Advertisement

ރަށްރަށުގެ ކަރަންޓު އަގުހެޔޮކުރަން ހަ މަސް ދުވަހުގެ މުހުލަތެއް މަޖިލީހުން ދީފި

28 ނޮވެންބަރު 2022 - 14:30 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ


ރަށްރަށުގެ ކަރަންޓު އަގުހެޔޮކުރަން ހަ މަސް ދުވަހުގެ މުހުލަތެއް މަޖިލީހުން ދީފި

28 ނޮވެންބަރު 2022 - 14:30 0

ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓު ދޭން އަގު ނަގާ ރޭޓާއި ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓަށް ނަގާ އަގު ހަމަހަމަކުރަން ހަ މަސް ދުވަހުގެ މުހުލަތެއް ދިނުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް އިން ނިންމި ނިންމުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ކޮމިޓީން މި ގޮތަށް ނިންމާފައިވަނީ ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ދޭ ރަށްރަށުގައި ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓަށް ބިލުކުރާ ރޭޓް ބޮޑުކަމުންނާއި އެކަމުގައި މާލެއާ އެ ރަށްތަކާ ތަފާތުކުރާކަމުގެ ޝަކުވާ ވިޔަފާރިކުރާ ފަރާތްތަަކުން ކުރާ ކަމަށް ބުނެ ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ޝިޔާން ހުށަހެޅި ގަރާރު ދިރާސާކުރުމަށް ފަހުގަ އެވެ.

އެ ގަރާރު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެވަޑައިގެންނެވި 56 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ އަގު ލިސްޓްގައިވާ ގޮތުން 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ މިންވަރަކަށް ކަރަންޓް ބޭނުންކުރާ ނަމަ މާލޭގައި ނަގަނީ ޔުނިޓަކަށް 3.65 ލާރި ކަމަށް ވާއިރު ފެނަކައިން ކަރަންޓް ދޭ ރަށްރަށުގައި ނަގަނީ ހަރުފިޔާ އެވެ. ފެނަކައިން 100 ޔުނިޓާ 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75 ރުފިޔާ ނަގާ އިރު މާލޭގައި ނަގަނީ 3.35 ރުފިޔާ އެވެ.

ގަރާރާ ގުޅިގެން ކޮމިޓީން ވަނީ ފެނަކައާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީގެ އިތުރުން އެންވައިރަމެންޓު މިނިސްޓްރީގެ ލަފާ ހޯދާފަ އެވެ.

ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި މާލެ ސިޓީއާ އަޅާބަލާއިރު ރާއްޖޭގެ އެހެން ރަށްރަށުގައި ސަރުކާރުގެ އިމާރާތްތަކާއި ވިޔަފާރިތައް ވަރަށް ބޮޑު ތަނުން މަދުކަމާއި، އެހެންކަމުން، ގޭބިސީތަކަށް ނުއަގުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ވިއްކައިގެން ލިބޭ ގެއްލުން ދެކޮޅު ޖެއްސުމުގެ ފުރުސަތު ރަށްރަށުގައި އޮންނަނީ ވަރަށް ބޮޑަށް ހަނިވެފައި ކަމަށް ބުނެފައިވެ އެވެ.

އަދި، މިހާރުގެ ޓެރިފް ސްޓްރަކްޗާ ކުރެވިފައިވާ ގޮތުން، ވިޔަފާރި ކެޓަގަރީގެ ޓެރިފްތައް ރަށްރަށާއި މާލެއާ އެއްހަމަކޮށްފިނަމަ، ޔުޓިލިޓީ ކުންފުނިތަކަށް އިޔާދަނުކުރެވޭ ވަރުގެ އާމްދަނީ ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ހިދުމަތް ދޭ ފަރާތްތަކުން ކޮމިޓީގައި ބުނެފައިވެ އެވެ.

އެގޮތުން، އެ ކުންފުނިތަކަށް ރެވެނިއު ގެއްލުމުގެ ގޮތުގައި 91 މިލިއަން ރުފިޔާ އަންނަ އަހަރު ހަރަދު ވާނޭ ކަމަށް ލަފާ ކުރިނަމަވެސް، މި ހަރަދަކީ ބަޖެޓުން ކުރެވިދާނެ ހަރަދެއް ކަމަށް ނުފެންނަ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ކޮމިޓީގައި ބުނެފަ އެވެ.

އެއާއެކު ކޮމިޓީން ވަނީ ތިން ހުށަހެޅުމަށް ހުށަހަޅަން ފާސްކޮށްފަ އެވެ. ކޮމިޓީން ހުށަހަޅާ ކަންކަމަކީ:

  • ސީދާ ޓެރިފަށް ކުރާ އަސަރު ދެނެގަނެ ކަރަންޓުގެ ޚިދުމަތް ހަމަހަމަގޮތެއްގައި ވިޔަފާރިތަކަށް ފޯރުކޮށްދިނުމަށް ފުރިހަމަ ޓެރިފް ރިވިއުއެއް ހެއްދެވުމަށް ދަންނަވައި، މާލެ އާއި ރަށްރަށުގައި ހިންގާ ވިޔަފާރިތަކުގެ ޓެރިފް ރޭޓުތައް އެކި ގިންތިތަކަށް އެއްހަމަކުރުމުގެ މަސައްކަތް އަންނަ ޖޫން މަހަށް ނިންމުން
  • ކަރަންޓު ދިނުމަށް ބޭނުންކުރާ ސިސްޓަމްތަކުގެ އެފިޝަންސީ އިތުރުކޮށްގެންނާއި، ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެންނާއި، ޑީސަލްގެ ޚަރަދު ކުޑަކޮށްގެންނާއި އަދި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްގެން ޓެރިފް ރޭޓުތައް ކުޑަކުރުމަށް ކުރެވެން ހުރި އެންމެހައި މަސައްކަތް ކުރުމަށް އެންގުން
  • ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ބިލުކުރަމުންދާ އަގުތަކުގައި ހުރި ތަފާތުކުރުންތައް އެއްހަމަކުރުމުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އެންގުން