Advertisement

ރޮނާލްޑޯ ހަޅުތާލެއް ނުކުރޭ: ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަން

8 ޑިސެންބަރު 2022 - 17:42 0


ރޮނާލްޑޯ ހަޅުތާލެއް ނުކުރޭ: ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަން

8 ޑިސެންބަރު 2022 - 17:42 0

ދޯހާ، ގަތަރު (ޑިސެމްބަރު 8) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ބުރުގައި ސްވިޒަލެންޑް ބަލިކުރި މެޗުގައި ޕޯޗުގަލް އިން އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބެއިންދުމުން އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޓީމު ދޫކޮށް އެނބުރި ގައުމަށް ދާނެ ކަމަށް ބުނެ، ހަޅުތާލެއް ކުރި ކަމަށް ދެކޭ ވާހަކަ ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ދޮގުކޮށްފި އެވެ.

އަންގާރަ ދުވަހުގެރޭ ޕޯޗުގަލް އިން 6-1 އިން ސްވިޒަލެންޑް ބަލިކޮށް، ކުއާޓާ ފައިނަލަށް ދަތުރުކުރި މެޗުގައި ރޮނާލްޑޯ ކުޅެން އެރުވީ މެޗުގެ ފަހު ވިއްސަކަށް މިނިޓަށެވެ. މިއީ 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފަހުން ބޮޑު މުބާރާތުގެ ނޮކައުޓް މެޗެއްގައި ރޮނާލްޑޯ، ފިޓްކޮށް ހުއްޓައި، އޭނާ ބެންޗުގައި ބައިންދައިގެން ޕޯޗުގަލް އިން މެޗެއް ފެށި ފުރަތަމަ ފަހަރެވެ.

ސްވިޒަލެންޑް މެޗަށް ފަހު ރޮނާލްޑޯ ވަނީ ޓީމުގެ ކުޅުންތެރިންނާ އެކު ސަޕޯޓަރުން ހޭދަކުރި ވަގުތު ކޮޅުގެ ކުރިން ޗޭންޖިން ރޫމަށް ގޮސްފަ އެވެ. އޭގެ ފަހުން، އިނގިރޭސި، ސްޕެއިން އަދި ޕޯޗުގީސް މީޑިއާގައި ވާހަކަ ދެކެވުނީ ރޮނާލްޑޯ، 37، ވަނީ ފުރަތަމަ އެގާރަ އަށް ނާރާނަމަ އެނބުރި ގައުމަށް ދާނެ ކަމަށް ބުނެ، ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް އާއި ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނަށް އަންގާފައިވާ ކަމަށެވެ.

އެކަމަކު، އެ ވާހަކަތައް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިއަދު ވަނީ ދޮގުކޮށްފަ އެވެ. ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރޮނާލްޑޯ އެ ފަދަ ވާހަކައެއް ދައްކައި، ޓީމަށް ނުރަނގަޅު ޕްރެޝަރެއް ދިނުމަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.

"ކޮންމެ ދުވަހެއްގައި ރޮނާލްޑޯ އެ އަންނަނީ ޓީމު ލީޑުކުރުމުގައި ގައުމަށްޓަކައި މުހިންމު ހިދުމަތްތަކެއް ކުރަމުން. ހަގީގަތާ ހިލާފު ވާހަކަ ނުފަތުރައި، މި ކަންކަމަށް އަހަރެމެން އެންމެން އިހުތިރާމް ކުރަން ޖެހޭ،" ޕޯޗުގަލް ފުޓްބޯޅަ ފެޑެރޭޝަނުގެ ބަޔާނުގައިވެ އެވެ.

ޕޯޗުގަލް ޓީމަށް އެންމެ ގިނަ ގޯލު ޖަހައިިދިނުމުގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގައި ފިރިހެނުންގެ ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮތް ރޮނާލްޑޯގެ ބަދަލުގައި ސްވިޒަލެންޑް މެޗަށް ޕޯޗުގަލް އިން ބޭނުންކުރި ފޯވާޑް، ގޮންކާލޯ ރާމޯސް ވަނީ އެ މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ.

ކުއާޓާ ފައިނަލުގައި ޕޯޗުގަލް އިން ހޮނިހިރު ދުވަހުގެރޭ މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗަށް ވެސް ޕޯޗުގަލް އިން ފުރަތަމަ އެގާރައިގައި ރޮނާލްޑޯގެ ބަދަލުގައި ބޭނުންކުރާނެ ކަމަށް ބެލެވެނީ ރާމޯސް އެވެ.

އެކަމަކު، ސްވިޒަލެންޑް މެޗަށް ފަހު، ރާމޯސް އަށް މޮރޮކޯ މެޗުގައި ރޮނާލްޑޯ އަށް ވުރެ ކުރިން ޓީމުގެ ޖާގައެއް ހައްގުވާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޕޯޗުގަލްގެ ކޯޗު ސަންޓޯސް ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި ބުނީ، "ފުރަތަމަ އެގާރަ ނަގާނީ ޓްރެއިނިން އަށް ބަލާފައި" ކަމަށެވެ.