Advertisement

ވަކީލު މަހުފޫޒަށް ދިން ހަމަލާ: ކުށް ސާބިތުނުވެ ދައުވާ ލިބޭ އެންމެން ސަލަމާތްވެއްޖެ

8 ޑިސެންބަރު 2022 - 22:04 0


ވަކީލު މަހުފޫޒަށް ދިން ހަމަލާ: ކުށް ސާބިތުނުވެ ދައުވާ ލިބޭ އެންމެން ސަލަމާތްވެއްޖެ

8 ޑިސެންބަރު 2022 - 22:04 0

ގާނޫނީ ވަކީލު މަހްފޫޒް ސައީދަށް ހަމަލާ ދިން މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސެޕްޓެމްބަރު، 2015 ގައި މާލޭގެ މަގުމަތިން މަހްފޫޒްގެ ބޮލަށް ވަޅިން ހަމަލާދިން މައްސަލާގައި ހަތަރު މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ.

ރ. އިނގުރައިދޫ ކަރަންކާގޭ ހުސައިން ޝަފްރާޒް އިބްރާހިމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ.

ހުޅުމާލެ 11270 އަހުމަދު ރާއިދާއި، ހ. ސެނާ ހާލިދު ނަފީއު، އަދި ދަފްތަރު ނަމްބަރު 6201، ފިރާޒް ޖައުފަރުގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ހެކިބަސް ދިނީ ވެސް މަހުފޫޒު އެކަންޏެވެ. ދައުލަތުން ހަ ހެކިވެރިއެއް ހުށަހެޅި ނަމަވެސް ހެކިބަސް އަދާކޮށްފައެއް ނުވެ އެވެ. ތަހުގީގަށް އެ މީހުން ދިން ބަޔާންތަކަށް އެކަނި ހުކުމް ކަނޑައެޅުމުގައި ރިއާޔަތް ނުކުރެވޭނެ ކަމަށް އެ ކޯޓުން ކުރި ހުކުމުގައިވެ އެވެ.

ގާޒީ އަލީ އާދަމް ކުރެއްވި ހުކުމުގައި ދެން ވަނީ ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުގައި ވެސް މައްސަލަ ސާބިތުކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ވީޑިއޯތަކާއި އޭގެ އެނަލިސިސް ނެތް ކަމަށާއި، ހުށަހަޅާފައިވަނީ މާ ދުރު ތަނަކުން ނަގާފައިވާ ވީޑިއޯތަކެއް ކަމަށެވެ.

ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މަހުފޫޒަށް ހަމަލާ ދިން ދުވަސްވަރު އޭނާ ގެންދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުންނެވެ.