Advertisement

އެމްޑީޕީ ބައެއް މެންބަރުންނާއެކު ދެން ނަޝީދު މަސައްކަތް ނުކުރައްވާނެ

1 ޑިސެންބަރު 2022 - 14:52 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު؛ ވިދާޅުވީ އެމްޑީޕީގެ ބައެއް މެންބަރުންނާއެކު ދެން މަސައްކަތް ނުކުރައްވާނެ ކަމަށް--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެމްޑީޕީ ބައެއް މެންބަރުންނާއެކު ދެން ނަޝީދު މަސައްކަތް ނުކުރައްވާނެ

1 ޑިސެންބަރު 2022 - 14:52 0

އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއެކު ދެން އިތުރަށް މަސައްކަތް ނުކުރައްވާނެ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ 'އާސްކް ސްޕީކާ' ޕްރޮގްރާމްގައި މިއަދު އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ސުވާލުގައި ވަނީ ބައެއް މެންބަރުން ނަޝީދާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަ ދައްކަވާކަން ފާހަގަކޮށް އެ މެންބަރުންނާއެކު އިތުރަށް މަސައްކަތް ކުރައްވާނަންތޯ ސުވާލު ކުރައްވާފަ އެވެ.

"ބައެއް މެންބަރުންނާ ހިޔާލުތަފާތުވުންތައް އުފެދޭ، ބައެއް މެންބަރުން ހިޔާލުތަފާތުވުމަށް ފަހު ނަފްރަތުގެ ނަޒަރުން ބަލާ ތަން އާދޭ، އާދެ އަޅުގަނޑު ވެސް [އެކަމާ] ދެރަވޭ، އެކަމަކު އަޅުގަނޑު މި ކުރަނީ ކޮން ކަމެއް ކަން ދެކިގެން އަޅުގަނޑު މިއުޅެނީ،" ކުރައްވަނީ ސިޔާސީ މަސައްކަތެއް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެ ބޭފުޅުންނާއެކު އިތުރަށް މަސައްކަތް ކުރެއްވުމާ މެދު ނަޝީދު ވިދާޅުވީ އަބަދުވެސް ސިޔާސީ މަސައްކަތް ކުރައްވަނީ ރައްޔިތުން ބަލައިގަންނަ މީހުންނާއެކުގައި ކަމަށާއި މަޖިލީހުގައި މިހާރު ތިއްބެވި ބައެއް އެމްޑީޕީ މެންބަރުންނަކީ "ރައްޔިތުން ބަލައިގަންނަ ބައެއް ނޫން" ކަމަށެވެ.

"އެ ބޭފުޅުން ގޮވައިގެން ރައްޔިތުންގެ ގާތަށް ދިއުމުގެ ފުރުސަތު މިއޮތީ ގެއްލިފައި،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން އެމްޑީޕީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުން އަންނަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.

އެކަމަށް ނަޝީދު މީގެ ކުރިން ރައްދު ދެއްވާފައިނުވިނަމަވެސް، އެ މަނިކުފާނުގެ އަރިސް ބޭފުޅުން ތަފާތު އެކި ރައްދުތައް ދެއްވާފައިވެ އެވެ.