Advertisement

ރިޔާދްގައި މުޅިން އާ ބޮޑު އެއާޕޯޓެއް އަޅަން ރާވައިފި

29 ނޮވެންބަރު 2022 - 06:15 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރިޔާދްގައި ހުންނަ ކިންގް ހާލިދް އިންޓަނޭޝަނަލް އެއާޕޯޓް. -- ފޮޓޯ: ރޮއިޓާޒް


ރިޔާދްގައި މުޅިން އާ ބޮޑު އެއާޕޯޓެއް އަޅަން ރާވައިފި

29 ނޮވެންބަރު 2022 - 06:15 0

ސައުދީ އަރަބިއްޔާގެ ވެރިރަށަށް އިތުރު ތަރައްގީ ގެނެސް، ވައިގެ ދަތުރުފަތުރުގައި އިތުރު ހަރުފަތްތަކަކަށް ދިޔުމަށް ރިޔާދްގައި މުޅިން އާ، ބޮޑު އެއާޕޯޓަށް އަޅަން ރާވައި އިއުލާންކޮށްފި އެވެ.

އާ އެއާޕޯޓުގައި 2030 ވަނަ އަހަރު 120 މިލިއަން ދަތުރުވެރިން އަދި 2050 ވަނަ އަހަރު 185 މިލިއަން ދަތުރުވެރިންގެ ކެޕޭސިޓީ ގާއިމްކުރެވޭނެ ކަމަށް ސައުދީ އަރަބިއްޔާއިން އުއްމީދުކުރެ އެވެ.

އެއާޕޯޓަށް ނަން ދޭނީ އުމުރުފުޅުން 86 އަހަރުގެ ރަސްގެފާނު ސަލްމާންއާ ގުޅުވައިގެން ކަމަށް ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ހޯމަ ދުވަހު ވިދާޅުވި އެވެ.

"އެއާޕޯޓު މަޝްރޫއަކީ 2030 ވަނަ އަހަރުގެ ކުރިން ދުނިޔޭގެ އެންމެ ކުރީގައި އުޅޭ 10 އިގްތިސާދުގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމަނައި، ރިޔާދްގެ އާބާދީ 20-15 މިލިއަނަށް އިތުރުވުމުގައި އެހީއަކަށް ވާނެ މަޝްރޫއެއް،" ސައުދީ ޕްރެސް އެޖެންސީއިން ބުންޏެވެ.

މިހާރު ރިޔާދްގެ އާބާދީގައި ހިމެނެނީ އަށް މިލިއަނަށް ވުރެ މަދު މީހުންނެވެ. ވަލީ އަހުދުގެ "ވިޝަން 2030" އިސްލާހީ ބަދަލުތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރާ ގުޅޭ ގިނަ ލަނޑުދަނޑިތަކެއް ހިމެނެ އެވެ.

އެގޮތުން 2030 ވަނަ އަހަރުގެ ކުރިން ކޮންމެ އަހަރަކު ވެސް 330 މިލިއަން ޕަސެންޖަރުން ސައުދީ އަރަބިއްޔާއަށް ދަތުރު ކުރުމަކީ އެއް ލަނޑުދަނޑި އެވެ.

އޭގެ އިތުރުން ވައިގެ ދަތުރާ ގުޅޭ ސިނާއަަތަށް 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އިތުރުކޮށް، މުޅިން އާ ގައުމީ އެއާލައިނެއް ގާއިމްކޮށް، އަހަރަކު ފަސް މިލިއަން ޓަނުގެ މުދާ އުފުލުން ވެސް ހިމެނެ އެވެ.

ސައުދީ ޕްރެސް އެޖެންސީން ބުނީ އާ އެއާޕޯޓުގައި 2050 ވަނަ އަހަރާ ހަމައަށް ދާއިރު، 3.5 މިލިއަން ޓަނުގެ މުދާ ޕްރޮސެސް ކުރެވޭނެ ކަމަށެވެ.

"އެއާޕޯޓާ އެކު ދުނިޔޭގެ ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ރިޔާދް ގާއިމްކޮށް، ދަތުރުފަތުރާއި ވިޔަފާރި އަދި ފަަތުރުވެރިކަން ކުރިއަށް ޖެހި، އިރުމައްޗާއި ހުޅަނގާ ދެމެދު ބްރިޖެއް ގާއިމްކުރެވޭނެ،" ސައުދީ ޕްރެސް އެޖެންސީން ބުންޏެވެ.

ފަންސާސް ހަތް އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް އެއާޕޯޓު ފެތުރިގެން ދާނެ ކަމަށް ޑިޒައިންގައި ކުރަހާފައިވާ އިރު، އެ މަޝްރޫއަށް ދާނެ ހަރަދު އާއްމުކޮށްފައެއް ނުވެ އެވެ.

މިހާރު ސައުދީ އަރަބިއްޔާގެ އެންމެ ބާރުބޮޑު ބައިނަލްއަގްވާމީ އެއާޕޯޓު އޮންނަނީ ރަތް ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޖިއްދާ ސިޓީގަ އެވެ.

އެއީ ހައްޖާއި އުމްރާއަށް މައްކާއަށް ދަތުރު ކުރާ އެތައް މިލިއަން މުސްލިމުން ސައުދީ އަރަބިއްޔާއަށް އެތެރެވާ މައި ދޮރާއްޓެވެ. އެހެންވެ، ޖިއްދާ އެއާޕޯޓަށް "ގޭޓްވޭ ޓު މައްކާ"ގެ ގޮތުގައި ވެސް މުހާތަބު ކުރެ އެވެ.

އެހެން ނަމަވެސް ފަހަކަށް އައިސް އޮފިޝަލުން މަސައްކަަތް ކުރަނީ ޔޫއޭއީގެ ޑުބާއީއާ ވާދަވެރި މަރުކަޒެއްގެ ގޮތުގައި ސައުދީ އަރަބިއްޔާގެ މެދުތެރޭގައި އޮންނަ ރިޔާދް ކުރިއެރުވުމަށެވެ.