Advertisement

ސުލްހަ ނިމުމަކަށް ގެނެސް މުޅި ޕާކިސްތާނުގައި ހަމަލާތައް ދޭން ނިންމައިފި

29 ނޮވެންބަރު 2022 - 05:52 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު


ސުލްހަ ނިމުމަކަށް ގެނެސް މުޅި ޕާކިސްތާނުގައި ހަމަލާތައް ދޭން ނިންމައިފި

29 ނޮވެންބަރު 2022 - 05:52 0

ވަގުތީ ގޮތުން ސުލްހަ ގާއިމް ކުރަން މިދިޔަ ޖޫން މަހު ސަރުކާރާ އެކު އެކުލަވާލި އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ޕާކިސްތާނުގެ ތާލިބާނުން ބުނެފި އެވެ.

ތެހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިން ހޯމަ ދުވަހު ބުނީ ސުލްހަ ނިމިފައިވާ ކަމަށާއި މުޅި ޕާކިސްތާނުގައި ހަމަލާތައް ދޭން މެމްބަރުންނަށް އަންގާފައިވާ ކަމަށެވެ.

ޓީޓީޕީއަކީ އަފްގާނިސްތާނުގެ ތާލިބާނުންނާ ތަފާތު ގްރޫޕެކެވެ. އެހެން ނަމަވެސް، ދެ ގްރޫޕުން ވެސް ގެންގުޅެނީ އެއް ކަހަލަ ވިސްނުންތަކެކެވެ.

ޕާކިސްތާނުގައި 2007 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބޮޑެތި ހުރިހާ ޓެރަރިސްޓް ހަމަލާއެއްގެ ފަހަތުގައި ވަނީ ނުރައްކާތެރި ޓީޓީޕީ އެވެ.

"މުޖާހިދުންނާ ދެކޮޅަށް ގައުމުގެ އެކި ކަންކޮޅުތަކުގައި އަސްކަރީ އޮޕަރޭޝަންތައް ދަނީ ހިންގަމުން. އެހެންވީމާ، މެމްބަރުން ތިބި ތަނެއްގައި ތިބެގެން ހަމަލާތައް ދެމުން ދިޔުން ކޮންމެހެން ވެސް މުހިއްމު،" ޓީޓީޕީއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޕާކިސްތާނުގެ ރަށްފުށުގެ ހިސާބުގަނޑުގެ ބޮޑު ސަރަހައްދެއް މީގެ ކުރިން ޓީޓީޕީއިން ކޮންޓްރޯލް ކުރި އެވެ. އެ ތަންތަނުގައި ތަންފީޒު ކުރީ އެ ގްރޫޕުން ގަބޫލުކުރާ ހަމަތަކެވެ.

ޓެރަރިޒަމާ ދެކޮޅު މަސައްކަތުގެ ތެރެއިން ޓީޓީޕީގެ ގިނަ މެމްބަރުން ޕާކިސްތާނުން ފައްސާލި އެވެ. ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ގިނަ މެމްބަރުން އުޅެނީ އަފްގާނިސްތާނުގަ އެވެ.

އަފްގާނިސްތާނުގެ ތާލިބާނުން ވެރިކަމަށް އައުމާ އެކު ޓީޓީޕީއަށް ވެސް އާ ހިތްވަރެއް ލިބި، ޕާކިސްތާން ސަރުކާރާ ދެކޮޅަށް މަސައްކަތް ވަރުގަދަ ކުރަން ނިންމި އެވެ.

އެހެން ނަމަވެސް، ދެ ފަރާތުން އެއްބަސްވެގެން ވަގުތީ ސުލްހަ ގާއިމްކުރީ ޖޫން މަހު އެވެ. އެކަމަަކު އެއްބަސްވުމާ ހިލާފަށް އަމަލު ކުރާ ކަމަށް ޓީޓީޕީ އަދި ސަރުކާރުން ވެސް ތުހުމަތު ކުރެ އެވެ.