Advertisement

ގާނޫނާ ހިލާފު ކަމަށް ބުނި ނަމަވެސް, ޕްލޭނިން މިނިސްޓްރީން ދޫދިނުމެއް ނެތް

30 ނޮވެންބަރު 2022 - 11:38 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޕްލޭނިން މިނިސްޓްރީ މުހައްމަދު އަސްލަމް؛ މިނިސްޓްރީން އޮތީ ދޫ ދޭ ގޮތަކަށް ނޫން--- ފޮޓޯ: މަޖިލިސް


ގާނޫނާ ހިލާފު ކަމަށް ބުނި ނަމަވެސް, ޕްލޭނިން މިނިސްޓްރީން ދޫދިނުމެއް ނެތް

30 ނޮވެންބަރު 2022 - 11:38 0

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ފާސްކޮށް، ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު" ގެޒެޓްކުރަން ނުފޮނުވާ ބާއްވާފައި އޮތީ ގަވައިދާ ހިލާފަށް ކަމަށް ކޮމިޓީން ނިންމި ނަމަވެސް, އެކަމުގައި މިނިސްޓްރީން ދޫ ދިނުމެއް ނުގެންގުޅޭ ކަމަށް ބުނެފި އެވެ.

އާ ގާނޫނުއަސާސީއަށް އަމަަލުކުރަން ފެށި އިރު ވަކި ގާނޫނަކަށް ނުފެތޭ ގޮތަށް ހުރި ގަވައިދުތަކުގެ ބެލެނިވެރިކަން ދިނީ އާއްމު ގަވައިދުތަކުގެ ގާނޫނަށެވެ. އެ ގާނޫނުގައިވާ ގަވައިދުތައް ފާސްކުރުމާއި ބަދަލުތައް ގެނައުމުގެ ޒިންމާ އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއަށެވެ.

ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު ކޮމިޓީން އެކުލަވައިލައި ޕްލޭނިން މިނިސްޓްރީއަށް ފޮނުވީ އެހެންވެ އެވެ. އެ ގަވައިދު އެކުލަވާލައި، ޕްލޭނިން މިނިސްޓްރީއަށް ފޮނުވީ 2018 ވަނަ އަހަރު އެވެ. އެ ގަވައިދު ގެޒެޓްނުކުރާކަން ކޮމިޓީއަށް އެނގިގެން އެ މައްސަލަ ބަލަން ފެށީ 2020 ވަނަ އަހަރު އެވެ.

އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެ ގަވައިދު ގެޒެޓުކުރަން ފޮނުވާފައި ނުވެ އެވެ. މި މައްސަލަ ކޮމިޓީން ދިރާސާކުރުމަށް ފަހު، ގާނޫނާ ހިލާފުވެފައިވާ ކަމަށް ނިންމިނަމަވެސް ސަރުކާރުގެ ފުލް މެޖޯރިޓީ އޮންނަ މަޖިލީހުން އެ ރިޕޯޓު ފާސްކޮށްފައި ނުވެ އެވެ.

ކޮމިޓީ މަރުހަލާގައި މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ގަވައިދުގައިވާ ގޮތުގައި މަތީން ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް 10 ބުރިއަށް ނެގުމުގެ ހުއްދަ ދިނުމުގެ ހުއްދަ ދީފިނަމަ، ހުޅުމާލޭގެ އިންފްރާސްޓްރަކްޗާއަށް ވުރެ އާބާދީ ގިނަވެގެން ދާނެ އެވެ.

އަދި، ގަވައިދު ގެޒެޓުކުރުން މަޑުޖައްސާލަފައިވަނީ އެޗްޑީސީގެ ޕްލޭނަރުންގެ ލަފަޔާއެކު އެ މައްސަލައިގައި އިތުރަށް މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމުމަށެވެ.

މިނިސްޓްރީން ގަވައިދާ ހިލާފުވި ކަމުގެ ތުހުމަތު

ރައްޔިތުންގެ މަޖިލީހަށް ގަވައިދު ކޮމިޓީން ހުށަހެޅި ރިޕޯޓު ފާސްނުވިނަމަވެސް، ރިޕޯޓުގައި ވަނީ މިނިސްޓްރީން އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގެ އިޖުރާއަތްތަކާ ހިލާފުވެފައިވާ ކަމަށް ބުނެފަ އެވެ.

""އެގޮތަށް އަމަލު ނުކުރާކަމީ ގާނޫނާ ހިލާފުވުން، އެހެންވީމާ މެންބަރުންނަށް ނިންމެވިދާނެ ޝަރީއަތަށް ވަޑައިގަތުމަށް ވެސް، ނުވަތަ ވަޒީރާ ގުޅޭ ގޮތުން ތިބޭފުޅުން ނިންމަވާ ނިންމެވުމެއް ނިންމުމަށް ވެސް،" ކަންބޮޑުވުން ފާޅުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އިތުރުން ވެސް ބަހުސް މަރުހަލާގައި ގިނަ މެންބަރުން ވަނީ މިނިސްޓްރީން ގާނޫނު ހިލާފުވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

ގާނޫނު އަސާސީއާ ހިލާފުވިކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް, "އަދަދު" އިން ސުވާލުކުރުމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މިނިސްޓްރީގެ ސްޓޭންޑު ބަދަލު ނުކުރާނެ ކަމަށެވެ.

"މިނިސްޓްރީން އެއްގޮތަކަށް ވެސް ތަރުހީބުދޭ ކަމެއް ނޫން އެއީ ހުޅުމާލޭގެ އިމާރާތްތައް 10 ބުރިއަށް ނަގައި އެތަން ތޮއްޖައްސާކަށް،" އަކްރަމް ވިދާޅުވި އެވެ.

މަޖިލީހުން ފާސްނުކޮށް ގަވައިދު ކޮމިޓީގެ ރިޕޯޓު ވަނީ އަލުން ކޮމިޓީއަށް ފޮނުވާލައިފަ އެވެ.