Advertisement

ޑެޝޯމްްޕްސް ދެކޭ ގޮތުގައި އިންގްލެންޑް ޓީމުގައި ބަލިފައެއް ނެތް!

10 ޑިސެންބަރު 2022 - 12:17 0

ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ވަނީ މެޗުގެ ކުރިން އިންގްލެންޑަށް ތައުރީފުކޮށްފައި.


ޑެޝޯމްްޕްސް ދެކޭ ގޮތުގައި އިންގްލެންޑް ޓީމުގައި ބަލިފައެއް ނެތް!

10 ޑިސެންބަރު 2022 - 12:17 0

ދޯހާ، ގަތަރު (ޑިސެމްބަރު 10) - ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ ކުޅޭ މެޗުގައި އިންގްލެންޑާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ބަލިފައެއްގެ ގޮތުގައި ފާހަގަކުރާނެ ކަމެއް ނެތް ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝީމްޕްސް ބުނެފި އެވެ.

އިންގްލެންޑާއި ފްރާންސަކީ އެންމެ ފަހުން ވޯލްޑް ކަޕާއި މި ފަހަރުގެ މުބާރާތުގައި ވެސް ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ދެ ގައުމެވެ. ފްރާންސަކީ އެންމެ ފަހުގެ ޗެމްޕިއަނެވެެ. އިންގްލެންޑް ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ.

މެޗުން މެޗަށް ކުރިއެރުމަށް ބަލާނަމަ އިންގްލެންޑަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުން ރަނގަޅު ކުރަމުން އަންނަ އެއް ޓީމެވެ. އެ ޓީމާ ދެކޮޅަށް ކުޅޭ ނޮކައުޓް މެޗަކަށް ފްރާންސް އިން ނުކުންނައިރު، އެ ޓީމުން ފައިދާނަގަން ވިސްނާނީ ކޮން ގޮތްތަކަކުންތޯ، ފްރާންސްގެ ކޯޗު ޑެޝޯމްޕްސްއާ ސުވާލުކުރުމުން އޭނާ ދިނީ ތަފާތު ޖަވާބެކެވެ.

"އިންގްލެންޑްގެ ބަލިފަޔަކީ ކޮންކަމެއްތޯ ޕޮއިންޓް ކޮށްފައި ބުނާނެ ކަމެއް ނެތް. ގިނަ ޓީމުތަކުގައި މިހާ ހިސާބުން ހުންނާނީ ވަރުގަދަ ކަންކަން. މާ ބައިވަރު ބަލިފައިތަކެއް ނުހުންނާނެ. ދެން ހުރެދާނެ ވަރުގަދަ ނޫން ބައެއް މަގާމުތައް، އެކަމަކު، އެއީ ވެސް ބަލިފަޔެކޭ ނުބުނެވޭނެ،" ޑެޝޯމްޕްސް ބުންޏެވެ.

"އަހަރެމެންގެ ހަތަރު މެޗު އިންގްލެންޑަށް ފެންނާނެ. އިންގްލެންޑުން ކުޅުނު ހަތަރު މެޗު އަހަރެމެންނަށް ފެނިއްޖެ، އެހެންވީމަ ދެ ޓީމަށް ވެސް ތައްޔާރުވާން ބަލާއިރު މި އޮތީ ހަމަހަމަ ފުރުސަތެއް،"

މިރޭގެ މެޗުގެ ކުރިން އިންގްލެންޑް ކުޅުންތެރިން މީޑިއާ އަށް ދިން އިންޓަވިއުތަކުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ހުއްޓުވުމާ ގުޅޭ ވާހަކަތަކެވެ. ޑެޝޯމްޕްސް ބުނީ އިންގްލެންޑުން ހަަމައެކަނި އެމްބާޕޭ ހުއްޓުވަން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރިޔަސް، އެކަން ކުރެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.

