Advertisement

މާމަ މަރުވުމުން އިންގްލެންޑްގެ ޝޯ އަށް ޓީމު ދޫކޮށްދާން ފުރުސަތު އޮތް

30 ނޮވެންބަރު 2022 - 17:02 0


މާމަ މަރުވުމުން އިންގްލެންޑްގެ ޝޯ އަށް ޓީމު ދޫކޮށްދާން ފުރުސަތު އޮތް

30 ނޮވެންބަރު 2022 - 17:02 0

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި އިންގްލެންޑުން ފުރަތަމަ މެޗުގައި އިރާނާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން، އިންގްލެންޑްގެ ވާތު ބެކް ލޫކް ޝޯގެ މާމަ މަރުވި އެވެ. އިންގްލެންޑް ޓީމުގެ މެނޭޖްމަންޓުން ވަނީ ޝޯ އަށް އެނބުރި ގައުމަށް ދިއުމަށް ފުރުސަތު އޮތް ކަމަށް ބުނެފަ އެވެ. އެކަމަކު، އިންގްލެންޑްގެ ފުރަތަމަ އެގާރައިގައި ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ކުޅުނު ޝޯ ނިންމީ ޓީމާ އެކު މަޑުކުރުމަށެވެ.

ޝޯ، 27، އަށް، ކްލަބް ލެވަލްގައި މެންޗެސްޓާ ޔުނައިޓެޑްގައި އެއް ފެންވަރެއްގައި ރަނގަޅު ދައްކަން އުނދަގޫވި ނަމަވެސް އިންގްލެންޑްގައި ލިބޭ ފުރުސަތުތަކުގައި ބޭނުން ހިފައި، އޭނާ އަންނަނީ ފުރަތަމަ އެގާރައިގައި ވެސް މަގާމު ދަމަހައްޓަމުންނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ރޭ އިންގްލެންޑުން ވަނީ ވޭލްސް އަތުން 3-0 އިން މޮޅުވެފަ އެވެ. އެ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ޝޯ ބުނީ މާމަ މަރުވުމުން އެ ހިތާމައިގައި އޭނާ އަށް މާ ބޮޑު އަސަރުތަކެއް ކުރުމުގެ ކުރިން ޓީމުގެ ކުޅުންތެރިން އެހީތެރިވި ކަމަށާއި ކޯޗު ގަރެތު ސައުތުގޭޓް ވެސް އިސް ދައުރެއް އަދާކުރި ކަމަށެވެ.

"މާމަ މަރުވީ މުބާރާތު (ވޯލްޑް ކަޕް)ގެ ކުރިން، އެއީ ވަރަށް ގިނަ ދުވަސްވަންދެން ކެންސަރާ ހަނގުރާމަ ކުރުމަށް ފަހު. މާމަ ވަރަށް ބޭނުންވާނެ އަހަރެން ވޯލްޑް ކަޕްގައި ކުޅޭތަން ބަލަން. އެކަމަކު، ފުރަތަމަ މެޗު ފެށުމުގެ ކުރިން މާމަ މަރުވެއްޖެ،" މިދިޔަ އަހަރު ޔޫރޯ ފައިނަލްގައި އިންގްލެންޑްގެ ފުރަތަމަ ގޯލު ޖެހި ޝޯ ބުންޏެވެ.

"އެ ވަގުތުގައި އަހަންނަށް އެންމެ އެހީތެރިވީ ޓީމުގެ ކުޅުންތެރިންނާއި ގަރެތު (ސައުތުގޭޓް)، އަހަރެން ގާތުގައި ސައުތުގޭޓް ބުނި ބޭނުންނަމަ ގައުމަށް އެނބުރި ދިއުމަށް ފުރުސަތު އޮތް ކަމަށް، އެކަމަކު، އަހަރެން ކަންކުރީ މާމަ ވެސް އެދޭނެ ގޮތަށް، ޓީމު ދޫކޮށް ނުދަން،"

ޝޯގެ ކެރިއަރުގައި އޭނާގެ މާމަ އަކީ ވަރަށް މުހިންމު ފަރާތެެކެވެ. ސައުތެމްޓަން އެކެެޑަމީ އަށް ޝޯ ގެންދިއުމުގައި އޭނާގެ މާމަ އިސް ދައުރެއް އަދާކުރި އެވެ. އަދި ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބިފައިވަނިކޮށް ޝޯ، 2014 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ލަފާ ދިން ފަރާތަކީ ވެސް މާމަ އެވެ.

ވޯލްޑް ކަޕްގައި ދެން އިންގްލެންޑަށް އޮތް މެޗަކީ އަންނަ ހޮނިހިރު ދުވަހުގެރޭ ގަދަ 16 ބުރުގައި ސެނެގާލާ ބައްދަލުކުރާ މެޗެވެ.