Advertisement

އިންގްލެންޑަށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދޭނެ: މެގުއާ

8 ޑިސެންބަރު 2022 - 09:24 0


އިންގްލެންޑަށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދޭނެ: މެގުއާ

8 ޑިސެންބަރު 2022 - 09:24 0

ދޯހާ، ގަތަރު (ޑިސެމްބަރު 8) - އިންގްލެންޑަށް މި ފަަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދޭނެ ކަމަށް އެ ޓީމަށް ކުޅޭ މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު، ހެރީ މެގުއާ ބުނެފި އެވެ.

މީގެ ހަތަރު އަހަރު ކުރިން އިންގްލެންޑުން ވަނީ ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ސެމީ ފައިނަލުގައި ކުޅެފަ އެވެ. ސެމީގައި ކްރޮއޭޝިއާ އަތުންނާއި ތިން ވަނަ ހޮވި މެޗުގައި ބެލްޖިއަމް އަތުން ބަލިވެ، ދިޔައީ ހަތަރު ވަނަ އެވެ.

ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، 1966 ވަނަ އަހަރު ހޯދި އިންގްލެންޑުން މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން، އަދި މުބާރާތުގެ ތަށި ދެ ފަހަރު އުފުލާލާފައިވާ ފްރާންސާ ދެކޮޅަށެވެ.

ފްރާންސް މެޗުގެ ކުރިން އިނގިރޭސި މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި މެގުއާ ބުނީ މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމާ އެކު އިންގްލެންޑްގެ ޓީމުގެ ވިސްނުން ހުރީ ވަރަށް ބޮޑަށް ރަނގަޅުވެފައި ކަމަށެވެ. އަދި މި ފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ޓީމުގެ ކޮންފިޑެންސް ވެސް މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން އަންނަކަން ފާހަގަކޮށް، މެގުއާ ބުނީ އެ ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދިދާނެ ކަމަށެވެ.

"އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާ މި ފަހަރުގެ ތަފާތަކީ، މި ފަހަރު މި އޮތް ޓީމުން ވެސް ގަބޫލުކުރޭ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިދޭނެ ކަމަށް، އެއީ މީގެ އެންމެ ތަފާތު ކަމަކީ،" މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން، މެގުއާ، 29، ބުންޏެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރު، މެގުއާ ބުނީ ވޯލްޑް ކަޕްގެ ތަށި އުފުލާލެވޭނެ ލެވަލަށް މި ވަގުތު ވެސް ކުޅެމުން އަންނަ ހަ ވަރަކަށް ޓީމު އެބައޮތް ކަމަށެވެ.

މެގުއާ ދެކޭ ގޮތުގައި ކުއާޓާ ފައިނަލާ ހަމައިން މުބާރާތުގެ މެޗުތައް އުނދަގޫވެ، ފޯރިވެސް ގަދަވާނެ އެވެ.

ޔުނައިޓެޑް ޓީމުގައި މެގުއާ އަށް ދަށްކޮށް ކުޅެވުނު ކަމުގައި ވިޔަސް، އިންގްލެންޑް ޓީމުގައި އޭނާގެ ފޯމު ރަނގަޅެވެ. އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.

މެގުއާ ބުނީ އޭނާ އަށް އަމާޒުކޮށް ކިޔާ ފާޑުކިޔުންތަކަށް ނުވިސްނާ ކަމަށާއި މަސައްކަތް ކުރަނީ ޓީމު ކާމިޔާބު ހޯދާނެ ވަަރުގެ ކުޅުމެއް ދެއްކުމަށް ކަމަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑުން ކުޅުނު ހުރިހާ މެޗެއްގެ ފުރަތަމަ އެގާރައިގައި ކުޅުނު މެގުއާ ބުނީ މި ވަގުތު އޭނާގެ ކެރިއަރަށް މަދުވަނީ ޓްރޮފީ ކަމަށާއި ގައުމީ ޓީމާއި ކްލަބް ލެވަލްގައި އެކަން ހާސިލްކުރަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.