Advertisement

ކަސެމީރޯގެ ގޯލުން މޮޅުވެ ބްރެޒިލް ގަދަ 16 ބުރަށް

28 ނޮވެންބަރު 2022 - 23:12 0

ލަނޑު ޖެހުމަށް ފަހު ކަސެމީރޯ އުފާފާޅުކުރަނީ.


ކަސެމީރޯގެ ގޯލުން މޮޅުވެ ބްރެޒިލް ގަދަ 16 ބުރަށް

28 ނޮވެންބަރު 2022 - 23:12 0

ދޯހާ، ގަތަރު (ނޮވެމްބަރު 28) - ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކަސެމީރޯ ޖެހި ގޯލުން 1-0 އިން ސްވިޒަލެންޑް ބަލިކޮށް، ބްރެޒިލް އިން ގަދަ 16 ބުރުގެ ޖާގަ ޔަގީންކޮށްފި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ގަދަ 16 ޓީމުގެ ބުރުން ޖާގަ ޔަގީންކުރި ދެ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ އިތުރުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލް އެވެ.

ބްރެޒިލުން އެންމެ ފުރަތަމަ މެޗުގައި ސާބިއާ އަތުން 2-0 އިން މޮޅުވިއިރު، މިރޭ ސްވިޒަލެންޑް އަތުން މޮޅުވެވުނީ އުނދަގުލުންނެވެ. ގްރޫޕް ޖީގެ ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި ބްރެޒިލް އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްވިޒަލެންޑަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސާބިއާ އާއި ހަަތަރު ވަނައިގައި އޮތް ކެމަރޫނަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ސްޓޭޑިއަމް 974 ގައި މިރޭ ކުޅުނު މެޗަށް ބްރެޒިލުން ނުކުތީ އަނިޔާގެ ސަބަބުން ގްރޫޕް ސްޓޭޖުގައި ދެން ނުކުޅެވޭނެ ކަމަށް ނިންމާފައިވާ ނޭމާ ނެތި އެވެ. ނޭމާ ނެތި ބްރެޒިލްގެ އެޓޭކް ލީޑުކުރުމުގައި ތަފާތު ދެއްކީ ވިނީޝިއުސް ޖޫނިއާ އެވެ.

ބްރެޒިލްގެ ވިނީޝިއުސް ގޯލަށް ބޯޅަ ފޮނުވާލަނީ.


މިރޭގެ މެޗުގެ ދެ ވަނަ ހާފުގައި ވިނީޝިއުސް ވަނީ ގޯލެއް ވެސް ޖަހައިފަ އެވެ. އެކަަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ.

ލަނޑެއް ޖަހަން ބްރެޒިލުން ކުރި މަަސައްކަތް ކާމިޔާބުވީ މެޗުގެ 83 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ބްރެޒިލްގެ ރޮޑްރީގޯ ޖައްސާލި ބޯޅަ ކަސެމީރޯ ވަނީ އެއް ފަހަރުން ވޮލީ އަކުން ގޯލުގެ މަތީ ކަަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ސްވިޒަލެންޑްގެ ޑިފެންޑަރު، މެނުއަލް އަކަންޖީ ފައިގައި ވެސް ޖެހިފަ އެވެ. އެ ބޯޅަ ހުއްޓުވަން ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ސްވިޒަލެންޑުން ވެސް މި މެޗުގައި ގޯލެއް ޖެހޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު، ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އާއި ކެޕްޓަން ތިއާގޯ ސިލްވާ ވަނީ މޮޅު ކުޅުމެއް ދައްކައި ސްވިޒަލެންޑްގެ އެޓޭކްތައް ހުއްޓުވައިފަ އެވެ.