"ކުރިން އަހަރެމެންނާ އެކު ނުކުތް ހަތަރު ޓީމުން ވެސް ވިސްނައިގެން ތިބީ އެ ކަމަށް (އެމްބާޕޭ ހުއްޓުވަން). އެކަމަކު، އެމްބާޕޭ މި ވަގުތު އެ ހުރި ފޯމަށް ބަލާއިރު، އޭނާ ހުއްޓުވުމަކީ ވާނެ ކަމެއް ނޫން. އެމްބާޕޭ އަށް ވަކިން ފޯކަސް ކޮށްފިއްޔާ، އަހަރެމެން ފައިދާނަގާނެ ގޮތްތަކެއް އެބަހުރި. އެކަން އިންގްލެންޑަށް ވެސް އެނގޭނެ،" ޑެޝޯމްޕްސް ބުންޏެވެ.

އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް އެ ޓީމުގެ މައުންޓަށް ބުނެދެނީ.


މި ފަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް އިން ކުޅުނު ހަތަރު މެޗުގައި ވެސް އެ ޓީމު ކޮޅަށް ގޯލު ވަދެފައިވާއިރު، ޑެޝޯމްޕްސް ބުނީ އެ ޓީމު ކުޅޭ ސްޓައިލްގެ ގޮތުން ގޯލު ވަންނާނެ ކަމަށާއި މުހިންމީ މޮޅުވުން ކަަމަށެވެ.

އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ މިދިޔަ އަހަރުތަކުގައި އިންގްލެންޑުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވަނީ ބޮޑެތި މެޗުތަކުގައި ތަފާތު ދައްކާފައި ކަމަށާއި މިރޭ ފްރާންސް މެޗުގައި ވެސް އެކަން ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

"އަހަރެމެން ކުރިން ދެ މުބާރާތުގެ ފައިނަލް ސްޓޭޖަށް އައީ ބޮޑެތި މެޗުތަކެއް ކާމިޔާބުކޮށްގެން. ވޯލްޑް ކަޕްގެ ސެމީ އާއި ޔޫރޯ ފައިނަލް ކުޅުނީ ހުސް ފަސޭހަ މޮޅުތަކެއް ހޯދައިގެނެއް ނޫން. އެހެންވީމަ، ކުރިން މެޗުތަކުގައި ލިބިފައި ހުރި ތަޖުރިބާތަކުގެ އަލީގައި މި ފަހަރު ވެސް ބޭނުންވާ ނަތީޖާ ނެރެވިދާނެ،" ސައުތުގޭޓް ބުންޏެެވެ.

އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން ބުނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީއާ ހަމައަށް އިންގްލެންޑް ދިޔައިރު، އެ ފަހަރު އޮތް ޓީމު ރޫހަށް ވުރެ މިހާރު ޓީމުގެ މެދުގައި އޮތް އިތުބާރު ތަފާތު ކަމަށެވެ. އަދި އެ އިތުބާރުން ދެކޭ ތަފާތުގެ އެހީގައި މެޗުތަކުގައި ނަތީޖާ ނެރެން ބަލާއިރު، ފްރާންސް މެޗަކީ އެކަން ކުރަން މުހިންމު މެޗެއްގެ ގޮތުގައި ކޭން ފާހަގަކުރި އެވެ.

ވޯލްޑް ކަޕެއްގައި މިހާތަނަށް އިންގްލެންޑުން ފްރާންސް އަތުން ބަލިވެފައިނުވެ އެވެ. އެކަމަކު، 1992 ވަނަ އަހަރުގެ ފަހުން ފްރާންސާ ދެކޮޅަށް ކުޅޭ މެޗުތަކުން ނަތީޖާއެއް ނެރުމަކީ އިންގްލެންޑަށް ފަސޭހަ ކަމެއް ނޫނެވެ. މުބާރާތެއްގައި މި ދެ ޓީމުން އެންމެ ފަހުގެ ކުރިމަތިލުމަކަށް ބަލާއިރު، 2004 ވަނަ އަހަރުގެ ޔޫރޯގައި ފްރާންސް އިން ވަނީ ފަހަތުން އަރައި އިންގްލެންޑް ބަލިކޮށްފަ އެވެ.

އެކުވެރިކަމުގެ މެޗެއްގައި ވެސް އިންގްލެންޑަށް އެންމެ ފަހުން ފްރާންސް ބަލިކުރެވުނީ މީގެ ހަތް އަހަރު ކުރިން، 2015 ވަނަ އަހަރުގަ އެވެ.

ފްރާންސާއި އިންގްލެންޑް ބައްދަލުކުރާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.