Advertisement

ޝަރީއަތް ނިމެންދެން މުޖާހިދު ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި

7 ޑިސެންބަރު 2022 - 14:12 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މުޖާހިދު؛ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި


ޝަރީއަތް ނިމެންދެން މުޖާހިދު ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި

7 ޑިސެންބަރު 2022 - 14:12 0

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުން ހިންގި ހާއްސަ ޑްރަގު އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް ދައުވާ ކޮށްފައިވާ ގދ. ހޯނޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދުގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމީ މާޗް، 2021 ގަ އެވެ. ޑައިފޯމިން ޓްރެކް ކުރުމުގެ ދައުވާ ދައުލަތުން އުފުލާފައިވާ މުޖާހިދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ކްރިމިނަލް ކޯޓުން ދޫކޮށްލީ ނިމިދިޔަ ނޮވެމްބަރު މަހުގެ 23، ގަ އެވެ.

ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބަލަމުން ދިޔަ ސެކްޝަނުގައި ދާއިމީ ފަނޑިޔާރަކު ނެތުމުން، އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ނުދާތީ ކަމަށް ބުނެ އެ ކޯޓުން ނިންމާފައިވާ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، ސެކްޝަނުގައި ދާއިމީ ފަނޑިޔާރަކު ނެތުމާއި އެކަށީގެންވާ އަވަސް މިނެއްގައި ޝަރީއަތް ކުރިއަށް ނުދިއުމަކީ ކުށުގެ ތުހުމަތުވާ މީހާ ނުވަތަ ކުށުގެ ދައުވާ އުފުލިފައިވާ މީހާ ބަންދުން ދޫކޮށްލަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނޫން ކަމަށެވެ.

ފުރަތަމަ ފަހަރަށް ހައި ކޯޓުގައި އެންމެ ފަނޑިޔާރަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މައްސަލައިގެ ހުކުމުގައި ދެން ފާހަގަކޮށްފައިވަނީ ދާއިމީ ފަނޑިޔާރެއް ނެތިއްޖެ ހާލަތެއްގައި ގާނޫނުގައި އަމަލުކުރަން އޮތް ގޮތެވެ. އެއީ އެެހެން ފަނޑިޔާރަކާ ހަވާލުކޮށްގެން ޝަރީއަތް ކުރިއަށް ގެންދިއުމެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒު ކުރެއްވި ހުކުމުގައި ވަނީ، ދަށު ކޯޓުން އަރުޝަދު ދޫކޮށްލުމަށް ނެރުނު އަމުރުކޮށް ބާތިލްކޮށް ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އޭގެ ކުރިން ނެރުނު އަމުރު އަލުން އިޔާދަކޮށް އެ އަމުރު ތަންފީޒުކުރަމުން ގެންދިއުމަށެވެ.

މިދިޔަ އަހަރު ހިންގި އޮޕަރޭޝަނުގައި 'ބަންގާ' ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް ގެނައި މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ ތަންތަން ބަލާ ފާސްކޮށް މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ. އެގޮތުން އަމިއްލަ ކާރަކުންނާއި ސައިކަލަކުން ޖުމްލަ 91 ޕެކެޓުގެ ޑްރަގް ހޯދައި 119 ކިލޯގެ ޑްރަގް އަތުލައިގަތެވެ.

މި ކަން ރޭވުމުގެ ފަހަތުގައި ވަނީ ގއ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ހާލިދު ކަމަށް ފުލުހުން ބުނެ އެވެ. އަލޯރާ، މުޖާހިދު ވެސް ހައްޔަރު ކުރީ އެ މައްސަލައިގެ ތަހުގީގުގެ ތެރެއިންނެވެ. މަސްތުވާތަކެތި އަތުލައިގަތް އިރު އަރުޝަދު ހުރީ ސްރީ ލަންކާގަ އެވެ. ފަހުން އޭނާ މާލެ އައުމުން ހައްޔަރުކުރި އެވެ. އެކަމަކު ބަންދުގައި ބެހެއްޓޭނެ ވަރުގެ ހެއްކެއް ފުލުހުންނަކަށް ނުހޯދުނެވެ.