Advertisement

ހަތިޔާރާއެކު އައްޑޫގައި ސިފައިން ކުރިއަށްގެންދާ ތަމްރީނުގެ ތަފުސީލެއް ނުދިން

7 ޑިސެންބަރު 2022 - 11:29 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މީގެ ކުރިން އެމްއެންޑީއެފް އިން މާފިލާފުށީގައި ހިންގި ތަމްރީނެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


ހަތިޔާރާއެކު އައްޑޫގައި ސިފައިން ކުރިއަށްގެންދާ ތަމްރީނުގެ ތަފުސީލެއް ނުދިން

7 ޑިސެންބަރު 2022 - 11:29 1

އައްޑޫގައި ސިފައިން ހަތިޔާރާއެކު ކުރިއަށް ގެންދާ ތަމްރީނުގެ އިތުރު ތަފުސީލު ދިނުމަށް އެމްއެންޑީއެފް އިން ދެކޮޅު ހަދައިފި އެވެ.

އެމްއެންޑީއެފް އިން މި ތަމްރީނުގެ އެއްވެސް ތަފުސީލެއް ހާމަކޮށްފައިނުވާއިރު އިއްޔެ އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސިފައިންގެ މެރިންކޯގެ ތަމްރީނުތަކަކަށް އޭޕްރީލް، 2023 އާއި ހަމައަށް ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިފައިން ހިންގާ ތަމްރީނެއްގެ ތަފުސީލެއް ހާމަނުކުރެވޭނެ ކަމަށެވެ. އަދި, ސިފައިންނަކީ ތަފާތު މިލިޓަރީ ޓްރެއިނިންތައް ހިންގާ ބައެއް ކަމަށާއި ބޭސިކް ޓްރެއިނިންގެ އިތުރުންވެސް ޓްރެއިނިން ވެފަ ތިބި ސިފައިންނަށްވެސް ތަފާތު ޓްރެއިނިންތައް ކުރިއަށް ގެންދާ ކަަމަށް ވިދާޅުވި އެވެ.

" ކިތައް މީހުންތޯ، އަދި އިތުރު އިންފޮމޭޝަން އަޅުގަނޑުމެން މީޑިއާ އަކާއި ހިއްސާއެއް ނުކުރާނަން" އޭނާ ވިދާޅުވި އެވެ.

މި ތަމްރީނު ތަކުގެ ތެރެއިން އެހެން ގައުމެއްގެ ސިފައިން ބައިވެރިވާނެތޯ ސުވާލުކުރުމުންވެސް ވިދާޅުވީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ސިފައިން އައްޑޫގައި ހަތިޔާރާއެކު ތަމްރީނުތަކެއް ފަށާފައިވާއިރު މިދިޔަ މަހު އެ ސިޓީގައި ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއްގައި ފުލުހުންނާއި ސިފައިން ވަނީ ގިނަ ބަޔަކު މަރާލައިގެން ދޭން އުޅުނު ޓެރަރިސްޓު ހަމަލާއެއް އުފައްދާފަ އެވެ. މާލެ، އައްޑޫ އަދި ކ. ގުރައިދޫގައި ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 14 މީހަކު ހައްޔަރުކުރި އިރު އޭގެ ތެރެއިން 10 މީހަކީ އައްޑޫއިން ހައްޔަރުކުރި މީހުންނެވެ.

މި އެންމެންނަށްވެސް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާއިރު އައްޑޫއިން ހައްޔަރުކުރި މީހެއްގެ ގެއިން ބާރުގަދަ ގޮވާތަކެތި ހަދަން ބޭނުންކުރާ ކެމިކަލްތަކަކާއި ސާމާނު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެމްއެންޑީއެފް އިން ބުނީ އިއްޔެ ފެށުނު ތަމްރީނާ މި އޮޕަރޭޝަނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.