންޏެވެ،

ޕެޕޭ (ކ) އާއި ބްރޫނޯ ފެނާންޑޭސް ޕޯޗުގަލްގެ މެޗެއްގެ ވޯމްއަޕަށް ނުކުންނަނީ.


ބްރޫނޯ ފެނާންޑޭސް ބުނީ އޭނާ އަށް ފުރަތަމަ ހާފުގައި މޮރޮކޯގެ އޭރިއާތެެރެއިން ކުރި ފައުލަށް ރެފްރީ ޕެނަލްޓީ ނުދޭ ކަމަށާއި މި މެޗުގައި އިތުރު ވަގުތު ދޭން ޖެހޭ ވަރަށް އެކަން ނުކުރި ސަބަބެއް ވެސް އޮންނާނެ ކަމަށެވެ.

އެކަމަކު، އެ ވާހަކަތައް ދައްކައިގެން މައްސަލަ ގަނޑެއްގެ ތެރޭގައި އުޅެން ބޭނުންނުވާ ކަމަށް ވެސް ބްރޫނޯ ފެނާންޑޭސް ވަނީ ބުނެފަ އެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ މި މެޗުން ބަލިވީ ހަމައެކަނި ރެފްރީންގެ ގޯސް ނިންމުންތަކުގެ ސަަބަބުން ކަމަށް ވާހަކަ ދެއްކުން އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

ރޭގެ މެޗުގައި މޮރޮކޯއާ ދެކޮޅަށް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ޕޯޗުގަލް އަށް ބޭނުންވި ގޭމް ނުކުޅެވި އަމިއްލަ އަށް ޕްރެޝަރުގައި ޖެހި ގޯސް ނިންމުންތަކެއް ނިންމަން ޖެހުނު ކަމަށް ސަންޓޯސް ވަނީ ބުނެފަ އެވެ.

ގަދަ 16 ބުރުގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗެކޭ އެއްގޮތަށް ރޭ މޮރޮކޯއާ ދެކޮޅަށް ވެސް ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލެއްގެ ގޮތުގަ އެވެ. ރޭގެ މެޗަކީ ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ފަށަން ޖެހޭ މެޗެއްކަން ފާހަގަކޮށް، ކޯޗު ސަންޓޯސް ރޭގެ މެޗަށް ވެސް ރޮނާލްޑޯ ބެންޗަށް ލާން ނިންމި ނިންމުމަށް ޕޯޗުގަލްގެ ކުރީގެ ކުޅުންތެރިން ވަނީ ފާޑުކިޔައިފަ އެވެ.