Advertisement

އިންޓަވިއުގެ މައްސަލައިގައި ބެލްޖިއަމްގެ ކުޅުންތެރިންގެ މެދުގައި "ކޯޅުމެއް"

28 ނޮވެންބަރު 2022 - 12:54 0


އިންޓަވިއުގެ މައްސަލައިގައި ބެލްޖިއަމްގެ ކުޅުންތެރިންގެ މެދުގައި "ކޯޅުމެއް"

28 ނޮވެންބަރު 2022 - 12:54 0

ޔޫރަޕްގެ ވަރުގަދަ ކްލަބްތަކަށް ގަވާއިދުން ކުޅޭ ކުޅުންތެރިންނާ އެކު، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ބެލްޖިއަމް އަކީ މުބާރާތުގެ "ފޭވަރިޓެއްގެ" ލިސްޓުގައި ގިނަ ބަޔަކު ހިމަނާ ސަބަބަކީ އެ ޓީމަކީ ފީފާ ރޭންކިންގެ ދެ ވަނަ ކަމަށްވުމާއި ކުޅުންތެރިންގެ ލެވަލަށް ބަލާއިރު، ތަފާތުތަކެއް ހުރުމުންނެވެ. މީޑިއާ އިން ބެލްޖިއަމްގެ ކުޅުންތެރިންނާ ސުވާލުކުރާއިރު ވެސް، ވިސްނުން ހުންނަނީ ބެލްޖިއަމްގެ ކުޅުންތެރިންގެ ފެންވަރަށް ބަލައިގެންނެވެ.

މި ފަހަރުގެ މުބާރާތުގައި ބެލްޖިއަމް އަށް ތަށި ހޯދިދާނެތޯ، ދި ގާޑިއަން އިން ކުރި ސުވާލަކަށް ބެލްޖިއަމް ޓީމުގެ ތަރި، ކެވިން ޑިބްރޭނާ ޖަވާބުދިންއިރު، ބުނެފައިވަނީ، ބެލްޖިއަމަށް އެއްވެސް ފުރުސަތެއް ނެތް ކަމަށާއި އެ ޓީމުގައި ގިނައިން ތިބީ "އުމުރުން ދުވަސްވެފައި" ތިބި ކުޅުންތެރިން ކަމަށެވެ.

އޭގެ އިތުރުން، ބެލްޖިއަމްގެ ކެޕްޓަން، އެޑެން ހަޒާޑް ދިން އިންޓަވިއުގައި ބުނެފައިވަނީ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ތިން ވަނަ ބެލްޖިއަމް އިން ހޯދިއިރު، އެ ޓީމު އޮތް ލެވަަލާއި މިހާރު ތިބި ހާލަތު ތަފާތު ކަމަށެވެ.

ބެލްޖިއަމް އިން މި ފަހަރުގެ ވޯލްޑް ކަޕް ފެށީ ކެނަޑާ އަތުން 1-0 އިން މޮޅުވެގެންނެވެ. އެކަމަކު، އެ މެޗުގައި ވެސް ބެލްޖިއަމްގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށް އެ ޓީމުގެ ކުޅުންތެރިންނާއި ކޯޗު، ރޮބާޓޯ މާޓީނޭޒް ވެސް އެއްބަސްވި އެވެ.

ޑިބްރޭނާ ދެއްކި ވާހަކައާ ބެހޭގޮތުން މާޓީނޭޒް ބުނީ ވޯލްޑް ކަޕް ތެރޭގައި ކުޅުންތެރިން ކޮންމެ ދުވަހަކު ވެސް މީޑިއާއާ ވާހަކަ ދައްކަން ޖެހޭއިރު، އޭގެތެރެއިން ދެކެވޭ ބައެއް ވާހަކަތައް މީޑިއާގައި ގެނެސްދޭއިރު، އެއީ ކުޅުންތެރިޔާ އަށް އެންމެ ރަނގަޅަށް އިބާރާތްކުރެވިގެން ބުނެވުނު އެއްޗަކަށް ނުވެދާނެ ކަމަށެެވެ.

ބެލްޖިއަމް ކުޅުނު ދެ ވަނަ މެޗުގައި ރޭ ވަނީ މޮރޮކޯ އަތުން 2-0 އިން ބަލިވެފަ އެވެ.

އެ މެޗަށް ފަހު ބެލްޖިއަމްގެ ޑިފެންޑަރު، ޖޭން ވަޓޯންގަން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވަނީ ނުސީދާ ގޮތަކަށް ޑިބްރޭނާގެ އިންޓަވިއު އާއި ހަޒާޑްގެ ވާހަކަތަކަށް ރައްދުދީފަ އެވެ. ވަޓޯންގަން ބުނީ ފަހަރުގައި މޮރޮކޯ އަތުން ބަލިވީ އެޓޭކް ގޯސްވެގެން ކަމަށް ވެދާނެ ކަމަށާއި އެޓޭކްގައި ތިބީ "އުމުރުން ދުވަސްވެފައި" ތިބި ކުޅުންތެރިންނަށް ވުން އެކަށީގެންވާ ކަމަށެވެ.

ބެލްޖިއަމް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވަޓޯންގަން މި ގޮތަށް ބުނެފައިވަނީ ޑިބްރޭނާ އާއި ހަޒާޑް ދީފައިވާ އިންޓަވިއުތަކަށް ރައްދެއް ދިނުމުގެ ގޮތުންނެވެ. އަދި ބެލްޖިއަމް ޓީމު ތެރޭގައި ޑިބްރޭނާގެ އިންޓަވިއުގެ މައްސަލައިގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށާއި ކުޅުންތެރިންގެ މެދުގައި ގުޅުން ވެސް ކުޑަވެފައިވާ ކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

މޮރޮކޯ އަތުން ބެލްޖިއަމް ބަލިވުމާ އެކު، އެ ގައުމުގައި ސަޕޯޓަރުން މެދުގައި ހިތްހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.