Advertisement

މޮރޮކޯގެ ހުވަފެނީ ދަތުރު ކުރިއަށް، ޕޯޗުގަލް ބަލިކޮށް އެ ދިޔައީ ސެމީ އަށް!

10 ޑިސެންބަރު 2022 - 22:24 0

ލަނޑު ޖެހުމަށް ފަހު މޮރޮކޯގެ ކުޅުންތެރިން އުފާފާޅުކުރަނީ.


މޮރޮކޯގެ ހުވަފެނީ ދަތުރު ކުރިއަށް، ޕޯޗުގަލް ބަލިކޮށް އެ ދިޔައީ ސެމީ އަށް!

10 ޑިސެންބަރު 2022 - 22:24 0

ދޯހާ، ގަތަރު (ޑިސެމްބަރު 10) - ޕޯޗުގަލް ރޮއްވާލައި، ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދި އެފްރިކާގެ ފުރަތަމަ ޓީމްގެ ޝަރަފް މޮރޮކޯ އިން ހޯދައިފި އެވެ.

މުބާރާތުގައި މިހާތަނަށް އެންމެ ސަޕްރައިޒިން ނަތީޖާތަކެއް ނެރެމުން އަންނަ ޓީމުތަކުގެ ތެރޭގައި ހިމެނޭ މޮރޮކޯ އިން ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ޕޯޗުގަލްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ.

މޮރޮކޯ އިންވަނީ މި މުބާރާތުގައި ދުނިޔޭގެ އެންމެ ވަރުގަދަ ޓީމްތަކުގެ ތެރޭގައި ހިމެނޭ ބެލްޖިއަމް އާއި ސްޕެއިން އަތުން ވެސް މޮޅުވެފަ އެވެ. ސެމީ ފައިނަލުން ޖާގަ ހޯދުމަކީ ވޯލްޑް ކަޕްގައި އެ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. އަނެއްކޮޅުން، މިއީ އެފްރިކާގެ ގައުމަކުން ދުނިޔޭގެ ފުޓްބޯޅައިގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

ޕޯޗުގަލް އިން މިރޭގެ މެޗަށް ވެސް ނެރުނު ފުރަތަމަ އެގާރައިގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނައިފަ އެއް ނުވެ އެވެ. އެ ޓީމުން މިދިޔަ މެޗަށް ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. އެއީ މިޑްފިލްޑަރު ވިލިއަމް ކަވާލިއޯގެ ބަދަލުގައި ރުބެން ނެވޭސް ކުޅެން އެރުވުމެވެ.

މޮރޮކޯ އިން މި މެޗުގައި މަޖުބޫރު ދެ ބަދަލެއް ގެނަ އެވެ. އަނިޔާގެ ސަބަބުން ދެ ޑިފެންޑަރުން ކަމަށްވާ ނާޔިފް އަގުއާޑް އާއި ނުސައިރު މަޒްރައޮއީގެ ބަދަލުގައި ކުޅެން ނެރުނީ ޖަވާދް އަލްޔަމިގް އާއި ޔަހިއާ އަތިޔަތަލާ އެވެ.

މެޗު ފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލީ ޕޯޗުގަލް އިންނެވެ. ލިބުނު ހިލޭ ޖެހުމަކުން ބްރޫނޯ ފެނާންޑޭސް ނަގައިދިން ހުރަހުން ޖޮއާއޯ ފެލިކްސް ފޮނުވާލި ހަމަލާ ދިފާއުކުރީ ކީޕަރު ޔަސިން ބޯނޯ އެވެ.

ދެން ފެނުނީ ގޯލެއް ޖަހަން މޮރޮކޯ އަށް ރަނގަޅު ފުރުސަތެއް ލިބުނު ތަނެވެ. ހަކީމް ޒިޔެޗް ކޯނަރަކުން ނަގައިދިން ބޯޅަ ހުސްކޮށް ހުރެ ޔޫސުފް އެން-ނެސީރީ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން އޭރިއާ ބޭރުން ޒިޔެޗް ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލާ އަމާޒުނުވެ އަރިމަތިން ބޭރަށެވެ. އެން-ނެސީރީ އަށް މެޗުގެ 26 ވަނަ މިނެޓުގައި ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ލަނޑު ޖެހުމަށް ފަހު މޮރޮކޯގެ އެން-ނެސޭރީ އުފާފާޅުކުރަނީ.


