Advertisement

ހައި ކޯޓުގައި އެއް ފަނޑިޔާރަކު ބައްލަވާ ގޮތަށް ފުރަތަމަ މައްސަލަ ފަށައިފި

6 ޑިސެންބަރު 2022 - 13:38 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހައި ކޯޓުގައި އެއް ފަނޑިޔާރަކު ބައްލަވާ ފުރަތަމަ މައްސަލައިގެ އަޑުއެހުން


ހައި ކޯޓުގައި އެއް ފަނޑިޔާރަކު ބައްލަވާ ގޮތަށް ފުރަތަމަ މައްސަލަ ފަށައިފި

6 ޑިސެންބަރު 2022 - 13:38 0

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމަން ޖެހޭ މައްސަލަތައް ހައި ކޯޓުގައި އެއް ފަނޑިޔާރަކު ބައްލަވާ ގޮތަށް ގާނޫނަށް ގެނައި ބަދަލާއެކު، ފުރަތަމަ ފަހަރަށް އެ ކޯޓުގައި އެންމެ ފަނޑިޔާރަކު އިންނަވައިގެން މައްސަލައެއް ބައްލަވަން ފަށައިފި އެވެ.

ގާނޫނު ކުރިން އޮންނަ ގޮތުން ހައި ކޯޓުގައި މައްސަލައެއް ބެލެނީ އެއް ފަނޑިޔާރަކަށް ވުރެ އިތުރަށް އޮނަހިރި އަދަދެއްގެ ފަނޑިޔާރުން ތިއްބަވާ ބެންޗަކުން މައްސަލަ ބައްލަވައިގެންނެވެ. މައްސަލައެއް ބައްލަވާ ބެންޗެއްގައި އާންމު ގޮތެއްގައި ތިން ފަނޑިޔާރުން ތިއްބަވަ އެވެ.

އެންމެ ފަނޑިޔާރަކު ބައްލަވާ ގޮތަށް ފުރަތަމަ މައްސަލަ ހަވާލުކުރެއްވީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒަށެވެ.

މިއަދު މެންދުރު 1:15 ގައި ފެށި އެ އަޑުއެހުމަކީ ދައުލަތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ގދ. ހޯނޑެއްދޫ އަލޯރާ، އަހުމަދު މުޖާހިދު ބަންދުން ދކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ދައުލަތުން އިސްތިއުނާފްކޮށްފައިވާ މައްސަލައެކެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުހަލާގައި ކޯޓަކުން ނިންމާފައި ނިންމުމެއް، ގާނޫނު އަސާސީއާ ނުވަތަ ޝަރުއީ އުސޫލަކާ ނުވަތަ ގާނޫނަކާ ހިލާފު ކަމަށް ގަބޫލު ކުރެވިގެން، އެ ކަން ފާހަގަކޮށް، ކަމާ ބެހޭ ފަރާތަކުން އެ ހުކުމެއް އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފް ކުރެވެ އެވެ. މިފަދަ މައްސަލަތައް ހަތް ދުވަހުގެ ތެރޭގައި ނިންމުމަށް ގާނޫނުގައިވެ އެވެ.

މީގެ ކުރިން ހައި ކޯޓުގައި ބޭއްވި މައުޟޫއީ މައްސަލަތަކުގެ އަޑުއެހުންތަކުގައި، އެ މައްސަލަތައް ކުރިއަށްދާ ވަރު ލަސްވާތީވެ ބައެއް ހަސްމުން ކަންބޮޑުވުން ފާޅުކުރެއްވުމުން ހަތް ދުވަހުގެ މުއްދަތުން ނިންމަން ޖެހޭ މައްސަލަތައް ގިނަވާތީ މައްސަލަތައް ލަސްވާނެ ކަމަށް ނިޔާޒު މީގެ ކުރިން ވިދާޅުވެފައި އެބަ ހުއްޓެވެ.