Advertisement

ދީބާޖާ މައްސަަލަ އަލުން ސިވިލް ކޯޓަށް ފޮނުވައިފި

28 ނޮވެންބަރު 2022 - 18:58 0


ދީބާޖާ މައްސަަލަ އަލުން ސިވިލް ކޯޓަށް ފޮނުވައިފި

28 ނޮވެންބަރު 2022 - 18:58 0

ރާއްޖޭގެ ބައެއް ރަށްރަށުގައި ނަރުދަމާ އަޅާ މަތިން ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރުން 2010 ވަނަ އަހަރު ދީބާޖާ އިންވެސްޓްމަންޓާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރުމުން ދައުލަތުން ދައްކަން ހުކުމް ކުރި 348,995,154ރ. ގެ މައްސަލަ އަލުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލައިގައި އޮކްޓޯބަރު، 2014 ގައި ސިވިލް ކޯޓު ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމުގައި ކަނޑައަޅާފައި އޮތް ބަދަލު ނެގުމުގެ ބައި ސުޕްރީމް ކޯޓުން އޮތީ އޮކްޓޯބަރު 9، 2022 ގައި ބާތިލްކޮށް ބަދަލު ނެގުމުގެ ބައި ބެލުން ދަށު ކޯޓަށް ތަހުވީލުކޮށްފަ އެވެ.

އެ އުސޫލުގެ ދަށުން ހައި ކޯޓުން މިއަދު ކުރި ކަމަކީ، ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އެ މައްސަލަ އަލުން ސިވިލް ކޯޓަށް ފޮނުވާލުމެވެ.

"އިސްވެ ބަޔާންކުރެވުނު ކަންކަމަށް ރިއާޔަތްކުރުމުން، މި މައްސަލައަކީ މި ކޯޓުން ވަކިގޮތެއް ކަނޑައެޅުމަށް ތަހުވީލްކުރި މައްސަލައެއް ނޫން ކަމާއި އެއާ ހިލާފަށް އެމައްސަލަ މިކޯޓަށް ތަހުވީލްކޮށްފައި ވަނީ، ސިވިލް ކޯޓަށް ތަޙުވީލްކުރުމަށްޓަކައި،" ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވެ އެވެ.

ދީބާޖާ މައްސަލަ އަލުން ސިވިލް ކޯޓާ ހަމައަށް އެ ދަނީ އެ ކޯޓުން ދީބާޖާއަށް އާދަޔާ ހިލާފު ބޮޑު ބަދަލެއް ނަގައިދޭން ހުކުމް ކުރިތާ އަށް އަހަރު ފަހުންނެވެ. އެހެންކަމުން، ސިވިލް ކޯޓުން ގެއްލުމުގެ ބަދަލު ނެގުމުގެ ބައި ނިންމާ ގޮތަކުން އަނެއްކާ ވެސް އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ދިޔުމުގެ ފުރުސަތު އޮންނާނެ އެވެ.