Advertisement

ހައްޔަރުކުރި ބިދޭސީއެއް އަތުން ފުލުހަކު ފޭރުނު މައްސަލައެއް ސާބިތު ނުވި

5 ޑިސެންބަރު 2022 - 10:55 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް؛ ބިދޭސީއަކު ފޭރުނު ފުލުސް މީހަކު ޖަލަށް ލާން ހުކުމްކޮށްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ހައްޔަރުކުރި ބިދޭސީއެއް އަތުން ފުލުހަކު ފޭރުނު މައްސަލައެއް ސާބިތު ނުވި

5 ޑިސެންބަރު 2022 - 10:55 0

ހައްޔަރު ކުރުމުގެ އިޖުރާއަތްތަކާ ހިލާފަށް ބިދޭސީއަކު ފުލުހުންގެ މަރުކަޒެއް ކަމަވާ އަތޮޅުވެއްސަށް ގެންގޮސް، ބަންދުގައި ބަހައްޓާނެ ކަމުގެ ބިރުދައްކައިގެން އެ ބިދޭސީ މީހާ ފޭރުނު ކަމަށް ބުނެ ފުލުހެއްގެ މައްޗަށް އުފުލި ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި ދައުވާގައި އޮންނަ ގޮތުން އެ ބިދޭސީ މީހާ ހައްޔަރުކުރީ ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރުމުގެ މައްސަލައަކާ ގުޅިގެނެވެ.

މާލޭގައި އަތޮޅުވެއްސަށް ބިދޭސީ މީހާ ގެންދިއުމަށް ފަހު ބަންދުގައި ބަހައްޓާނެ ކަމުގެ ބިރު ދެއްކި ކަމަށާއި ފުރަތަމަ 100،000 ރ. ދިނުމަށް ފުލުސް މީހާ ޑިމާންޑް ކުރި ކަމަށް ދައުވާގައިވެ އެވެ.

ބިދޭސީ މީހާގެ އަތުގައި އެ ވަރަށް ފައިސާ ނުހުންނާނެ ކަމަށް ބުނުމުން އެ ވަގުތު އޭނާގެ އަތުގައި އޮތް 10،000 ރ. ފޭރިގަތް ކަމަށެވެ.

މި ދައުވާއަށް ފުލުސް މީހާ އިންކާރުކުރިއިރު، ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި މައިގަނޑު ހެއްކަކީ ވެސް އެ ބިދޭސީ މީހާ އެވެ.

ބިދޭސީ މީހާގެ ހެކިބަސް ނެގުމަށް ކޯޓު އަމުރު ރައްދު ކުރުމަށް މަސައްކަތް ކުރި ނަމަވެސް، ފަހުން އެނގުނު ގޮތުގައި ބިދޭސީ މީހާ ރާއްޖޭގައި އޭރު ނެތެވެ. އެހެންވެ އޭނާގެ ހެކިބަސް ޝަރީއަތަށް ނުނެގެ އެވެ.

މީހަކު ގޮވައިގެން ފުލުހުންގެ އިންޓަވިއު ރޫމުގައި ދައުވާ ލިބޭ ފުލުސް މީހާ އިން އިރު މޭޒު މަތީގައި ފައިސާ ހުއްޓާ ފެނުނު ކަމަށް ފުލުހަކު ހެކިބަސް ދީފައިވެ އެވެ.

އޭގެ އިތުރަށް އައިޖީއެމްއެޗް ކައިރިން ބިދޭސީ މީހާއާއެކު ފުލުސް މީހާ ފެނުނު ކަމަށް ބައެއް މީހުން ހެކިބަސް ދީފައިވެ އެވެ. އެކަމަކު ފައިސާ ދެނިކޮށް ހެކިބަސް ދިނީ އެންމެ މީހެކެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު މައްސަލަ ބެއްލެވުމަށް ފަހު ކުރެއްވި ހުކުމުގައިވަނީ މައްސަލަ ސާބިތުކުރުމަށް ދައުލަތުން އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅާފައި ނެތުމުން ސާބިތުނުވާ ކަމަށެވެ.