Advertisement

ސަރުކާރުގެ ރައްދު: ރާއްޖެ ބަނގުރޫޓެއް ނުވާނެ

2 ޑިސެންބަރު 2022 - 09:32 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ވިދާޅުވީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ސަރުކާރުގެ ރައްދު: ރާއްޖެ ބަނގުރޫޓެއް ނުވާނެ

2 ޑިސެންބަރު 2022 - 09:32 2

ރާއްޖޭގެ އިގުތިސޯދީ ހާލަތު ދައްވަމުންދާ ކަމަށާއި ރާއްޖެ އޮތީ ބަނގުރޫޓުވުމާ ކައިރީގައި ކަމަށް ބުނެ ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުންދަނިކޮށް، އެ ފާޑުކިޔުންތަކަށް ރައްދުދީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިގުތިސޯދީ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ އިގުތިސޯދު މެނޭޖުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ޖީބަށް، އިގުތިސޯދަށް އަންނަ ގޮންޖެހުންތަކާ ގުޅިގެން ނޭދެވޭ އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް މި ސަރުކާރުން އަޅަމުންދާނެ" މިއުވާން ވިދާޅުވި އެވެ.

މީގެ އިތުރުން ސަރަހައްދުގެ އެހެން ގައުމުތަކުގެ އިގުތިސޯދަށް ދިމާވި ފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާކަމަށްވެސް ވިދާޅުވި އެވެ.

އިގުތިސާދީ ކުރިއެރުންތައް ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ރާއްޖޭގެ އިގުތިސާދަށް މި އަހަރުވެސް ގާތްގަނޑަކަށް 12 އިންސައްތައިގެ ކުރިއެރުމެއް ލިބުނު ކަމަށެވެ. އަދި އަންނަ އަހަރުވެސް ހަތް އިންސައްތަ ވަރު ކުރިއަރާނެ ކަމަށެވެ.

ސަރުކާރުގެ އިގުތިސޯދީ ފިޔަވަޅުތަކަށް އެކި ފަރާތްތަކުން ފާޑުކިޔުން ކުރިމަތިކުރަމުން އަންނައިރު މި ފަހުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރާއްޖޭގެ އިގުތިސޯދީ މިސްރާބު ހުރީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް އިޝާރާތް ކުރައްވާފަ އެވެ.

އެގޮތުން ރާއްޖެ ބަނގުރޫޓުވާ ހާލަތެއް މެދުވެރިވެ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނަށް އިންނަަވަން ޖެހިވަޑައިގެންފި ނަމަ އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.