Advertisement

ދުނިޔޭގެ އިގުތިސާދު ދަށްވިޔަސް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ: އެމްއެމްއޭ

3 ޑިސެންބަރު 2022 - 21:40 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ދުނިޔޭގެ އިގުތިސާދު ދަށްވިޔަސް ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ: އެމްއެމްއޭ

3 ޑިސެންބަރު 2022 - 21:40 0

ދުނިޔޭގެ އިގުތިސާދީ ދުވެލި ދަށްވި ނަމަވެސް ކޮވިޑުގެ ކުރިން ރާއްޖޭގެ އިގުތިސާދު ހުރި މިންވަރަށް މި އަހަރު ނިމުމުގެ ކުރިން ރުޖޫއަ ކުރެވޭނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ލަފާކޮށްފި އެވެ.

މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އަލުން މުރާޖާ ކުރިއިރު މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އިގުތިސާދު 12.3 ޕަސެންޓު ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ބޭންކުން ބުނެ އެވެ.

އެވަރުގެ ބޮޑު ކުރިއެރުމެއް އިގުތިސާދަށް އަންނާނެ ކަމަށް އެ ބޭންކުން ލަފާ ކޮށްފައިވަނީ މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށް އެ ބޭންކުން އާންމު ކުރި ރިޕޯޓުގައިވެ އެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި ރާއްޖެއިން ފަތުރުންވެރިންނަށް ވިއްކި އެނދުގެ ނިސްބަތް 33 އިންސައްތަ އިތުރުވެފައިވާ ކަން އެ ބޭންކުން ފާހަގަކޮށްފައިވެ އެވެ.

އެއާއެކު އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު 7.6 އިންސައްތަ ކުރިއަރާނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރެއެވެ. މިއީ ކޮވިޑުގެ ކުރީގައި ރާއްޖޭގެ އިގުތިސާދީ ދުވެލި ހުރި މިންވަރަށް ވުރެ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމުގެ ސިނާއަތުން އިގުތިސާދަށް ލިބޭ އާމްދަނީ އިތުރުވެފައިވީ ނަމަވެސް މި އަހަރުގެ ކަރަންޓު އެކައުންޓު ޑެފިސިޓް އިތުރުވެ ޖީޑީޕީގެ ނިސްބަތް 18 ޕަސަންޓު އުފުލޭނެ ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް މުދާ އެތެރެކުރުމަށް ކުރާ ހަރަދު 3.2 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ބޭންކުން ބުނެ އެވެ. މިދިޔަ އަހަރު އިމްޕޯޓު ހަރަދުގެ ގޮތުގައި ރާއްޖެއިން ހަރަދުކޮށްފައި ވަނީ 2.4 ބިލިއަން ޑޮލަރެވެ.

އެހެންނަމަވެސް އަންނަ އަހަރު ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓި ފަތުރުވެރިކަން ކުރިއަރާނެ މިންވަރަށް ބަލައި ކަރަންޓު އެކައުންޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 15 ޕަސެންޓު ކުޑަ ކުރެވޭނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރެ އެވެ.

މި އަހަރުގެ ކަރަންޓު އެކައުންޓު ދެފިސިޓް އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް 638.4 މިލިއަން ޑޮލަރަށް ދަށްވާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެހެންނަމަވެސް މިއަންނަ އަހަރު ރަސްމީ ރިޒާވަށް އޮތް ޕުރެޝަރު ކުޑަވާނެ ކަމަށް އެ ބޭންކުން ލަފާކުރެ އެވެ.

އެމްއެމްއޭއިން އާންމު ކުރި ރިޕޯޓުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް ލަފާކޮށްފައިވަނީ އަންނަ އަހަރު ރާއްޖޭގެ އިންފުލޭޝަން 5.4 އިންސައްތައަށް އުފުލި ތަކެތީގެ އަގު ބޮޑު ވުމެވެ. މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އިންފުލޭޝަން ވަނީ ދަށަށް ގޮސްފަ އެވެ. ރިޕޯޓުގައިވާ ގޮތުން މިއަހަރު ނިމޭއިރު އެވަރެޖުކޮށް އިންފުލޭޝަން ހުންނާނީ 2.2 ޕަސެންޓުގަ އެވެ. އަންނަ އަހަރު އިންފުލޭޝަން އެހާ ބޮޑަށް އުފުލޭނެ ކަމަށް އެ ބޭންކުން ލަފާ ކޮށްފައިވަނީ މިއަންނަ މަހުން ފެށިގެން ޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާތީ އެވެ.

ދުނިޔޭގެ އިގުތިސާދު ދަށަށް ދާއިރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް މި ރިޕޯޓުގައި ލަފާކޮށްފައި އޮތް ނަމަވެސް ޔޫރަޕުގެ އިގުތިސާދަށް އަންނަ ހީނަރުކަމުގެ ސަބަބުން އެހެން ގައުމުތަކުގެ ދަރަނީގެ ހާލަތު ގޯސްވާނެ ކަމަށާއި ޔޫރަޕުން ރާއްޖެ އަންނަ ފަތުރުވެރިން މިހާރަށް ވުރެ މަދުވެދާނެ ކަމަށް އެ ބޭންކުން ލަފާކޮށްފައިވެ އެވެ.

އެކަމަކު ކޮވިޑާ ގުޅިގެން ޗައިނާއިން ގެންގުޅެމުން އައި ހަރުކަށި ސިޔާސަތުތަކަށް އެ ގައުމުން ލުއި ދެމުން ދިޔުމާއެކު އަނެއްކާވެސް އޭޝިއާ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މި އަންނަ އަހަރު އިތުރުވާނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރެ އެވެ.