Advertisement

ރޮނާލްޑޯއާ ކިޔަސް ރަތް ރޮނގު ހުރަސް ނުކުރޭ

10 ޑިސެންބަރު 2022 - 11:46 0


ރޮނާލްޑޯއާ ކިޔަސް ރަތް ރޮނގު ހުރަސް ނުކުރޭ

10 ޑިސެންބަރު 2022 - 11:46 0

ދޯހާ، ގަތަރު (ޑިސެމްބަރު 10) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފާޑުކިޔަސް ހަގީގަތް އޮޅުވާލައި، ދޮގު ވާހަކަތަކެއް ފަތުރައިގެން "ރަތް ރޮނގު ހުރަސް ނުކުރަން" ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ގޮވާލައިފި އެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލް އިން ގަދަ 16 ޓީމުގެ ބުރުގައި ސްވިޒަލެންޑް އަތުން 6-1 އިން މޮޅުވި މެޗު، ފެށީ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ. ރޮނާލްޑޯގެ ބަދަލުގައި އެ މެޗުގެ ފުރަތަމަ އެގާރައިގައި ޕޯޗުގަލް އިން ބޭނުންކުރި ފޯވާޑް، ގޮންކާލޯ ރާމޯސް ހެޓްރިކެއް ހެދި އެވެ.

ރޮނާލްޑޯ، 37، ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭނަމަ، ޕޯޗުގަލްގެ ކޭމްޕް ދޫކޮށް އެނބުރި ގައުމަށް ދާނެ ކަމަށް ބުނެފައި ކަމަށް މީޑިއާގައި ދެކެވުނު ވާހަކަ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބަޔާނެއް ނެރެ ވަނީ ދޮގުކޮށްފަ އެވެ.

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ މޮރޮކޯއާ ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލްގެ ކޯޗު ސަންޓޯސް ވަނީ ރޮނާލްޑޯ ބެންޗަށް ލާން ނިންމައި އެ އަށް ފަހު ކަންތައްތައް ހިނގާދިޔަ ގޮތް ކިޔައިދީފަ އެވެ.

"އަހަރެންގެ އޮފީހަށް ރޮނާލްޑޯ ގެނެސްފައި، އަހަރެން އޭނަ ގާތުގައި ބުނިން އޭނަ ފުރަތަމަ އެގާރައިގައި ނެތް ކަމަށް. އެއީ ކުއްލިއަކަށް އެ ނިންމުން އިއްވައިގެން އޭނަ ހައިރާންކޮށްލާފައި، ހާސްކަމެއްގެ ތެރޭގައި ނުބަހައްޓަން ވެގެން، އަހަރެން ބުނީ އޭނަ ދެ ވަނަ ހާފުގައި ޕްރެޝަރު ވަގުތުގައި ބޭނުންކުރުމުގެ ވިސްނުމެކޭ މި މެޗަށް (ސްވިޒަލެންޑް މެޗަށް) މި އޮތީ،" ސަންޓޯސް ބުންޏެވެ.

"ދެން ހަމަ ޔަގީންކަމެއް ކްރިސްޓިއާނޯ (ރޮނާލްޑޯ) ލެވަލްގެ ކުޅުންތެރިއަކަށް ބެންޗުގައި އިންނަން ފަސޭހައެއް ނުވާނެ. ހިތްހަމައެއް ވެސް ނުޖެހޭނެ. އެހެންވެ، ރޮނާލްޑޯ އެހީ އަހަރެން ގާތުގައި އެއީ ރަނގަޅު ވިސްނުމެއްކަން ޔަގީންތޯ. އަހަރެން ކަންކަން ރޭވިފައި އޮތްގޮތް ކިޔައިދިނީމަ، އޭނަ އެ ނިންމުމަށް އިހުތިރާމްކުރި،"

ސަންޓޯސް ބުނީ މިހާރު މީޑިއާ އަށް އެންމެ ފަސޭހަވާނީ ރޮނާލްޑޯއާ ގުޅުވައިގެން "ނެގެޓިވް ވާހަކަތަކެއް" ފެތުރުން ކަމަށާއި ހަގީގަތްތޯ ބަލަނީ މަދު ފަހަރަކު ކަމަށެވެ.

"އަހަރެމެން މި ފަދަ ވާހަކަތައް ހުއްޓުވަން ޖެހޭ، އަހަރެމެން ފާޑުކިޔަންވީ އެކަމަކު ރަތް ރޮނގު ހުރަސްކޮށް، އުސޫލުތައް މުގުރައި ދޮގު ހަދަންވީއެއް ނޫން. މިއީ ރޮނާލްޑޯ އަށް ވެސް ހަމަޖެހުމުގެ ނޭވައެއް ލާން ފުރުސަތު ދޭންވީ ވަގުތު، ރޮނާލްޑޯ ފުޓްބޯޅަ އަށް ޕޯޗުގަލް ޓީމަށް ކޮށްދިން ކަންތައްތައް އަހަރެމެން އަގުވަޒަންވެސް ކުރަންޖެހޭ،" ސަންޓޯސް ބުންޏެވެ.

މޮރޮކޯއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ފުރަތަމަ އެގާރައިގައި ގޮންކާލޯ ރާމޯސް ހިމަނަން ޖެހޭ ކަމަށް ގިނަ ފުޓްބޯޅަ ތަޖުރިބާކާރުން އެއްބަސްވެ އެވެ. މީޑިއާގެ ސުވާލުތައް އަމާޒުވީ ޖެހިޖެހިގެން ދެ ވަނަ މެޗުގައި ރޮނާލްޑޯ ބެންޗުން ފަށަން ޖެހޭނެތޯ އެވެ.

ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ފެނިދާނެތޯ، އަމާޒުވި ސުވާލުތަކަށް ޖަވާބު ދެމުން ސަންޓޯސް ބުނީ ސްވިޒަލެންޑާ އަޅާކިޔާއިރު، މޮރޮކޯ އަކީ ތަފާތު ސްޓައިލެއްގެ އޮގަނައިޒް ޓީމެއް ކަމަށެވެ. އަދި އެ ފަދަ ޓީމަކާ ދެކޮޅަށް ބޭނުންކުރަން ޖެހޭ ކުޅުމުގެ ވައްޓަފާޅި ތަފާތު ވުމުން ވަކި ކުޅުންތެރިއަކު ކުޅޭނެ ކަމަށް ނޫނީ ނުކުޅޭނެ ކަމަށް ވެސް ނުބުނެވޭނެ ކަމަށް ސަންޓޯސް ވަނީ ބުނެފަ އެވެ.

ވޯލްޑް ކަޕްގައި މީގެ ކުރިން މޮރޮކޯ އާއި ޕޯޗުގަލް ވަނީ ބައްދަލުކޮށްފަ އެވެ. އެ ގޮތުން 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ އިން ވަނީ ޕޯޗުގަލް ބަލިކޮށްފަ އެވެ. އެކަމަކު، އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އިން ވަނީ 1-0 އިން މޮރޮކޯގެ މައްޗަށް ކުރިހޯދައިފަ އެވެ.

ޕޯޗުގަލް އާއި މޮރޮކޯ ކުޅޭ ކުއާޓާ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 20:00 ގަ އެވެ.