ފުލުފުލުގައި މޮރޮކޯއިން ކައުންޓާ އެޓޭކުގައި ލިބުނު ފުރުސަތަކުން އެންމެ ފަހުން އެ ޓީމުން ގޯލު ޖެހި އެވެ. މެޗުގެ 42 ވަނަ މިނެޓުގައި މި ގޯލު ޖަހައިދިނީ އެން-ނެސީރީ އެވެ. އަތިޔަތަލާ އަރިމަތިން ނަގައިދިން ހުރަހަށް ޕޯޗުގަލްގެ ގޯލްކީޕަރު ޑީއޯގޯ ކޮސްޓާ އަށް ލިބުމުގެ ކުރިން އެން-ނެސީރީ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މި ގޯލާ އެކު އޭނާ ވޯލްޑް ކަޕްގައި ޖެހި ގޯލުގެ އަދަދު ތިނަކަށް އެރިއިރު އޭނާވެފައިވަނީ އަކީ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި މޮރޮކޯ ކުޅުންތެރިޔާ އެވެ.

މޮރޮކޯއިން ގޯލު ޖެހިތާ ތިން މިނެޓު ފަހުން ޕޯޗުގަލް އިން އެއްވަރުކުރުމާ ގާތަށް ޖެހިލި އެވެ. އަރިމަތިން ފެނާންޑޭސް ފޮނުވާލި ބޯޅަ ކީޕަރު ބޯނޯ ބޯމަތިން ގޮސް ޖެހުނީ ހުރަސް ދަނޑީގަ އެވެ.

ދެ ވަނަ ހާފަށް ނުކުމެ މޮރޮކޯ އިން ކުޅުނީ ޑިފެންސަށް އިސްކަންދީގެންނެވެ. ނަމަވެސް ކައުންޓާ އެޓޭކުގައި އެ ޓީމުން ރަނގަޅު ފުރުސަތުތަކެއްވެސް ހޯދި އެވެ. މިގޮތުން މިހާފުގެ އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީވެސް މޮރޮކޯ އިންނެވެ. ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް އައި ބޯޅަ އެލްޔަމީގެ ބޮލުން ޖައްސާލުމުން ކީޕަރު ކޮސްޓާ ވަނީ ދިފާއުކޮށްފަ އެވެ.

ޕޯޗުގަލް އިން ދެން ފެނުނީ ރޮނާލްޑޯ ކުޅެން އެރުވިތަނެވެ. ނަމަވެސް ރޮނާލްޑޯ އަށް މި މެޗުގައި ގޯލެއް ޖަހަން ލިބުނީ އެންމެ ފުރުސަތެކެވެ. ކައުންޓާ އެޓޭކުގައި ރޮނާލްޑޯ ފޮނުވާލި ބޯޅަ ކީޕަރު ޔަސިން ބޯނޯ ދިފާއުކުރި އެވެ. މި ހާފުގައި ފެނާންޑޭސް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް ދިޔައިރު، ފެލިކްސް ފޮނުވާލި ހަމަލާ ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ކީޕަރު ބޯނޯ އެ ބޯޅަ ބޭރުކުރި އެވެ.

މޮރޮކޯގެ ކީޕަރު ބޯނޯ (ކ) ޕޯޗުގަލްގެ ހަމަލާއެއް ހުއްޓުވަން މަސައްކަތް ކުރަނީ.


ލީޑު ފުޅާކުރުމަށް މޮރޮކޯގެ އަބޫހަލާލް ފޮނުވާލި ބޯޅަ ކީޕަރު ކޮސްޓާ ދިފާކުރިއިރު މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ޕެޕޭ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. މޮރޮކޯ އިން މެޗުގެ ފަހު ވަގުތު ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ބަދަލަކަށް ކުޅެން އެރި ވަލީދު ޗެދީރާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ފީފާ ވޯލްޑް ކަޕްގެ 22 ވަނަ މުބާރާތުގައި އެފްރިކާގެ ޓީމެއް ފުރަަތަމަ ފަހަރަށް ސެމީ ފައިނަލަށް ދަަތުރުކުރިއިރު، މީގެ ކުރިން ތިން ގައުމެއް ވަނީ ކުއާޓާ ފައިނަލާ ހަމައިން ކަޓައިފަ އެވެ. އެ ގޮތުން 1990 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާގައި ކެމަރޫން ވަނީ އިންގްލެންޑް އަތުން އިތުރު ވަގުތު ކުޅެގެން ބަލިވެފަ އެވެ. އޭގެ ފަހުން، 2002 ވަނަ އަހަރު ސެނެގާލް ބަލިވީ ކުއާޓާ ފައިނަލުގައި ތުރުކީން ރަން ގޯލެއް ޖެހުމުންނެވެ. އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާގައި ގާނާ ކެޓީ އުރުގުއޭ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.