Advertisement

ބޮން ހަދާނެ ގޮތުގެ މެނުއަލްތަކެއް މާފުށި ޖަލުން ހޯދައިފި

8 ޑިސެންބަރު 2022 - 15:21 2

އަހުމަދު އާއިދު

އަހުމަދު އާއިދު

މާފުށި ޖަލު: ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނުގައި ވަނީ ބޮން ހަދާނެ ގޮތުގެ މެނުއަލްތަކެއް ހޯދާފައި -- ފޮޓޯ: ޕްރިޒަންސް


ބޮން ހަދާނެ ގޮތުގެ މެނުއަލްތަކެއް މާފުށި ޖަލުން ހޯދައިފި

8 ޑިސެންބަރު 2022 - 15:21 2

ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ރާވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންނާއި ސިފައިން ވަދެ މާފުށި ޖަލު ބަލައި ފާސްކޮށް، ބޮން ހަދާނެ ގޮތުގެ ލިޔެފައިވާ އިރުޝާދުތަކެއް ފެނިއްޖެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ބޮން ހަދާނެ ގޮތުގެ އިރުޝާދު ފެނުނީ، ހަރުކަށި ދީނީ ފިކުރުގެ މީހުން ބަންދު ކުރުމަށް ހާއްސަކޮށްގެން މިއަހަރު ބޭނުން ކުރަން ފެށި ޔުނިޓުގެ ތެރޭގައި ފޮރުވާފައި އޮއްވަ އެވެ.

"އަދަދު" އާ ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ބޮން ހަދާނެ ގޮތުގެ އިރުޝާދުތަކެއް ފެނުނު މައްސަލައިގައި ތަހުގީގު ފަށާފައިވާ ކަމަށާއި އެއަށް ޒިންމާވާނެ ބަޔަކު ހޯއްދަވާނެ ކަމަށެވެ.

ގޮވާތަކެތި ހަދާނެ ގޮތުގެ މެނުއަލެއްގެ އިތުރުން ވެސް، ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ޖަލަށް ވެއްދުން މަނާ އިތުރު ތަކެތި ވެސް ވަނީ ހޯދައިފަ އެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ބަންދުވެ ތިބެގެން ޓެރަރިސްޓު ހަމަލާތައް ރާވާ ހިންގުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

އެގޮތުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު "އަދަދު" އަށް ވިދާޅުވީ މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފޯނާއި ސިމް ކާޑު އަދި މަސްތުވާތަކެތިވެސް ފެނިފައިވާނެ ކަމަށެވެ.

މާފުށި ޖަލުން ބޮން ހަދާނެ ގޮތުގެ މެނުއަލްތަކެއް ހޯދާފައިވާއިރު ދިވެހިރާއްޖޭގައި މިހާތަނަށް ދޭން އުޅުނު އެންމެ ވަރުގަދަ ޓެރަރިސްޓު ހަމަލާ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހުއްޓުވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި ފުލުހުން މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައިވާއިރު އެ މައްސަލައިގައި ފާސް ކުރި ތަނަކުން ވަނީ ބާރުގަދަ ގޮވާ އެއްޗެއް ހޯދައިފަ އެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މުޅިން ވެސް އައްޑޫގައި ދިރިއުޅޭ މީހުންނެވެ.